ލ. އިސްދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ކުރަން ލޯނު ދޫކުރަނީ

މީގެ ކުރިން ލ. އަތޮޅުގައި ހުއިފިލަނޑާ އާލާކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދަނީ --- ފޮޓޯ/ ރައީސް އޮފީސް

ފިޝަރީސް މިނިސްޓްރީ އާއި އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ހިންގާ "މެރިކަލްޗާ އެންޓާޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ލ. އިސްދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ލޯނު ދޫކުރަން ނިންމައިފި އެވެ.

ފިޝަރީސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، އެ މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު އޭޕްރީލް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ މިނިސްޓްރީ އިން ބުނި ގޮތުގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ލ. އިސްދޫގައި ކުރާ އިރު، ލ. އިސްދޫން ޖުމްލަ 50 ފަރާތަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވެ އެވެ. އެ މަސައްކަތް ކުރުމަށް ލޯނުގެ ގޮތުގައި ދޫކުރެވޭނީ ނަގުދު ފައިސާގެ ބަދަލުގައި ލޯނުގެ އަގަށްވާ މައިގަނޑު ތަކެއްޗެވެ. އެއީ މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ކޮށިއެޅުމަށް ބޭނުންވާ ތަކެއްޗާއި ކުދި ހުއިފިލަނޑަ އެވެ. ލޯނު އަދާކުރުމަށް ހަމަޖެހިފައި ވަނީ ނަގުދު ފައިސާ އިންނެވެ.

މި މަޝްރޫޢަކީ ރަށްފުށުގައި ދިރިއުޅޭ އަންހެން ފަރުދުން ބާރުވެރިކުރުވައި، އިޤްތިޞާދީ މަސައްކަތްތަކުގައި ޝާމިލުވާ މިންވަރު އިތުރުކުރުމަށް ބާރުއަޅާ މަޝްރޫޢެއް ކަމަށް ވުމުން އެމިނިސްޓްރީ އިން ވަނީ ލޯނަށް އެދި ހުށަހަޅާ އަންހެނުންނަށް ފަސް ޕޮއިންޓް ދިނުމަށް ހަމަޖައްސައިފަ އެވެ.

އެ ޕްރޮޖެކްޓުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެ އަށް މެރިކަލްޗާ ސިނާޢަތެއް ތަޢާރަފުކޮށް އެސިނާޢަތް ތަރައްގީ ކުރުމަށް މަގުފަހިކުރުމާއި، މެރިކަލްޗާގެ މަސައްކަތްތަކުން ރައްޔިތުންނަށް އާމްދަނީ ލިއްބައިދިނުމެވެ. އެ މަޤްޞަދު ހާސިލުކުރުމަށް ޓަކައި މަޝްރޫއިން ހިންގާ އެންމެ މުހިއްމު ދެހަރަކާތަކީ މިނިސްޓްރީއާއި އަމިއްލަ ފަރާތްތަކާ ގުޅިގެން ހުއިފިލަނޑާއާއި ފާނަ އާލާކުރުމެވެ.

ފިޝަރީސް މިނިސްޓްރީން ބުނި ގޮތުގައި އެ މަސައްކަތް ކުރުމަށް ދޫކުރާ ލޯނުގެ އިންޓްރަސްޓް ރޭޓަކީ ޕަސެންޓެވެ. އަދި ލޯނު އަދާ ކުރުމަށް 18 މަސް ލިބެ އެވެ.

comment ކޮމެންޓް