އަހަރެންގެ ހިތް އަނބުރާދީ

"ޝީ އިޒް. ޔަގީނުންވެސް. އާޒްއަށް އެނގޭތަ؟ ސީރިޔަސްކޮށް ފުރަތަމަ ގޯސްޓެއްކަމަށް ހީކޮށް ބިރުން ހަޅޭއްލަވާފައި ދޮންބެ ހަމަޖެހިލައިގެން ވަނީމަ އޭނައަށް ރަގަޅަށް ބަލައިލީ. ނޭގޭ ދެން އެ ބްރައުން ދެލޮލުން ބަލަން ހުރިގޮތަކުން ގޫޒްބަމްޕްސް މުޅިއަތުން ހިލުވާލި. ޝީޒް އިންޓު ސަމްތިން. އައިކެން ފީލް އިޓް......" އަޒަލް ތުންފިތާލިއެވެ.

"އައި އޯލްރެޑީ ހޭޓް ހާ....."އާޒީންވެސް ބޯ ހޫރާލިއެވެ. އޭނަވެސް އިނީ ބެކްޕެކްވެސް ނުނައްޓާ ޑްރެސިން ޓޭބަލްގެ ކައިރީގައި ހުރި ސްޓޫލްގައި އެއްފައި މައްޗަށް އަނެއްފައި އަރުވާލައިގެންނެވެ. އޭނައިނީ ހަގީގަތުގައި ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. ބައްޕަ އެގޮތަށް އަންގާވެސް ނުލާ ދޮންމަންމައަކު ގެނައީތީ ހިތުގައި ޝަކުވާ އުފެދިއްޖެއެވެ.

"އަދި އެމީހަކު އެވަރަށް ކިޔަކިޔާ އެ ފޮތިގަނޑުގެ ތެރެއިން ނުކުންނާކަށް ނޫޅުނު. ނޭގޭ ހުރި ކޮން ސިފައެއް ފޮރުވަންކަމެއްވެސް. ރީތި މީހެއްނަމަ ދެން ފޮނިދައްކަންވެސް ތިމާގެ ސިފަދައްކާ ނުލައެއް ނުހުންނާނެ. އެއްވެސް ކުއްޖަކު ދެން ނުބުނާތި މޫނު ބަލައިލަން ބޭނުމޭ. އެމީހާ މިތަނުން ނެރެލުން އަވަސްކުރަންވީ. ބައްޕަގެ ދިރިއުޅުން ބަރުބާދުނުކުރަނީސް އެ ވިހަގަދަ ކަށި އުފުރައިލަން ޖެހޭނެ..........."މެހެރީނާ އަޒަލްގެ ބޮލުގައި ފިރުމައިލިއެވެ.

ދޮންމަންމަ އިންނަކީ ދޮން ނިޔަދުރެއްފަދަ ބަޔެކެވެ. ކާއިރު ނިކަން ފޮނިވެފައި މީރުވާނެއެވެ. ކައިނިމިގެން ލާނީ އަރުތެރޭގައި ދޭނީ ހިތިރަހައެވެ. ދޮންމަންމައިން ދޮންދަރިންނަށް އިހާނެތި ވާނެވަރާއި ޖިސްމާނީ އަދި ނަފްސާނީގޮތުންވެސް އަނިޔާކުރާނެ ކަމަށްބުނެ އެކުދިން ސަލްވާއާއި ދެކޮޅަށް އަނބުރާލައިފިއެވެ. މެހެރީނާ އެ ޅަ ސިކުނޑިތަކާއި ފަސޭހައިން ކުޅެލިއެވެ. އެކިގޮތްގޮތަށް ވާހަކަދައްކާ ދޮންމަންމައާއި ދޭތެރޭ ނަފްރަތު އުފައްދަން ކުރި މަސައްކަތް ކިތަންމެހާވެސް ކާމިޔާބުވިއެވެ. އޭނަ މިގޮތަށް ވާހަކަދެއްކި ކަން ބައްޕައަށް އެނގިއްޖެއްޔާ ރުޅިދުރުވާނެކަމަށާއި ސިއްރުކުރަން އެދުނެވެ. ސިހުރުގެ ވަރުގަދަކަމުން ބައްޕަގެ ލޮލުގައިވެސް އަނދުން އަޅުވާފައިވާ ކަމަށާއި އެންމެންވެގެން އެ ނުބައި ނުލަފާ އަންހެނާ މިގެއިން ނެރެލަން ޕްލޭންތައް ރާވަން އެއްބަސްވިއެވެ.

ހައިކަލް ގޭގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަންއިރު ސިޓިންރޫމް އޮތީ ފަޅުކޮށެވެ. އެހާ ހިމޭނެވެ. ތަންކޮޅެއް ދަންވުމުން އެންމެން ނިދީކަން ހައިކަލްއަށް ޔަގީންވިއެވެ. ޓިއުމަރެއް ނަގަން ދިގު އޮޕަރޭޝަނެއްކޮށްފައި އައުމަށްފަހުވެސް އޭނަގެ މޫނުން ވަރުބަލިކަމެއް ނުފެނެއެވެ. ފެންވަރާލުމުން ހުންނަފަދަ ތާޒާކަމެކެވެ. ހޫނު ކޮފީމަގެއް ހިފައިގެންގޮސް ކޮޓަރިއަށްވަދެފާ ލެޕް ހުޅުވާލައިފިއެވެ. މެއިލް ޗެކްކޮށްލަންވެގެން އުޅެފައި ސަލްވާގެ މަތިން ހަނދާންވިއެވެ. އިސްމާއިލް ފޮނުވާފައި އޮތް ފޮޓޯ ދެވަނަފަހަރަށްވެސް ހުޅުވައިލިއެވެ. ކައިވެނީގެ ކުރިން ސަލްވާގެ ބައްޕަ އިސްމާއީލް ދަރިފުޅުގެ ސާދަ ފަނަރަ އަހަރުގެ ކަޅާއި ހުދުގެ ފޮޓޯއެއް ފޮނުވީ ކީއްވެބާވައޭ ހިތުގައި ސުވާލު އުފެދުނެވެ. އެ ފޮޓޯއިން އެކުއްޖާގެ ސިފަތަކާއި މޫނުގެ ބައްޓަން ފުރިހަމަވެފައި ތަފާތުކަމުގައި ފެނުނެވެ. ސާދާވިޔަސް ރީތިކަމުގެ މިސާލެކެވެ. އޭނަގެ ފޮޓޯއެއް ދަރިފުޅަށް ދައްކަން ބޭނުންވާކަމުގައި ބުނެ ލެޓިނުން ލިޔެފާއޮތް މެސެޖަށް ހައިކަލް ވަކި ޖަވާބެއް ނުދީ އޭނަގެ ފޮޓޯއެއްވެސް ފޮނުވިއެވެ. ކަޅާއި ހުދުންނެވެ.

ބައްޕަ ގުޅާފައި އަންނަން ބުނެފާ ފޯނު ކަނޑާލުމުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ހައިކަލް ދެނެގަތެވެ.

"ސިއްރުން ކައިވެނިކުރިކަން އެނގުނީމަ ބައްޕަ ރުޅިދުރުވީކަމަށްވާނީ. ބައްޕައަށް ކޮންމެވެސް މިންވަރަކަށް ކިޔައިދޭނީ. އެޓްލީސްޓް ދޭ ޑިޒާވް ޓު ނޯ. އެނގޭނެއްނު ސަލްވާ އެއުޅެނީ ވަކި ކޮޓަރިއެއްގައިކަން. އަހަރެމެންގެ ރިލޭޝަނެއް ނެތްކަން. އޭރުން ބައްޕަ ހަމަޖެހޭނެ...." ހައިކަލް ކޮފީތަށި ދަމާލުމަށްފަހު މަޑުމަޑުން ދޮރުލައްޕާލައިފިއެވެ. ސަލްވާގެ ކޮޓަރީގެ ކުޑަދޮރުތަކުގެ ފޮތިތައް ދަމާލާފަ ހުރިއިރުވެސް ފަނޑު އަލިކަމެއް ފެންނަން ހުއްޓެވެ. ސަލްވާވެސް އޮންނާނީ ނިދާފައިކަން ނޭގެއެވެ. ފޮޓޯއެއް ފެނިފައި ހުއްޓަސް އެކުއްޖާ ހުރި ސިފައެއް ޚިޔާލަކަށް އަދިވެސް މުޅިއަކުން ނުގެނެވެއެވެ.

އަބުދުލްއަޒީޒު އެރޭ ގެއަށް ދުރުވުމާއިއެކު ޒައިތޫން ރޮއިފާ ހައިކަލްގެ އެ ސިއްރު ކައިވެނީގެ ވާހަކަދައްކާފައި ރޯންފެށިއެވެ. އަބުދުލްއަޒީޒުވެސް ހުރީ ކަންތައްބޮޑުވެފައެވެ. ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަ ހިނގާ ހުރިއިރު ޒައިތޫންވެސް ސޯފާއެއްގައި އެމަންޒަރުދެކެން އިނެވެ. އެންމެފަހުން ހައިކަލްގެއަށް އަންނާނެ އިރުކޮށްފައި ގުޅާފައި އަމުރުކުރީ ވަގުތުން އެކޮޓަރިއަށް އައުމަށެވެ. ދުވަހަކުވެސް ހައިކަލްދެކެ ރުޅިނާދެވޭ ވަރަށް އަބުދުލްއަޒީޒުގެ ހިތުގައި ރުޅިވެރިކަން އުފެދިގަތެވެ. އޭނަގެ ފަޚުރުކަމުގައިވި ފިރިހެންދަރިފުޅު އޭނަގެ އަގު މިގޮތަށް ވައްޓާލުމުން ހިތަށް ކެތެއް ނުވިއެވެ. ޒައިތޫންއަށް އެކަން ވިސްނި ގަދަޔަށް ރޯންފެށީ އަދިވެސް ބޮޑަށް އަބުދުލްއަޒީޒު ލައްވާ ހަރުކަށި ފިޔަވަޅެއް އެޅުވުމަށެވެ. ހައިކަލް އެ އަންހެންމީހާ މިގެއިން ނުނެރެނީސް ޒައިތޫންއަށްވެސް ހަމަޖެހިގެން އެންމެ ނޭވައެއްވެސް ނުލެވޭނެއެވެ. ހައިކަލް މިފަދަ މޮޔަކަމެއްކުރީ ކީއްވެބާވައޭ އެތައްފަހަރު ހިތާ ހިތުން ސުވާލުކުރެވިއްޖެއެވެ. ޖަވާބެއް ނުލިބުނެވެ.

ހައިކަލް ކޮޓަރީގެ ދޮރު ހުޅުވުމާއިއެކު ކަންކަށިމައްޗަށް އެރި ދިލައެތިފަހަރުގެ ސަބަބުން ހައިރާންކަމެއްލިބުނެވެ. މިނޫނީ ދުވަހަކުވެސް ބައްޕަ އޭނަގެ ގަޔަށް އަތްލާފައެއްނުވެއެވެ. ބައްޕަ އޭނަދެކެ ނުރުހުންވެ ބަހެއްބުނި ހަނދާނެއްވެސް ނުވެއެވެ. ކިޔަމަންތެރި ދަރިއެއްގެ ގޮތުގައި ހުރުމުގެ ސަބަބުން އޭނަގެ މައިންބަފައިންގެ އިތުރުން އެހެން ބަޔެއްގެ ނުރުހުމެއްވެސް އަމާޒުވެފައެއް ނުވެއެވެ. އަދި ބަލިމީހުންނާއި އޭނަގެ އޮންނަ ގާތްކަމާއި ހިތްހެޔޮކަމުގެ ސަބަބުން ބަލިމީހުންގެ ފަރާތުންވެސް ލިބެނީ އިހުތިރާމްއާއި ލޯބީގެ އިންތިހާއެވެ.

"ބައްޕާ........" ހައިކަލްގެ މޫނަށް ލަދުވެތިކަމުގެ ރަތްކުލަވެރިވިއެވެ.

"ތިނަމުން މުޚާތަބުކުރާމީހެއްގެ ހައިސިއްޔަތެއް މިއަދު ހައިކަލްގެ ކައިރީގައި ހުރިކަމަކަށް ގަބޫލެއްނުކުރަން. އެހާ ބޮޑު ނިންމުމެއް ނިންމިއިރު ތިބުނާ ބައްޕައަކު އެއްފަސްގަނޑެއްގައި ހުރީ އެކަމަކު މަޝްވަރާކުރުމަކީ ބޭނުންކަމެއް ކަމުގައި ނުފެނުނު. ރާއްޖެތެރޭގައި ކޮންމެވެސް އަންހެނަކު ގެނެސް ގެއަށް ވެއްދިއިރު ހައިކަލްގެ ފެންވަރަކީ އެއީއެއްނޫން. ހައިކަލް ދަންނަ އެއްވެސް މީހަކު ގަބޫލުކުރާނެ ޒާތުގެ ކަމެއްނޫން. ހައިކަލްއަށް އޭނައާއި ބެހޭގޮތުން ކޮންކަމެއް އެނގެނީ؟ އޭނަ ބަލިވެއިނދެގެން ދަރި ބޮލުގައި އަޅުވަން ކުރިކަމެއް ކަމާއިމެދުވެސް ޝައްކުވާން ފަށައިފި. އަހަންނަށް ގަބޫލެއްވެސް ނުކުރެވޭ އަހަރެންގެ ދަރިއަކު މިކަހަލަ ގަނޑެއް ގަނެފާނެކަމަކަށް. ހައިކަލް ލަދެއްވެސް ނުގަނޭތަ....." އަބުދުލްއަޒީޒު ދުވަހަކުވެސް މިފަދަ ރާގަކަށް އޭނައާއި ވާހަކަދައްކާފައެއް ނުވެއެވެ.

"ބައްޕާ. އަޅުގަނޑު ދައްކާ ވާހަކަ އަޑު އައްސަވާފައި ގޮތެއް ނިންމަވައިފިއްޔާ ރަގަޅު.........." ހައިކަލް އަދަބުވެރިކަމާއިއެކު ވާހަކަދެއްކިއެވެ.

ހައިކަލް ދެރަވެފައިހުރި ވަރު ފެނި އަބުދުލް އަޒީޒުއަށް އަސަރުކޮށް ރުޅި ފިނިވާން ފަށައިފިއެވެ.

"މިހިރީ އަޑުއަހަން. ހައިކަލް ކުޑައިރުއްސުރެން އެދުނު ކަމަކަށް ނޫނީ ވާހަކައެއް ދައްކަން ބޭނުންވުމުން އަޑުނާހާ މި ބައްޕަ ދުރަށް ގޮސްފައެއްނުވާނެ..ހައިކަލްއެއް ނޫންތަ ބައްޕައަށް ސިއްރުން ވިޔާނުދާކަމެއްކޮށްގެން ތިއުޅެނީ. މީހަކަށް އިވިއްޖެއްޔާ ލަދުން ހަލާކުވާނެ........" އަބުދުލް އަޒީޒު ހައިކަލް އިށީންނަން ސޯފާއަކަށް އިޝާރާތްކުރިއެވެ. ޒައިތޫން އިނީ ހިމޭނުންނެވެ. ހައިކަލް ގެ ފަރާތުން ރަގަޅު ޖަވާބެއް ލިބޭނެކަމުގެ އުއްމީދުގައެވެ.

"އަޅުގަނޑުގެ މިކައިވެންޏަކީ ދެއްކުންތެރިކަމެއް. ހަގީގަތެއްނޫން. ސަލްވާ މިގެއަށް ގެނައީ މުޅިން އެހެން މަގުސަދެއްގައި. މިވަގުތު އެސަބަބު ހާމަކޮށްދެވޭކަށް ނެތް. ބައްޕަމެން މާފުކޮށްދެއްވާ. އަޅުގަނޑު އެދެނީ އިތުރުމީހަކަށް އެކަން ނޭންގުން. އެކަމަކު ދާދި އަވަހަށް ހުރިހާ ހަގީގަތެއް އެންމެނަށް އެނގުމަކީ އަޅުގަޑުގެވެސް ދުޢާ. ބައްޕައާއި މަންމަގެ ހިތް ބުރަވާފަދަ އެއްވެސް ކަމެއްކުރާކަށް އަޅުގަނޑު ނެތިން......" ހައިކަލްގެ ފަރާތުން ތަފްސީލު ނުލިބުމުން ޒައިތޫން އަށް އުދަގޫވިއެވެ. ނަމަވެސް ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވިއްޖެއެވެ.

"މަންމަމެންވެސް ދުވަސްކޮޅަކަށް އަޅުގަޑަށްޓަކާ އޭނަ ނަމެއްގައި އަންބެއްގެ ގޮތުގައި މިގޭގައި ގެންގުޅުމަކީ ވަރަށް ބޮޑު އެދުމެއް. ނިކަމެތި ބަޔަކަށް ކަމެއްކޮށްދިނުމަކީ އަޅުގަނޑުމެންގެ އިއްޒަތާއި ގަދަރަށް އުނިކަމެއް ނުލިބި އެކަމުން އަގު އުފުލިދާނެކަމެއްކަން ބައްޕަމެންނަށް އެދުވަހަކުން އެގިލައްވާނެ........." ހައިކަލް ގެ ދެލޮލުގައިވާ ޝުއޫރުތަކާއި ސިއްރުތައް މައިންބަފައިންނަށްވެސް ހާމަކުރާކަށް ނޫޅުނެވެ.

މެހެރީނާ ދޮރުފަތުގެ ނިވަލުގައި އަޑުއަހަން ހުއްޓެވެ. މުޅިން ދޮރު ނުލެއްޕުމުން ކިތަންމެ ރީތިކޮށްވެސް އިވުނެވެ. އިތުރަށް އަހަން ހުއްޓާ ފަޅާއަރާނެކަމުގެ ބިރުހީވެފަ އަވަސް އަވަހަށް އެއްފަރާތަށް ޖެހިލިއިރު ތުންފަތްމައްޗަށް މަލާމާތުގެ ހިންޏެއް ވެރިވެއްޖެއެވެ.

"ވީއިރު ހީކުރިގޮތަށް މިވީ. ނަމެއްގެ ގޮތުގައި ހުރި އަންބެކޯ. އައްޗީ. ކޮންކަހަލަ އަންހެނެއް. މޮޔަބޮޑުވެގެން އަހަރެމެންގެ ދޮންބެއާއި މަތިންބައިން ޖެހިގެން ބޯ ކޮޅު ބަލައިގެން ހުރި އަންހެން ފުރޭތައެއް. ހަންޑި ގަނޑުވަރު ދޮންކަމަނަ. އަދި މާ މާތްމީހަކަށް ވާންވެގެން މޫނު ބުރުގާ އަޅައިގެން އެހެރީ. އޭގެ ނިވަލުގައި ތިބެ ދުނިޔޭގައި ލެއްވިހާ ނުބައިކަމެއް ކުރާކަން މިއެނގުނީ. ދޮންބެ އަށް މަޖުބޫރުކުރަން އެ އަންހެނާ ކުރިކަމެއްވެސް ނޭގޭ.....މިކަމުގެ އެންމެ އަޑިއަށް ފީނައިގަންނަން ޖެހޭނެ. މިގެއަށް ވަންނަން ހިތަށް އެރުވީތީ ކަރުނަ އަޅާނެ. ސަންތި މަރިޔަބު ދޮންބެ ބްލެކްމެއިލްކުރީތީ ކުޅި ދައްކާލާނަން.........." މެހެރީނާ އެންމެ ކުރިން އެ އަޑު އިއްވައިލަން ބޭނުންވި ފަރާތްތައް ނިދާފައިވާނެކަން އެނގުމުން އިންތިޒާރުކުރުންވެސް އުދަގޫކަމަކަށްވިއެވެ. ދޮންތަމެން ތިބީ އެތައް ހާސް މޭލުދުރުގައެވެ. ކެތްނުވެގެން ވަގުތުން ދޮންތަމެންނަށް ގުޅައިގެން އެ ޚަބަރު އިއްވާލައިފިއެވެ. ހުރިހާ އެންމެނަށް ޚަބަރުދިނުމުގެ ފޯރީގައި އިންއިރު ވަގުތު ވޭތުވަމުން ދިޔަގޮތެއްވެސް ނޭގުނެވެ.

ރޯޒްމެހެލްގައި އެންމެން އެކީގައި ކެއުމަށް އިންސާފުކުރުމަކީ ޒައިތޫން މާ ކުރީއްސުރެން އާދަކުރުވާފައިވާ ކަމެކެވެ. އެކީގައި ވަގުތުހޭދަކޮށްލާ ކަންތައްތަކާއި މަޝްވަރާކުރެވި ގުޅުން ބަދަހިވާނެކަމެއްކަމުގައި ޒައިތޫންދެކެއެވެ. އިރުނާރަނީސް މެހެރީނާ ސަލްވާއަށް ގޮވާގެނެސްގެން ނާސްތާ ތައްޔާރުކުރުވިއެވެ. ފާޑުވެރިކަމާއިއެކު ސަލްވާ މޭޒުވެސް ތައްޔާރުކުރިއެވެ. މެހެރީނާ ސުޕަވައިޒަރެއްހެން ހުރެގެން ކުރަންވާ މަސައްކަތް ދެއްކިއެވެ. ކާކޮޓަރިއާއި ދިމާލުން ނިކުމެވެން ހުރި ދޮރު ހުޅުވައިލިއިރު އެތަންވެސް ހީވަނީ މާ ބަގީޗާއެއްހެންނެވެ. ބޮޑެތި ޕޮޓްތަކުގައި ރަތްމަލެއް އަޅާފައި ހުރި ގަސްބޮނޑިތަކެއްހުރިއިރު އެންމެ ފަތެއްވެސް ފެންނާކަށްނެތެވެ. އެކަމަކު އެދިމާލުން ހުރި ބިޔަގަހަކުން ވެރިވެފައިވާ ފަތްތަކުން ޚަރީފު އައިސްފައިވާ ކަހަލައެވެ. ހިކިފަތްތައް ނަގާ އެހިސާބު ސާފުކުރަން އެންގިއެވެ.

"ފަހަރި ދައްތާ. ދޮންބެ ދުރުވަންވާ އިރަށް މޭޒު ދޮށަށް އަންނަންވާނެ. ދޮންބެ މީހުންނަށް ސިމްޕަތީވާވަރުން ދެރަވާނެ މެއިޑެއްހެން މަސައްކަތު އޮތީމަ. ދޮންބެ ކުޑައިރުއްސުރެން ވަރަށް އެފާޑު ހުރޭ. ސަލާމް ޖަހާ ކުދިންނާއި އެކުވެރިވެގެން އެކުދިންނާއި އެކު ކުޅެން އުޅޭނެ. އެކުދިންނަށް ނުދީ ނުއެއްކެވޭނެ. އަހަރެންގެ ސަބަބުން ނޫންނަމަ ދޮންބެ އެކުދިން ގެއަށްވެސް ވައްދާ އޮޅުކުރާނެ. އެހުންނަ ހިތްހެޔޮކަމަކުން އެޑްވާންޓޭޖްވެސް އެނެގެނީ. އެންޖެލްއަކާއި ބަބުރު މަންޖެއާއި ގުޅޭނެތޯ އަމިއްލަ ހިތާއި ސުވާލުކޮށްބަލަ......."މެހެރީނާ އެއްޗެހި ކިޔާވަރުން ސަލްވާ ހުރީ އުދަގޫވެފައެވެ. ނަމަވެސް އޭނަ އެކަމާއި ދެކޮޅަށް ތެދުވާނީ ކިހިނެއްހެއްޔެވެ؟ ޖަވާބެއްދެވޭނީވެސް ކިހިނެއްހެއްޔެވެ؟ އެވާހަކަތަކުގައި ދޮގެއްނުވެއެވެ. އޭނައާއި މިފަދަ ގަދަރުވެރި އާއިލާއަކާއި ނުގުޅޭކަމުގައި ޚުދު އޭނަވެސް ގަބޫލުކުރެއެވެ. ސަލްވާ ހިމޭނުން ހުރެ ފަތްތައް ނަގާ ސާފުކުރުމަށްފަހު ހިންދެމިލިއެވެ. އޭރު އިރުގެ އަލި ފަތްތަކުގެ ދޭތެރެއިން ފީކޯތްކުޅެން ފަށައިފިއެވެ. ފިނިކަމުގެ މައްޗަށް ހޫނުކަން ކުރި ހޯދުމުން ސަލްވާއަށްވެސް އުދާސްވެ ދާހިއްލާގޮތްވިއެވެ. ނަމަވެސް ކަޅުހެދުން ބާލާފައި މި އާއިލާގެ އެއްވެސް މީހެއްގެ ކުރިމައްޗަށް ދާކަށް ނުކެރޭނެއެވެ.

ނަސީބަކުން އެހެން މީހަކު ނާންނަނީސް އެމަސައްކަތް ނިންމާލާފައި އޭނައަށް ކާކޮޓަރިއަށް ވަދެވޭވަރުވިއެވެ. އެންމެންނާއިއެކު އެއްމޭޒެއްގެ ދޮށުގައި އިށީންނަންވުމުން ޖެހިލުންވިއެވެ. މެހެރީނާ އަމުރުކުރީ ސައިގާ ބައިވެރިވާން ޖެހޭނެކަމުގައެވެ. ހުކުރުދުވަހު ހެނދުނު ނާސްތާގައި އަބަދުވެސް އާއިލާގެ އެކި ކަންތައްތަކުގައި މަޝްވަރާ ކުރެވޭނެކަމުގައާއި އެމީހުންގެ ހައިބަތާއި ގަދަރު އޮޅުން ފިލާނީ އޭރުންކަމުގައި އެންގިއެވެ. މެހެރީނާގެ ބޮޑާކަމާއި ކިބުރުވެރިކަން ހުރި މިންވަރު ހައްތަހާ ބޮޑަށް ހާމަވިއެވެ. ސަލްވާގެ ހިތުގައި ފޫހިކަން އުފެދުނަސް އެ ޖަޒުބާތުތައް ނެތިކޮށްލާ ހިތް ސާފުކުރަން އޭނަ ހިތަށް ބާރުއެޅިއެވެ.

ހައިކަލްއާއި އަބުދުލް އަޒީޒު އައުމަށްފަހުވެސް ހައިކަލް ކޮންމެހެން ކުދިންނަށް ދޮންމަންމަ ތަޢާރަފުކޮށްދޭކަށްވެސް ނޫޅުނެވެ. މާއިޒް ފިޔަވާ އެންމެންހެން ކާކޮޓަރީގައިވާ ބޮޑު މޭޒުގައި އެމީހަކަށް ކަނޑައަޅާފައިވާ ގޮނޑިތަކުގައި ހަމަޖެހިލައިފިއެވެ. އެދެބަފައިން ދައްކަމުން ދިޔައީ ވިޔަފާރީގެ ވާހަކައެކެވެ. ކެއުމަށް އިންސާފުކުރެވެން ފެށުނެވެ. އެންމެފަހުން އަބުދުލް އަޒީޒު ދިން ޚަބަރަކުން ކުޑަކުއްޖެއް ފަދައިން ފުންމައިގަންނަން މެހެރީނާ ބޭނުންވިއެވެ. ދިގު އިންތިޒާރަކަށްފަހު އޭނަގެ ހުވަފެންވެސް ފުރިހަމަވީއެވެ. ބައްޕަ އޭނައަށްޓަކާ "މެހެރްޓީވީ" ގެ ނަމުގައި ޗެނެލްއެއް ހުޅުވާލަދެނީއެވެ. އެ އިމާރާތް ފުރިހަމަވެ އަންނަ ހަފްތާގެ ހުކުރުދުވަހު ހުޅުވައިލެވޭވަރުވާނެއެވެ. އެތާގެ ޑައިރެކްޓަރަކަށް މެހެރީނާއަށް ހުރެވިދާނެއެވެ. އެންމެނަށްވެސް ލިބުނު އުފާވެރިކަމުން އެކަކު އަނެކަކާއި ވާހަކަދައްކަމުން ދިޔައިރު ސަލްވާ އިނީ ބާކީވެފައެވެ. އޭނަ އެންމެންގެ ލޯތަކަށް ގެއްލިފައިއިންފަދައެވެ. ސަލްވާއިނީ އުލުން ބިސްގަނޑު ކާންވުމުން އުދަގޫވެފައެވެ. އެތިކޮޅެއް ކަނޑާލުންވެސް ފަސޭހަކަމަކަށްނުވިއެވެ.

"އަޅުގަނޑު ފެޝަން ޑިޒައިނަރަކަށް ވާން ބޭނުންވާއިރު އެތަނުން އިޝްތިހާރުކުރެވޭގޮތް ވާނެތޯ ކާފާ...." އާޒީންގެ ދެލޯ ވިދައިލިއެވެ.

"މެހެރްދައްތައާއި ތި ސުވާލުކޮށްބަލަ ދަރިފުޅާ...." އަބުދުލްއަޒީޒު އިނީ އެންމެ ނާކާމިޔާބު ދަރިފުޅުގެ އުއްމީދުތަކުގައި ކުލަޖައްސާދެވުމުން ބަޔާންނުކުރެވޭފަދަ އުފަލެއްލިބިފައެވެ.

"އާޒްއާއި ޒެލްވެސްވީ އެތަންކުރިއަރުވަން މަސައްކަތްކުރަން. ވީހާއަވަހަކަށް އެބަޖެހޭ ދެން މުވައްޒަފުން ހޯދަން އިއުލާންކުރުން. ދެން އިންޓަވިއު ކަންތައްތައްވެސް އޮނާނެދޯ. އާޒް ބޭނުމިއްޔާ ފެޝަންޓީވީގައި އިންނަގޮތަށް ހެދުންތައް އިޝްތިހާރުކުރަން ހަމަ ދެގަޑިއިރުވެސް ދެވިދާނެ. އާޒް މޮޑެލުން ހޯދާ އެކުދިންނަށް ހެދުން ތައްޔާރުކުރަންވީ....." މެހެރީނާގެ ދެލޮލަށް ކަރުނަ ޖަމާވީ އުފަލުންގޮހެވެ. ދެތިންފަހަރު އޭނަ ބައްޕައަށް ޝުކުރުއަދާކުރިއެވެ.

"މޮޑެލުންގެ މޭކަޕް ކަންތައްތައް މާމަގެ ސެލޫންއިން ފުރިހަމަވާނެ. އަޒަލް އަށް އެތާގައި ޕާޓްޓައިމްކޮށް މަސައްކަތްކުރެވޭނެ. ހުރިހާ ކުދިން ގުޅިގެން މަސައްކަތްކުރަން ރަގަޅު ފުރުސަތެއް މިއޮތީ. ސެލޫންއާއި ޖެހިގެން ޓީވީ އިމާރާތްހުރުމުން އެތައް ގުނަ ފަސޭހަވެގެންދާނެ......." ޒައިތޫންވެސް އިނީ އުފާވެރިގޮތެއް މޫނަށް ވެރިކުރުވައިގެންނެވެ. ސަލްވާދެކެ ހިތުގައިވާ ރުޅިވެރިކަން އޮއްބާލަންވެގެން އޭނަ އަމިއްލަ ނަފުސާއި ހަގުރާމަކުރަން ދިޔައީ ފަރުޟުވެފައިވާ ޖިހާދެއްފަދައިންނެވެ. އޭނަގެ ހިތް އެހެން މީހަކަށް ފެންނާނެނަމައެވެ. އެހިތުގައި ސަލްވާއަށް އޮތީ ނަފްރަތުގެ އިންތިހާއެވެ. އޭނަގެ ފަޚުރުކަމުގައިވާ ފިރިހެންދަރިފުޅުގެ ހަޔާތަށް ފާވެގެންއުޅޭ މާރިދެކޭ އެ އަންހެނާއެކޭ އެއްވެސް ތަފާތެއްނެތެވެ.

"ދެން ޕްރޮގްރާމްތައް ކިހިނެއްވާނެ؟ " އަޒަލްވެސް ހުރީ ވަރަށް ފޯރި ހިފާފައެވެ. އޭނަގެ ސިކުނޑިއަށް ޖެހިފައިވާ މައްސަލައާއި މީހުންގެ ތެރޭގައި އުޅެން އުދަގޫވާނެވަރު އޭރު ހަދާނެއްވެސް ނެތެވެ. އޭރު ހައިކަލްއަށް ފޯނެއް އައިސްގެން އެއްފަރާތަށް ޖެހިލައިފިއެވެ.

"މިސާލަކަށް ދޮންބެއަށް ހެލްތާއިމެދު މީހުން އެވެއާކުރަން ސިއްހީ ޕްރޮގްރާމެއް ހުށަހެޅިދާނެ. ޔަގީނުންވެސް އަންހެންކުދިން މޮޔަވާނެ. ހެންޑްސަމް ޑޮކްޓަރ ހައިކަލްގެ މޫނު ދެކެލަންވެސް ހުރިހާ އަންހެނުން ޓީވީ ދޮށަށް ޖަމާވާނެ. އެހެންވީމަ އެ ޕްރޮގްރާމް ހިޓްއެވީ. ދެން އޮފްކޯޒް ޚަބަރާއި ސިޔާސީ ކަންތައްތަކަށްވެސް ޓައިމް ދޭންވާނެ. ޑްރާމާވެސް ހިމަނާނީ. ބޮޑަށް ޒުވާނުން މުނިފޫހިފިލުވާކަހަލަ ޕްރޮގްރާމްތައް ހިމަނަން މަސައްކަތްކުރާނަން. ލައިކް އެމެރިކަން އައިޑަލް ކަހަލަ. ދެން މިއާއިއެކު އެކީގައި ނޫހެއްވެސް އޮންލައިންކޮށް ގެނައުމުން އަދި އެޑްރީމްގައި އިތުރު ކުލަ ޖެއްސުނީ....." މެހެރީނާ އޭރުވެސް އިނީ ހުރިހާ ދަތްތައް ފެންނަވަރަށް ހެވިލާފައެވެ.

"ދީނީ ޕްރޮގްރާމެއް ނެތްތަ؟ " އަޒަލް ސަލްވާއިން ދިމާލަށް ކަޅި އަޅާލާފައި ޖެއްސުމަށް އަހާލައިފިއެވެ.

"މިއީ ޕީސް ޓީވީހެން ދީން ފަތުރަން އުޅޭ ޗެނެލްއެއްނޫން. އަހަރެމެންނަކަށް ދީނާއި ބެހޭ އެއްވެސް މައުލޫމާތެއް ނޭގޭ. އެނގޭތަ. މިއޮތް ކުޑަ ކުޑަ މާލޭގައިވެސް ހައްދުފަހަނަޅާފައިވާ މީހުން ގިނަކަމުންވެސް ނޫޅެވޭވަރުވެފައި މިއޮތީ. އަހަރެމެންނަކީ މޮޑެރޭޓް މީހުން. ދުނިޔޭގައި އުޅޭއިރު އުފަލާއި މަޖަލުގައި ވެސް އުޅެން ބޭނުންވާމީހުން. ދުނިޔެ އަޅާފައި ގޮސް ފައްޅިތަކުގައި ތިބޭ މޮންކްސްއިންނެއް ނޫން. އަހަރެމެންވެސް އީމާންވަނީ އެންމެ ފަރާތަކަށް. މިއުޅެނީ ނަމާދުކޮށް ރޯދަ ހިފައިގެން. ނުބައިކަމެއް ނުކުރަން. މިތަންތާ އުޅޭ ޝޭޚުން ދައްކާ ވާހަކަ އިވުނަސް ހޮޑުލަވާ. ސަލްވާ، ތެދަށް ބުނެފާނަންތަ؟ ސަލްވާގެ ބައްޕައަކީ ހާބީއެއް ދޯ.........." މެހެރީނާގެ ތުންފަތުގައި ވި ހިނިތުންވުން ފަނޑުވެ ކަޅިއަޅައިގަތްގޮތުން ސަލްވާ ލަދުން މަރުވާވަރުވިއެވެ. ބައްޕަ ބުނެގެން މޫނު ފޮރުވުނުކަން އެއީ ނަސީބެކެވެ. އެހުރިހާ ޝުއޫރުތައް ފޮރުވުމުގައި އިސް ރޯލެއްކުޅެނީ މޫނުގައިވާ ކަޅު ފޮތިކޮޅެވެ. އެހެންނޫނަސް އެމީހުން ގެ އުޅުމާއިމެދު ސަލްވާ ހިތާމަކުރިއެވެ. އޭނަގެ ޚިޔާލާއި މިއާއިލާގެ ވިސްނުން އުޑާއި ބިމާހާ ތަފާތެވެ.

އެވަގުތު ހައިކަލް ފޯނު ނިންމާލާފައި އަންނަތަން ފެނުމުން މެހެރީނާ ވަގުތުން މައުޟޫ އޮޅުވާލާފައި އޭނަގެ ޕްރޮގްރާމެއްގައި ހައިކަލް ބައިވެރިވާނަންތޯ އަހާލައިފިއެވެ. ހައިކަލް ސަމާސާ ހުނުމަކާއިއެކު ބުނީ ވަރަށް އަގުބޮޑުވާނެކަމުގައެވެ. އޭނަގެ ވަގުތު ގުރުބާންކުރަންވެއްޖެއްޔާ ލައްކައިން އަގު ކިޔާނެކަމުގައެވެ. އަބުދުލްއަޒީޒުއާއި ޒައިތޫންވެސް އެ ސަމާސާގައި ބައިވެރިވެ ހީހީފައި އުޅުނެވެ. މެހެރް ޓީވީ ހުޅުވަންވާ ރެއަށް އާހެދުން ފަހާ ވާހަކައާއި އެރެއަށްޓަކާ އެތަން ތައްޔާރުކޮށް ޒީނަތްތެރިކުރުމާއި ބެހޭގޮތުންވެސް ވާހަކަދެކެވުނެވެ.

ސަލްވާގެ ހިތުގައި ހައިކަލްއާއިމެދު ޝަކުވާ އުފެދުނެވެ. އޭނަގެ ކައިރިން ހާލު އަހާލިނަމަވެސް ވީ ކީއްހެއްޔެވެ؟ އަންބެއްގެ ގޮތުގައި ގެނައުމަށްފަހު އޭނަ ދިރިހުރިތޯވެސް ބަލައިނުލިއެވެ. މިއީ ކޮންކަހަލަ ބަޔެއްހެއްޔެވެ؟ ކޮންފަދަ އާއިލާއެއް ހެއްޔެވެ؟ ބައްޕަ އޭނަ އެއްލައިލީ ކޮންފަދަ ރަހުމް ކުޑަބަޔެއްގެ ތެރެއަށް ހެއްޔެވެ؟ ލޮލުގައި ގިނަވެގަތް ކަރުނަތައް އޮހިގަތުމުން އޭނަ އެސްފިޔަތައް ތިރިކޮށްލައިފިއެވެ. އެކަރުނަތައް އެއްވެސް މީހަކަށް ނުފެނުނެވެ. ކައިނިމުމަށްފަހު އެންމެންހެން ވާހަކަދައްކަމުން ސަމާސާކުރަމުން އެތަނުން ނުކުމެގެން ދިޔުމުން ސަލްވާ އެކަނިވިއެވެ. ހައިކަލް މަޑުކުރަން އުޅުނުހެންވެސް ހީވިއެވެ. އެނބުރިލަން އުޅެފާނެ ވަގުތުކޮޅެއް އައިއިރު ކުއްލިއަކަށް ޒައިތޫން ހައިކަލްއަށް ގޮވާލުމުން ލައްބަ މަންމާއޭ ކިޔާފައި ދިޔައީއެވެ.

ސަލްވާ ތަށިތައް ނަގައިގެން ސިންކާއި ދިމާލަށް ދަނިކޮށް މީހެއްގެ ހިލަންވިހެން ހީވެގެން ބަލާލައިފިއެވެ. އެކަނި ޖިންސްގައި ހުރި މާއިޒްގެ ދެލޯ އަދިވެސް ރަގަޅަކަށް ނުހުޅުވެއެވެ. އެކަމަކު އެމޫނު އޮމާންވެފައި ތާޒާކަމެއް ހުއްޓެވެ. ނުކިޔަމަންތެރި އިސްތަށިގަނޑުން ބަޔެއް ނިތުމައްޗަށް ވެއްޓިފާއޮތެވެ.

"ގުޑް މޯނިން ސްޓެޕް މަމް. ހާލުކޮޅު ކހިނެއްތޯ........." މާއިޒް ލާނެތް ހުނުމާއެކު ކޯތާފަތަށް އެޅުނު އަޑިކޮޅުގެ ސަބަބުން މޫނުގެ ރީތިކަން ފުރިހަމަވިއެވެ.

"ތަށިތައް ދޮންނަން މެޝިނެއް މިގޭގައި ހުރޭ. އެއްވެސް މީހަކު އެވާހަކައެއް ނުބުނޭތަ؟" މާއިޒް އެއް ލޯ މަރައިލިއެވެ. އަޒަލް ހެދުނު ހެދުނާ މެސެޖްކޮށްފައި ބުނި ވާހަކައަކުން އޭނަގެ ހިތުގައި ސަލްވާގެ މައްޗަށް އޮތް ހުރިހާ އިތުބާރަކާއި ކުލުނެއްވެސް ނެތިގެން ހިގައްޖެއެވެ. ދޮންމަންމަގެ ނުބައިކަމާއިހުރެ އޭނަވެސް މިހިރީ ހައިރާންވެފައެވެ. ބައްޕަގެ އަންހެނުންނެއް ކަމަކު ގަދަރުކުރުން އެކަށީގެންވާ އިންސާނެއްހެއްޔެވެ؟ މެހެރްދައްތަ އަންގާފައިވާގޮތުން ފައިދަށުގައި އޮންނަ ފައިފުއްސަށް ކުރާ ގަދަރުވެސް ކޮށްގެން ނުވާނެއެވެ.

(ނުނިމޭ)

comment ކޮމެންޓް