މަޖިލީހުގައި ހަމަނުޖެހުން ހިންގީ ވޯޓު ކާމިޔާބު ނުވާނެތީކަން ހާމަވެއްޖެ: ރީކޯ

23 މާޗް 2017: ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ ވޯޓު، ނެގި ދުވަހު މަޖިލިސް ތަޅުމުގައި ހަމަނުޖެހުން ހިންގީ އެ ވޯޓު ކާމިޔާބުވާނެކަން ޔަގީން ނުވާތީކަން ސާފުވެއްޖެ ކަމަށް މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ރޭ ވިދާޅުވީ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ ވޯޓު، ދެން ވައްދާއިރު އަތާއި ފައި އުފުލައިގެން ނަގަން ޖެހުނަސް އެ ވޯޓު ކާމިޔާބު ކުރާނެ ކަމަށެވެ.

އިބޫގެ ވާހަކަތަކަށް ރައްދުދެއްގައި ރީކޯ މިއަދު ސަން އަށް ވިދާޅުވީ އެ ދުވަހު އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވަޑައިގަތީ ހަމައެކަނި ސިސްޓަމުން ވޯޓްނަގައިގެން ކާމިޔާބު ހޯދަންކަން އިބޫގެ ވާހަކަތަކުން ހާމަވެއްޖެ ކަމަށެވެ.

އެދުވަހު މަޖިލިސް ޖަލްސާ ކުރިއަށް ދިޔަ ވަގުތު އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ތަޅުމުގައި ހަމަނުޖެހުން ހިންގީ އެ ވޯޓުން ބަލިވާނެކަން އެނގި ހުރެ ބޭރުގެ ފަރާތްކަށް އެއްޗެއް އަންގަންކަން ހާމަވާ ކަމަށް މޫސަ ވިދާޅުވި އެވެ.

"މަޖިލީހަށް ވަޑައިގަންނަވަން ޖެހޭނީ އަތް އުފުލައިގެން ފައި އުފުލައިގެން ވެސް ވާނެކަން އިނގިގެން. ރިޔާސަތުން ކަމެއް ހުށައެޅުމުން އުސޫލުގެ މަތިން އަމަލުކުރާނެ، ރިޔާސަތަކުން ނޫން ރޯލްކޯލް ވޯޓަށް ދިޔައީ،" މޫސަ ވިދާޅުވި އެވެ.

ރޯލްކޯލް ވޯޓަށް ނުދިއުމަށް ހުށައަޅައިގެން ވޯޓަށް ދިއުމުގެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް އޮތް އިރު އެ ފުރުސަތުގެ ބޭނުންނުކޮށް ހަމަނުޖެހުން ހިންގުމަށް މަސައްކަތްކުރިކަން ރީކޯ ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ކުރިއަށް އޮތްތަނުގައި ވެސް އަމަލުކުރަން ޖެހޭނީ ގަވައިދާއި އުސޫލުތަކާ އެއްގޮތަށް ކަމަށާއި ރިޔާސަތަށް އަރައިގަނެގެން އެއްކަމެއް ވެސް ނުވާނެ ކަމަށް މޫސަ ވިދާޅުވި އެވެ.

ވަކިވަކި މެމްބަރުންނާ ސުވާލުކޮށްގެން "ރޯލް ކޯލް" އުސޫލުން މިދިޔަ ހޯމަ ދުވަހު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓު ސަރުކާރު ކޯލިޝަނުން ކާމިޔާބު ކުރީ 48 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ވޯޓު ނަގާފައި ވަނީ މަޖިލީހުގައި ހަމަނުޖެހުން ހިންގައި ވޯޓަށް ހުރަސް އެޅި އިދިކޮޅު 13 މެމްބަރެއްގެ ނަން އިއްވައި މަޖިލީހުން ނެރުމަށް ފަހު އެވެ. އިދިކޮޅު ފަރާތްތަކުން އެ ވޯޓުގައި ބައިވެރިނުވެ، މަޖިލިސް ދޫކޮށް ދިޔައީ ރޯލް ކޯލު އުސޫލުން ވޯޓަށް ނޭހޭނެ ކަމަށް ބުނެ އެވެ.

ނަމަވެސް ސަރުކާރަށް ތާއީދު ކުރައްވާ ޕީޕީއެމް މެންބަރުން ވިދާޅުވީ ރޯލް ކޯލް ވޯޓަކީ ވަރަށް ސާފުކޮށް މަޖިލީހުގެ ގަވާއިދުގައި ކަޅާއި ހުދުން ބަޔާންކޮށްފައިވާ ކަމެއް ކަމަށާއި ރޯލް ކޯލް ވޯޓަކީ ދެފުށް ފެންނަ އެންމެ ޓްރާންސްޕޭރަންޓް ވޯޓު ކަމަށެވެ.

comment ކޮމެންޓް