މަޝްވަރާގެ މޭޒަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި

ސަރުކާރުން ރައީސް އޮފީހުގައި މިހާރު ބާއްވަމުން ގެންދާ ނިއުސް ކޮންފަރެންސްގެ ތެރެއިން ---- ސަން ފޮޓޯ: ފަޔާޒު މޫސާ

މަޝްވަރާގެ މޭޒަށް އައުމަށް ސަރުކާރުން އިދިކޮޅު ފަރާތްތަކަށް ގޮވާލައިފިއެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ނިއުސް ކޮންފަރެންސްގައި އޯލް ޕާޓީ ޓޯކްސްގެ މަންދޫބެއްގެ ހައިސިއްޔަތުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ މަޝްވަރާގެ މޭޒަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ފުރުސަތު ހުޅުވާލާ ކަމަށެވެ.

"އިދިކޮޅު ފަރާތްތަކަށް ވަރަށް އިހުތިރާމާ އެކު އަނެއްކާވެސް ދަންނަވާލަން، ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމާ ޑިމޮކްރަޓިކް އިންސްޓިޓިއުޝަންސްތަކާ ކަންތައްތައް ޑިމޮކްރަޓިކް އުސޫލުން ކުރިއަށް ގެންދިއުމަށްޓަކައި ރައީސް ޔާމީން 2014 ވަނަ އަހަރުން ފެށީގެން މަސައްކަތް ކުރައްވަމުން އެބަ ގެންދަވައޭ. އަދި މިހާރުވެސް ހުރިހާ ޕާޓީތަކަކަށް އަދި އިދިކޮޅު ހުރިހާ ފަރާތްތަކަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި ހިޔާލު ތަފާތުވާ ކަންތައްތަކުގައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށްޓަކާ ޑިމޮކްރަސީގެ ރީތި އުސޫލުގެ މަތިން ވާހަކަ ދެއްކުމަށްޓަކައި ދޮރު ހުޅުވާލެވިފައިވާ ވާހަކަ،" ޝައިނީ ވިދާޅުވި އެވެ،.

ޝައިނީ ވިދާޅުވީ އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާ ކުރުމަށް ސަރުކާރުން ޖެހިލުމެއް ނުވާނެ ކަމަށާއި އެ ފަރާތްތަކަށް މިހާރުވެސް ސަރުކާރާ އެކު މަޝްވަރާ މޭޒަށް އައުމަށް ދައުވަތު ފޮނުވާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ކަންކަން ހައްލު ކުރެވޭނީ މަޝްވަރާކޮށްގެން ކަމަށާއި މަޝްވަރާގެ ބޭރުން ކަންކަން ކުރަން އުޅުމަކީ ޑިމޮކްރަސީގެ ރީތި އުސޫލުތަކާ ހިލާފުކަމެއް ކަމަށެވެ.

"މަޝްވަރާގެ މޭޒުގެ ބޭރުން ރާއްޖޭގައި މިއޮތް އެއްބައިވަންތަކަމާ ހަމަޖެހުން ނަގާލުމަށްޓަކާ އަދި އެހެން ޑިމޮކްރަޓިކް އިންސްޓިޓިއުޝަންސް މިސާލަކަށް މަޖިލިސް ކަހަލަ ތަންތާގަ މިކަންތައް ކުރަން މަސައްކަތް ކުރުމަކީ އެއީ ކާމިޔާބުވާނެ ކަމެއް ނޫނޭ. އެހެންވީމަ ޑިމޮކްރަސީގެ ރީތި ހަމަތައް ބޭނުންކޮށްގެން ސަރުކާރާ އެއްކޮށް، ހިޔާލު ތަފާތުވާ ކަންތައްތަކެއް ހުރިނަމަ ސަރުކާރާ ވާހަކަ ދައްކަން ވަޑައިގަންނަވާށޭ،" މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް ޔާމީން ހުޅުއްވާލައްވާފައި އޮތް ފުރުސަތުގެ ދަށުން އިދިކޮޅު ފަރާތްތަކަށް "ކެރިވަޑައިގަންނަވާ ނަމަ" ޕާޓީ ޓޯކްސްގެ ތެރެއިން އައިސް ހިޔާލުތަފާތުވުންތަކާ ގުޅޭގޮތުން ހައްލުތަކެއް ހޯދުމަށް ރައީސް ޔާމީން ވެސް އެދިލައްވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އިދިކޮޅު ފަރާތްތަކާ ވާހަކަ ދައްކާނީ، އެ ފަރާތްތައް ރާއްޖޭގައި ތިބިނަމަ ކަމަށެވެ. އެގޮތުން ކުރީގެ ރައީސް ނަޝީދު ވެސް މަޝްވަރާ ކުރައްވަން ބޭނުންފުޅުވެލައްވާ ނަމަ އެ ފުރުސަތު އެމަނިކުފާނަށް އޮތް ކަމަށާއި، ޖަލުގައި ހުންނެވި ނަމަ ޖަލަށް ވަޑައިގެން ވެސް ސަރުކާރުން އެމަނިކުފާނާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޕާޓީ ޓޯކްސް އަށް އަންނަ އިރު އަންނަން ވަނީ ރާއްޖޭގެ ސިޔާސީ ކަމެއް ނުވަތަ އެތެރޭގެ ކޮންމެސް ކަމެއް ހައްލުކުރަން ކަމަށެވެ. ޑިމާންޑެއް ގެންނަވާނަމަ ގެންނަވަން ވާނީ ވެސް ގާނޫނާ އެއްގޮތްވާގޮތުގެ މަތިން، އަމިއްލަ ބޭނުމެއް ނެތި، ސަރުކާރަށް ކުރެވޭވަރު ކަންކަން ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މީގެ ކުރިންވެސް ސަރުކާރުން ވަނީ އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާކުރުމަށް ފުރުސަތު ހުޅުވާލާފައެވެ. ނަމަވެސް ތަފާތު ސަބަބުތަކާހުރެ އެކަން ވަނީ ކާމިޔާބް ވާގޮތްނުވެފައެވެ.

comment ކޮމެންޓް