ޕީޕީއެމްގެ ރައީސް އޮފީސް ހިންގުން ހުއްޓުވުމަށް ފުލުހުންނަށް އަމުރުކޮށްފި

ރައީސް މައުމޫން، އެމަނިކުފާނުގެ އޮފީހުން ނުކުމެވަޑައިގެން ސަޕޯޓަރުންނަށް އިޝާރާތް ކުރައްވަނީ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ޕީޕީއެމްގެ ރައީސް އޮފީސް ހިންގުން ހުއްޓުވުމަށް ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފި އެވެ.

ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހީމް ސޮއިކުރައްވައި މިރޭ ނެރުނު އަމުރުގައި ވަނީ ސިވިލް ކޯޓުން ހުކުމަކުން ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރާ ހަވާލުކޮށްފައިވާ ކަމަށާއި އެ ހުކުމުގެ ބާރު ނަފީވާ ގޮތަށް ހުކުމަށް ކިޔަމަންވެ ތަބާވުމެއް ނެތި ޕީޕީއެމްގެ ރައީސްގެ ނަމުގައި އޮފީހެއް ހަދައި ޕީޕީއެމްގެ ޕީޕީއެމްގެ ނަމުގައި ޖަލްސާތަކާއި ހަރަކާތްތައް ހިންގައި ހެދުމަކީ އެ ހުކުމް ތަންފީޒު ކުރުމަށް ހުރަސްއެޅުމުގެ ގޮތުން ހިންގާ ހަރަކާތްތަކާއި އަމަލުތަކެއް ކަމަށެވެ.

އެފަދަ ކަންތައްތަކަކީ ކޯޓުތަކުގެ ގާނޫނުގެ 77 ވަނަ މާއްދާއާ ޚިލާފުވާ ކަމެއް ކަމަށް ވެސް އެ އަމުރުގައިވެ އެވެ.

ސިވިލް ކޯޓުގެ ހުކުމާ ޚިލާފުވާގޮތަށް ހިންގާ އެފަދަ ކަންތައްތަކަކީ ދައުލަތުގެ "ކިޔާނާއި" އާންމު މަސްލަހަތު ދެމެހެއްޓުމާއި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިފެހެއްޓުމުގެ ގޮތުން ޝަރީއަތްކުރުމާ ބެހޭ ގޮތުން ހެދިފައިވާ ގަވާއިދު 6 ގެ 184 ވަނަ މާއްދާގައިވާ ގޮތުގެ މައްޗަށް ސަލާމަތީ ފަރާތްތައް މެދުވެރިކޮށް ޝަރީއަތުން ހުއްޓުވަންޖެހޭ ކަމެއް ކަމަށް އެ އަމުރުގައިވެ އެވެ.

އެހެންކަމުން ޕީޕީއެމްގެ ނަމުގައި އެއްވެސް ހަރަކާތެއް ހިންގަމުންދާނަމަ އެކަމެއް ހުއްޓުވުމަށާއި ހ. ތެމާގައި ހަދާފައިވާ ޕީޕީއެމްގެ ރައީސްގެ އޮފީހުގައިވާ ދިދަ ނަގައި އެތަނުގައި ޕީޕީއެމްގެ ހަރަކާތެއް ހިންގިޔަ ނުދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރާ ކަމަށް އެ އަމުރުގައިވެ އެވެ.

ޕީޕީއެމްގައި ރައީސަކު ނެތުމާ އެއްފަދަ ހާލަތެއް އެ ޕާޓީއަށް ކުރިމަތިވެފައިވާ ކަމަށް ބުނެ، އެ ޕާޓީގެ ހިންގުން ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ހަވާލު ކުރަން ސިވިލް ކޯޓުން ހުކުމް ކުރީ އޮކްޓޯބަރު 16، 2016 ގަ އެވެ. ހައި ކޯޓާއި ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ތަމަހައްޓާފަ އެވެ. ނަމަވެސް ރައީސް މައުމޫން ގެންދަވަނީ ފާޅުގައި އެ ހުކުމަށް ގޮންޖައްސަވަމުންނެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭ ގޮތަށް އިދިކޮޅު ފަރާތްތަކާއެކު ރައީސް މައުމޫން އަބްދުލް ގައްޔޫމް ސިޔާސީ މަސައްކަތް ފެއްޓެވުމުން، އެ މަނިކުފާނުގެ މައްޗަށް ހަތް ތުހުމަތެއްކޮށް، ޕީޕީއެމްގެ މެމްބަރުކަމުން ވަނީ ވަކިކޮށްފަ އެވެ.

ރައީސް މައުމޫން އިސްކޮށް ހުންނަވައި 27 އޮކްޓޯބަރު 2011، ގައި އުފެއްދި ޕާޓީ، ޕީޕީއެމުން އެމަނިކުފާނު ވަކިކުރީ ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ސުލޫކީ ކޮމެޓީން މިދިޔަ ހޯމަ ދުވަހު ބޭއްވި ބައްދަލުވުގަ އެވެ.

އަށާރަ ޖެނުއަރީ 2013، ބޭއްވި ޕީޕީއެމްގެ ފުރަތަމަ ކޮންގްރެސުން ޕީޕީއެމްގެ ފުރަތަމަ ރައީސަކަށްއިންތިހާބު ކުރި މައުމޫން، އެ ޕާޓީ މެމްބަރުކަމުން ވަކިވިކަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފި ނަމަ، އެ ޕާޓީގެ ރައީސްކަމުގެ މަގާމު ވެސް ހުސްވެގެންދާނެ އެވެ.

comment ކޮމެންޓް