ފުވައްމުލަކަށް މަސްތުވާތަކެތި ގެންދިޔަ މީހަކު އުމުރަށް ޖަލަށް

ފުލުހުން މީގެކުރިން އަތުލައިގެންފައިވާ މަސްތުވާތަކެތި ތަކެއް --- ފައިލް ފޮޓޯ

ޏ. ފުވައްމުލަކަށް މަސްތުވާތަކެތި ގެންދިޔަ މީހަކު އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އުމުރަށް ޖަލަށްލުމަށް އައްޑޫ ސިޓީ މަރަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

ސ. މަރަދޫ އެށެވެލި، މުހައްމަދު އަޖުފާނުގެ މައްޗަށް އެ ހުކުމް އިއްވީ 2016 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 1:59 ހާއިރު މޯލްޑިވިއަންގެ ފްލައިޓަކުން ޏ. ފުވައްމުލަކަށް މަސްތުވާތަކެތި ގެންގޮސްފައިވާތީ އެވެ.

މަރަދޫ ކޯޓުން ހޯމަ ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ މަސްތުވާތަކެތި ފެނިފައިވަނީ، އޭނާގެ ހަށިގަނޑު ބަލައި ފާސްކުރި އިރު، އޭނާ ލައިގެން ހުރި ތިން ބޮކްސާގެ ތެރެއިން އެންމެ އެތެރެއިން ލާފައި ހުރި ބޮކްސާހެ ތެރެއިން ފެނުނު ރަބަރުގަނޑުގެ ތެރެއިން ކަމަށެވެ.

އެ މަސްތުވާތަކެއްޗަކީ، މީހަކުު ދިން ތަކެތި ކަމަށް އަޖުފާން ބުނި ނަމަވެސް، އެކަން އޭނާއަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް އެ ހުކުމްގައިވެއެވެ.

އޭނާގެ އަތުން ފެނުނު މަސްތުވާތެކެތީގެ ބަރުދަނުގައި 141.1000 ގްރާމް ކެނަބިސް ހުރިކަން ތަހުލީލު ރިޕޯޓުން ދައްކާ ކަމަށް އެ ހުކުމްގައިވެ އެވެ.

އަޖުފާން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ މަރަދޫ ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް އެ ހުކުމްގައި އޭނާ އަށް ވަނީ އަންގައިފައެވެ.

comment ކޮމެންޓް