ފުލުހުންގެ މުއައްސަސާއަށް ޖަޕާނުން 34 މިލިޔަން ރުފިޔާގެ އެހީ ދީފި

ޖަޕާނު ސަރުކާރުން ދިވހެި ފުލުހުންނަށް 34 މިލިޔަން ރުފިޔާގެ އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުން --- ފޮޓޯ/ ފޮރިން މިނިސްޓްރީ

ދިވެހި ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރުމަށް ޓަކައި ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް 34.1 މިލިޔަން ރުޔިޔާގެ އެހީ ދީފި އެވެ.

މި އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިއަދު ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި، ރާއްޖޭގައި ހުންނަ ޖަޕާން ސަފީރު ކަޒުމީ އެންޑޯ، އަދި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް އެވެ.

ޖަޕާން އެމްބަސީ އިން ބުނީ، މި ފައިސާއަކީ ދިވެހި ފުލުހުންގެ މުއައްސަސާ ވަރުގަދަކޮށް، ހަރުދަނާ ކުރުމަށް ޓަކައި ދިން އެހީއެއް ކަމަށެވެ. އެގޮތުން ކާރާއި، ހައި ސީފެއާރިން ސްޕީޑު ބޯޓު ޖަޕާނުން ދިވެހި ފުލުހުންނަށް ފޯރުކޮށްދޭން ވަނީ ހަމަޖެހިފަ އެވެ.

ޖަޕާނުން ދިވެހި ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް މި އެހީ ފޯރުކޮށްދެނީ ބައިނަލްއަގުވާމީ ޓެރަރިޒަމްގެ އަމަލުތަކުގެ ސަބަބުން އާންމު ސަލާމަތަށް ހުރި ނުރައްކާތަކާ ކުރިމަތިލުމަށް ތައްޔާރުވުމަށެވެ.

އެރަސްމިއްޔާތުގައި ޖަޕާން ސަފީރު ކަޒުމީ އެންޑޯ ވިދާޅުވީ ޖަޕާނުން ފޯރުކޮށްދޭ އެ އެހީގެ ސަބަބުން ރާއްޖޭގެ އާންމު ސަލާމަތީ ރައްކާތެރިކަމުގެ ތެރެއިން އިގްތިސާދީ އަދި އިޖްތިމާއީ ރައްކާތެރިކަން ވެސް ގާއިމުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މިއަހަރަކީ ޖަޕާނާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ މުނާސަބާ ފާހަގަކުރާ އަހަރެވެ.

comment ކޮމެންޓް