އޭވީސީ މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ކިރްގިސްތާން ހޯދައިފި

މުބާރާތުގެ ތަށި ހޯދުމަށްފަހު ކިރްގިސްތާން ޓީމުން އުފާ ފާޅުކުރަނީ--ސަންފޮޓޯ/ މުހައްމަދު އަފްރާހް

ތުރުކްމަނިސްތާން މައްޗަށް ކުރި ހޯދައި އޭޝިއާ ސެންޓްރަލް ޒޯން ވޮލީ ބޯޅަ މުބާރަތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ކިރްގިސްތާން ހޯދައިފި އެވެ.

މިއަދު ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނުއޭޝިއާ ސެންޓްރަލް ޒޯން ވޮލީ ބޯޅަ މުބާރަތުގެ ފައިނަލް މެޗު ކިރްގިސްތާން ކާމިޔާބު ކުރީ 3-1 ސެޓުންނެވެ.

މިދިޔަ އަހަރު ބަންގްލަދޭޝްގައި ބޭއްވި އޭޝިއާ ސެންޓްރަލް ޒޯން ވޮލީ ބޯޅަ މުބާރަތުގައި ރިހި މެޑަލް ހޯދި ކިރްގިސްތާނުން ވަނީ ފުރަތަމަ ސެޓު ކާމިޔާބުކޮށް ފެށުން ރަނަގަޅުކޮށްފަ އެވެ. އެ ޓީމުން މި ސެޓު ގެންދިޔައީ ފަސް ޕޮއިންޓުގެ ލީޑަކާއެކު 20-25 އިންނެވެ. މި ސެޓޫގައި އެ ޓީމުގެ ފަރާތުން ރަނަގަޅު ކުޅުމެއް ފެނިގެން ދިޔައިރު ރަނގަޅަށް ބޯޅަ ރިސީވްކޮށް މުހިއްމު ސާވިސްތަކެއް ވެސް ވަނީ ކާމިޔާބުކޮށްފައެވެ.

ދެ ވަނަ ސެޓުގައި ހިތްވަރުކޮށް ތުރުކިމިނިސްތާނުން ވަނީ މެޗު ހަމަހަމަ ކޮށްފައެވެ. މި ސެޓޫ އެ ޓީމުން ކާމިޔާބުކުރީ ހަތަރު ޕޮއިންޓަކާއި އެކީ 21-25 އިންނެވެ. މި ސެޓުގައި ތުރުކިމިނިސްތާންގެ ކުޅުންތެރިން ވަނީ ހިތްވަރުކޮށް ރަނގަޅު ހަމަލާތަކެއް ކިރްގިސްތާން ކޯޓަށް ފޮނުވާލާފަ އެވެ. އަދި މުހިއްމު ދަނޑިވަޅުގައި އެ ޓީމުން ވަނީ މުހިއްމު ޕޮއިންޓްތަކެއް ވެސް ހޯދާފައެވެ.

ދެ ވަނަ ސެޓު ގެއްލުމާ އެކު ތިން ވަނަ ސެޓު ފެށިގެން ކޮންމެ ވެސް ވަރެއްގެ މާޔޫސް ކަމެއް ކިރްގިސްތާން ކުޅުންތެރިންގެ ފަރާތުން ފެނުނު ކަމަށްވިޔަސް އެ ޓީމުންވަނީ މެޗުގެ ލަގަން އަނބުރާ ހޯދާއި ރަނގަޅު ލީޑެއް ދަމަހައްޓާފައެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔާ ކިރްގިސްތާންގެ ޖާޒީ ނަންބަރު ހަތެއްގެ ފަރާތުން ރަނގަޅު އެޓޭކެއް ފެނުނު އިރު ކިރިގިސްތާނުން މި ސެޓު ކާމިޔާބުކުރީ މޮޅެތި ބްލޮކޮ ތަކަކާ އެކު 25-19 އިންނެވެ.

ހަތަރު ވަނަ ސެޓޫގައި ކިރްގިސްތާނު ޓީމު ފެނުނީ ތަފާތުކޮށެވެ. ހަމަލާއަކަށް ފަހު ހަމާލާއެއް ކާމިޔާބު ކުރަމުން އެ ޓީމު ވަނީ ރަނގަޅު ލީޑެއް ދަމަހައްޓާފަ އެވެ. އެ ސެޓު އެ ޓީމުން ކާމިޔާބު ކުރީ 25-22އިންނެވެ.

އެ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި މި ދެޓީމު ބައްދަލުކުރިއިރު އެ މެޗުން ބަލިވީ ކިރްގިސްތާން އެވެ.

މި މުބާރަތް ކާމިޔާބުކޮށް ގޯލްޑް މެޑަލް ކިރްގިސްތާނުން ހޯދިއިރު ސިލްވާރ ލިބުނީ ތުރުކްމިނިސްތާނަށެވެ. ބްރޯންޒް މެޑަލް ލިބުނީ ނޭޕާލަށެވެ.

comment ކޮމެންޓް