މަސީހުގެ މައްސަލާގައި ސިސްޓަމުން ނެގި ވޯޓު އޮޅުވާލި މަންޒަރު ފެންނަ ވީޑީއޯއެއް

މާޗް 27ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިތުބާރުނެތް ކަމުގެ މައްސަލަ ކުރިއަށް ދިޔައިރު، އިދިކޮޅު އިއްތިހާދުން މަޖިލިސް ތެރޭގައި އިހުތިޖާޖު ކުރަނީ--- ފޮޓޯ/ ޓްވިޓާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަގާމުން ވަކިކުރުމަށް "ރޯލް ކޯލް" ވޯޓެއް ނެގުމާމެދު އިލެކްޓްރޯނިކް ވޯޓިސް ސިސްޓަމުން ވޯޓު ނަގަނިކޮށް، އެ ވޯޓު އޮޅުވާލުމަށް މެމްބަރަކު މަސައްކަތް ކުރައްވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ރިޔާސަތުން ވޯޓަށް އަހާފައި ވަނިކޮށް، ޖަލު ހުކުމް ތަމްފީޒު ކުރައްވަމުން ގެންދަވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ އިންނަވާ މޭޒު ދޮށަށް މެމްބަރަކު ވަޑައިގަންނަވާތަން ފެނެ އެވެ. އަދި މަހުލޫފުގެ ވޯޓިން ސިސްޓަމަމާ މެމްބަރަކު ކުޅޭތަން އެ ވީޑިއޯއިން ފެނެ އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގި ދުވަހު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު "ސަން"އަށް މިއަދު ވިދާޅުވީ މަހުލޫފުގެ ސިސްޓަމުން އެ ދުވަހު ވޯޓު ދެއްވީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްކަން ވީޑިއޯއިން އެނގޭ ކަމަށާއި އެ މައްސަލަ މަޖިލީހުގެ ކަމާ ގުޅޭ ކޮމެޓީތަކަށް ހުށަހަޅާފައިވާ ކަަމަށެވެ.

މަޖިލީހުގެ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމުން މިދިޔަ ހޯމަ ދުވަހު ނެގި ވޯޓުގައި މަހުލޫފު ވޯޓު ދެއްވާފައިވާ ކަމަށް މަޖިލީހުގެ ސިސްޓަމްތަކުން ދައްކަ އެވެ. ނަމަވެސް މަހުލޫފު ގެންދަވަނީ މާފުށީ ޖަލުގައި ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ.

އެ ވޯޓު ނެގި ދުވަހު ރިޔާސަތުގައި އިންނެވި މޫސަ ވެސް ވޯޓު ދެއްވިކަން ސިސްޓަމްތަކުން ދައްކަ އެވެ. ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް ވޯޓު ދެއްވޭނީ ހަމައެކަނި ވޯޓު އެއްވަރުވާ ހާލަތުގައި އެކަންޏެވެ. ނަމަވެސް އާންމުވެފައިވާ ވީޑިއޯއިން މޫސަގެ ވޯޓިން ސިސްޓަމް ބޭނުންކޮށްގެން މެމްބަރަކު ވޯޓު ދެއްވާތަނެއް ނުފެނެ އެވެ.

އެ ވޯޓުގައި ފެލިދޫ ދާއިރާގެ މެމްބަރު އަހުމަދު މަރުޒޫގު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ނަމަވެސް އޭނާ ގެންދަވަނީ އެ ވޯޓުގައި އޭނާ ބައިވެރިނުވާ ކަމަށް ބުނަމުންނެވެ. އޭނާގެ ސިސްޓަމް ބޭނުންކޮށްގެން ވޯޓު ދެއްވި މެމްބަރެއް އަދި ދެނެގަނެވިފައެއް ނުވެ އެވެ.

މަސީހާ އިތުބާރު ނެތް ކަމުގެ ވޯޓު "ރޯލް ކޯލް" އުސޫލުން ނެގުމަށް ފާސްކޮށްފައި ވަނީ މަޖިލީހުގެ އިލެކްޓްރޯނިކް ސިސްޓަމުން ނެގި ވޯޓުންނެވެ. ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ހުށަހެޅުއްވައި، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ތާއިދު ކުރެއްވި އެ އިސްލާހު ފާސްވީ 45 މެމްބަރުންގެ ވޯޓުންނެވެ.

ވަކިވަކި މެމްބަރުންނާ ސުވާލުކޮށްގެން، ރޯލް ކޯލް އުސޫލުން މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނާކާމިޔާބުކޮށްލީ ސަރުކާރު ކޯލިޝަންގެ 48 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ވޯޓުގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައި ނުގަންނަވަ އެވެ.

comment ކޮމެންޓް