އިވަންކާ ޓްރަމްޕް، ރައީސްގެ އެސިސްޓެންޓުގެ މަގާމަށް

އިވަންކާ ޓްރަމްޕް ރައީސްގެ އެސިސްޓެންޓުގެ މަގާމު އަދާ ކުރައްވާނެ ކަމަށް ވައިޓް ހައުސްއިން ވަނީ ބުނެފަ -- ފޮޓޯ: އީޕީއޭ

ވޮޝިންޓަން (މާޗް 3): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ ޓްރަމްޕަށް އެގައުމުގެ ސަރުކާރުން ރަސްމީ ހައިސިއްޔަތެއްދީ، ރައީސްގެ އެސިސްޓެންޓުގެ މަގާމަށް އައްޔަން ކުރަން ނިންމާފައިވާ ކަމަށް ވައިޓް ހައުސްއިން ބުނެފި އެވެ.

މީގެ ކުރިން އިވަންކާގެ ވަކީލުން ވިދާޅުވި ގޮތުގައި ރައީސް ޓްރަމްޕްގެ މުޝީރެއްގެ ގޮތުގައި އެކަމަނާ މަސައްކަތް ކުރައްވާނީ ނުރަސްމީ ގޮތެއްގައެވެ.

ނަމަވެސް ސަރުކާރަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ ސަރުކާރުގެ އެހެން މުވައްޒަފުން އަމަލު ކުރާ ގަވާއިދުތަކަށާއި އެތިކްސް ގަވާއިދުތަކަށް އެކަމަނާ ވެސް އަމަލު ކުރައްވާނެކަން ޔަގީން ކުރުމަށްޓަކައި އިވަންކާގެ މަގާމަކީ ރަސްމީ މަގާމެއް ކަމަށް ކަނޑައަޅަން ޖެހޭ ކަމަށް ބުނެފައެވެ.

އިވަންކާ ވިދާޅުވި ގޮތުގައި މުސާރައެއް ނުލިބޭ ގޮތަށް ރަސްމީ ގޮތެއްގައި ސަރުކާރުގައި މަސައްކަތް ކުރަން ނިންމެވީ އެ ފާޑުކިޔުންތަކަށް ރިއާޔަތް ކުރައްވާފައެެވެ. އަދި އެމަގާމާ ހަވާލުވުމާ ބެހޭ ގޮތުން އެކަމަނާއަށް ލަފާ ދެއްވާ ފަރާތްތަކާއި ވައިޓް ހައުސްގެ ލަފާވެސް ހޯއްދެވި ކަމަށް އިވަންކާ ވިދާޅުވި އެވެ.

އިވަންކާގެ ވަކީލުން ވަނީ ސަރުކާރުގެ މުވައްޒަފަކަށްވުމަށްޓަކައި ހުށަހަޅަން ޖެހޭ ލިޔުންތައް އެކަމަނާ ހުށަހަޅާނެ ކަމަށާއި އެތިކްސް ގަވާއިދުތަކާ އެއްގޮތަށް އެކަމަނާ އަމަލު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ވިޔަފާރީގެ މަސްލަހަތަށް ފުށޫ އަރާފާނެތީ މީގެ ކުރިން އިވަންކާ ވަނީ ޓްރަމްޕް އޯގަނައިޒޭޝަންގެ ނައިބު ރައީސް ކަމުންނާއި އެކަމަނާގެ އަމިއްލަ ފެޝަން ބްރޭންޑުން އިސްތިއުފާ ދެއްވާފައެވެ.

އިވަންކާގެ ފިރިކަލުން ޖެރަޑް ކުޝްނާއަކީ ޓްރަމްޕްގެ އިސް މުޝީރެކެވެ. (ބީބީސީ)

comment ކޮމެންޓް