ޖުމްހޫރީ ޕާޓީގެ ދެ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލްކޮށްފި

އަންނަ މެއި މަހުގެ ހަ ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރާ ދެ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.

ސުޕްރީމް ކޯޓުން ބާތިލްކޮށްފައި ވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ގއ. ވިލިނގިލީ ކައުންސިލަށް ކުރިމަތިލެއްވި އިމްރާން އަންވަރާއި އެ ޕާޓީގެ ޓިކެޓުގައި ނ. ލަންދޫ ކައުންސިލަށް ކުރިމަތިލެއްވި ފަރީދާ އުމަރުގެ ކެންޑިޑެސީއެވެ.

އިލެކްޝަންސް ކޮމިޝަނުން ދައުވާކުރި މައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އެ ދެ މީހުންގެ ތެރެއިން އިމްރާން އަންވަރަކީ ސިޔާސީ ޕާޓީއެއްގެ ޓިކެޓު ހޯދުމަށްޓަކައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކޮށްފައިވާ ކެންޑިޑޭޓެއްކަން އެ ޕާޓީން ފޮނުވި ލިޔުންތަކުން އެނގޭ ކަމަށެވެ.

ފަރީދާ އުމަރަކީ އެމްޑީއޭގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މީހެއްކަން އެޕާޓީން ފޮނުވި ލިޔުންތަކުން އެނގޭ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ތިން ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 10 ވަނަ މާއްދާ އަށް ރިއާޔަތްކުރާއިރު، މިއަހަރު ބާއްވާ ކައުންސިލް އިންތިޚާބުގައި ވާދަކުރުމުގެ ހައްގު އެ ދެ މީހުންނަށް ލިބިގެންނުވާ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

comment ކޮމެންޓް