އަނަސް ފުލުހަށް ހާޒިރު ކުރީ އެމްޑީޕީގެ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓަކާ ގުޅިގެން!

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުލްސައްތާރު -- ސަން ފޮޓޯ/ފަޔާޒް މޫސާ

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ފުލުސް އޮފީހަށް ހާޒިރު ކުރީ އެމްޑީޕީގެ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

މިރޭ 7:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ފަހު މީޑިއާ އާ ވާހަކަފުޅުދައްކަވަމުން އަނަސް ވިދާޅުވީ އޭނާ ފުލުހަށް ހާޒިރުކުރީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފުލުސް އޮފީހަށް ހާޒިރު ކުރަން ޗިޓް ފޮނުވުމުން، އެމަނިކުފާނު ހާޒިރުވާ ގަޑިއަށް ސަޕޯޓަރުން ހާޒިރުވާން ގޮވާލައި އެމްޑީޕީގެ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓަކާ ގުޅިގެން ސުވާލު ކުރުމަށް ކަމަށެވެ.

އަނަސް ވިދާޅުވީ އެގޮތަށް ޓްވީޓް ކުރުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ. އަދި މީގެ ކުރިންވެސް ސިޔާސީ ފަރާތްތައް ފުލުސް އޮފީހަށް ހާޒިރުވާއިރު ތާއީދު ކުރައްވާ ފަރާތްތަކުން ސަޕޯޓު ދެއްވުމަށް ފުލުސް އޮފީސް ކައިރިއަށް އެއްވުމަށް ގޮވާލާފައިވާ ކަމަށް އަނަސް ވިދާޅުވި އެވެ.

މީގެކުރިންވެސް އެފަދަ ކަންކަން ހިނގާފައި ހުރި އިރު އެއީ ކުށެއްކަމަށް ބަލައި ފުލުހުން އެކަހަލަ މައްސަލައެއް ތަހުގީގުކޮށްފައި ނުވާ ކަަމަށް އަނަސް ވިދާޅުވި އެވެ.

އަނަސް މިރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާއިރު އިދިކޮޅު ޕާޓީތަކުގެ ތެރޭގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި މައުމޫނުގެ ދަރިކަލުން އަދި މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނުވެސް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

comment ކޮމެންޓް