ލިލީ އިންޓަނޭޝަނަލުން ރާއްޖެއަށް އިތުރު ތިން ފްރެންޗައިސް ގެންނަނީ

ސީކްރެޓް ރެސިޕީން މާލޭގައި ހުޅުވި ރެސްޓޯރެންޓް: މިއީ 200 މީހުންގެ ޖާގައިގެ ތަނެއް ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ލިލީ ގްރޫޕުގެ ދަށުން ހިންގާ އެފްއެންބީ ސަބްސިޑަރީ ކުންފުނިކަމުގައިވާ ލިލީ އިންޓަނޭޝަނަލުން ރާއްޖެއަށް އިތުރު ތިން ފްރެންޗައިސް ބްރޭންޑު ގެންނަން ނިންމައިފިއެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިރު މަންސޫރު "ސަން"އަށް ވިދާޅުވީ މިހާރު ވެސް އެކުންފުނީގެ ހަތަރު ފްރެންޗައިސް ރެސްޓޯރެންޓެއް މާލޭގައި ހިންގަމުންދާ ކަމަށެވެ. އެއީ ސީކްރެޓް ރެސިޕީ އާއި މެރީ ބްރައުން އަދި އަމިއްލަ ފްރެންޗައިސެއް ކަމަށްވާ ޕިއްޒާ މިއާ އެވެ. މީގެ އިތުރުން ވެސް އެ ކުންފުނީގެ ކެފޭއެއް މީގެ ކުރިން ކާނިވާ ސަރަހައްދުގައި ހިންގި އެވެ.

ލިލީ ކެފޭގެ ނަމުގައި ހިންގި އެ ކެފޭގެ އާ އިމާރާތް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ސީކްރެޓް ރެސިޕީ ހިންގާތާ މިއީ ދެވަނަ އަހަރެވެ. މެރީ ބްރައުން އަށް ފަސް އަހަރު ވެފައިވާއިރު ޕިއްޒާ މިއާ ހިންގާތާ ވެސް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

އާމިރު ވިދާޅުވި ގޮތުގައި އިތުރު ތިން ފްރެންޗައިސްއެއް ރާއްޖެ ގެނައުމަށް މިހާރު އެ ކުންފުނިތަކާ މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ.

"ވަރަށް ރަނގަޅު ކޮފީ ލިބޭ ތަނެއް އެބަ ގެންނަން ވަރަށް އަވަހަށް ހުޅުމާލެއަށާ މާލެއަށް. އޭގެ އިތުރުން ބްރެޑުގެ އެއްޗެއް އެބަ ގެންނަން. އެއީވެސް ހަމަ ހުޅުމާލެއަށާއި މާލެއަށް. އަދިވެސް އެބަ ގެންނަން ބާބަކިއު ކޮންސެޕްޓްގެ ފްރެންޗައިސް އެއް. އެހެންވީމަ ޖުމްލަކޮށް ތިން ތަނެއް އަންނާނެ ވަރަށް އަވަހަށް،" އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ މިހާރު ހުރި ތަންތަނުގެ ޑިމާންޑު އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށާއި، އެތަނަށް އޮންނަ ޑިމާންޑު އެއްވެސް ވަރަކަށް ދަށް ނުވާ ކަމަށެވެ. އަދި އެތަންތަން ހިންގަނީ އެއްވެސް ވަރަކަށް އިސްތިހާރު ކުރުމެއް ނެތި ކަމަށާއި އެ ތަންތަނުގެ ސޭލްސް ވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

ލިލީ އިންޓަނޭޝަނަލްއަކީ ރާއްޖެއަށް ކާ ބޯތަކެތީގެ ބާވަތްތައް އެތެރެކުރާ އެންމެ ބޮޑު އެއް ކުންފުންޏެވެ. އެގޮތުން ނެސްލޭ ބްރޭންޑުގެ އުފެއްދުންތައް ރާއްޖެ އެތެރެ ކުރާ ހޯލްސޭލް ޑިސްޓްރިބިއުޓަރަކީ ވެސް ހަމަ އެ ކުންފުންޏެވެ. ނެސްލޭގެ އިތުރުން ވެސް އެ ކުންފުނިން އިންޓަނޭޝަނަލް 30 ބްރޭންޑެއް ރާއްޖެ އެތެރެކޮށް ހޯލްސޭލް ކުރެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް