ރާއްޖޭގައި ބޭއްވި ފެންވަރަށް ދެން މުބާރާތެއް ބޭއްވުމަކީ ޗެލެންޖެއް: އޭވީސީގެ އެސްޖީ

އޭވީސީގެ އެސްޖީ ސުނިލް-- ސަންފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގައި ބޭއްވި ފެންވަރަށް އޭވީސީ ސެންޓްރަލްޒޯން ވޮލީބޯޅަ މުބާރާތެއް ބޭއްވުމަކީ އެހެން ގައުމުތަކަށް ބޮޑު ޗެލެންޖަކަށް ވާނެ ކަމަށާއި ރާއްޖޭގައި ބޭއްވި ދެ މުބާރާތާ މެދު ވެސް ހިތް ހަމަ ޖެހޭ ކަމަށް އޭޝިއަން ވޮލީބޯލް ކޮންފެޑްރޭޝަންގެ ޖެނެރަލް ސެކްރެޓަރީ ސުނިލް ޑޭންގް ވިދާޅުވެއްޖެއެވެ.

ކައިރިކައިރީގައި ރާއްޖޭގައި ބޭއްވިގެންދިޔަ ބައިނަލްއަގުވާމީ ދެ މުބާރާތާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން ސުނިލް، ސަންސްޕޯޓްސްއަށް ވިދާޅުވީ، ރާއްޖެއިން ދެ މުބާރާތްވެސް އިންތިޒާމްކުރީ ވަރަށް ފުރިހަމައަށް ކަމަށާއި ދެން އެފަދަ އެހެން މުބާރާތެއް މި ފެންވަރަށް ބާއްވާކަމަށްވާނަމަ ވަރަށް ބައިވަރު މަސައްކަތް ތަކެއް އެހެން ގައުމުތަކުން ކުރަން ޖެހޭނެކަމަށެވެ.

" ވަރަށް އުފާވޭ މިކަހަލަ ކުޑަ ގައުމަކުން މިވަރުގެ މަސައްކަތެއް ކުރީމަ. އަންހެނުންގެ މުބާރާތައް ފަހު މި މުބާރާތް ބާއްވަން ފުރުޞަތު ދެވުނީމަ އެކަަމާ މިހާރު ހިތްހަމަޖެހޭ. ރާއްޖޭގެ ޔޫތު މިނިސްޓްރީން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރަން،" ސުނިލް ވިދާޅުވިއެވެ.

ދެން ރާއްޖެއަށް މިފަދަ މުބާރާތެއް ބޭއްވުމަށް ފުރުޞަތު ދިނުމާމެދު އޭވީސީގެ ހިޔާލަކީ ކޮބައިތޯ ދެންނެވުމުން ސުނިލް ވިދާޅުވީ އެކަން ނިންމާނީ އޭވީސީގެ ޖެނެރަލް މީޓީންގް އިން ކަމަށާއި މިހާ އިންތިޒާމް ތައް ފުރިހަމަަކޮށް، ބޮޑު މުބާރާތެއް ކުރިއަށް ގެންދިޔައީތީ ރާއްޖޭގައި އިތުރު މުބާރާތެއް ބޭއްވުމަށް ނިންމުމުގެ ފުރުޞަތު ބޮޑު ކަަމަށެވެ.

"ރާއްޖެއަށް ފުރުޞަތު ބޮޑު. ނަމަވެސް ނިންމާނީ އޭވީސީގެ ޖެނެރަލް މީީޓިންއިން. އެކަމަކު އަޅުގަނޑަށް ދަންނަވަން ކެރިދާނެ ރާއްޖެއާ އެއް ފެންވަރަށް ދެން މުބާރާތެއް ބޭއްވުމަކީ ފަސޭހަ ކަމެއް ނޫން ކަން،" ސުނިލް ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވިގެންދިޔައީ ސެންޓްރަލް ޒޯން ވޮލީ ބޯޅަ މުބާރާތުގެ އަންހެނުންގެ ޗެމްޕިއަންޝިޕެވެ. އަދި އެ މުބާރާތުގެ ފުރިހަމަކަމަށް ބަލައި ރާއްޖޭގައި އެ މުބާރާތުގެ ފިރިހެންބައި ބޭއްވުމަށް އޭވީސީން ވަނީ ހުއްދަދީފައެވެ. އަދި ރާއްޖޭގެ ވޮލީ ބޯޅަ އެސޯސިއޭޝަނުން ބުނީ ކުރިއަށް އޮތްތަނުގައިވެސް މިފަދަ އެހެން މުބާރަތްތައް ބޭއްވުމަށް މަސައްކަތް ކުރާނެކަމަށެވެ.

comment ކޮމެންޓް