ހުތުރުބަސްތައް އަމާޒުކުރީ ޖައްވަށް، ރެފްރީއަކަށް ނޫން: މެސީ

ސަސްޕެންޝަންއާ ގުޅިގެން މެސީ ބުނީ އޭނާ ރެފްރީީއަށް އަމާޒުކޮށް އެއްވެސް އެއްޗެއް ނުބުނާކަމަށް -- ފޮޓޯ: ގޯލް

ހުތުރުބަހުން ވާހަކަދެއްކީ ރެފްރީއަށް އަމާޒުކޮށްގެން ނޫން ކަމަށާއި، އެވަގުތު އުދާސްތައް ބޭރުކޮށްލީ ވައިގެތެރެއަށް ކަމަށް، ފީފާއިން ހަތަރު މެޗަށް ސަސްޕެންޑް ކޮށްފައިވާ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި މާޗް 23 ވަނަ ދުވަހު، ޗިލީއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު އާޖެންޓީނާއަށް ކާމިޔާބުކޮށްދިނީ ބާސެލޯނާގެ ތަރި މެސީއެވެ. ނަމަވެސް އެ މެޗުގެ ދެވަނަ ހާފްގައި، އެސިސްޓެންޓް ރެފްރީއަކާ ދިމާއަށް ހުތުރު ބަހުން ވާހަކަދެއްކި މައްސަލައެއްގައި ފީފާއިން ވަނީ، މެސީ ބައިނަލްއަގްވާމީ ހަތަރު މެޗަށް ސަސްޕެންޑް ކޮށްފައެވެ.

ސަސްޕެންޝަންގެ މައްސަލައިގައި މެސީ އޭނާގެ ކުށެއްނެތްކަން ސާބިތުކޮށްދޭން މަސައްކަތްކުރަމުން ބުނީ، ފީފާއިން އޭނާއާ މެދު އަމަލުކޮށްފައި ވަނީ ބޭއިންސާފުން ކަމަށާއި އޭނާ ރެފްރީއަށް އަމާޒުކޮށް އެއްވެސް އެއްޗެއް ނުބުނާ ކަމަށެވެ. އޭނާ އުދާސްތައް ބޭރުކޮށްލީ ޖައްވަށް ފަޒާއަށް ކަމަށެވެ.

"އަހަރެން ބުނިއެއްޗެއް ބުނީ އެސިސްޓެންޓް ރެފްރީއަަކަށް ނޫން. އަހަރެން ބުނި އެއްޗެއް ދޫކޮށްލީ ވައިގެތެރެއަށް،" އާޖެންޓީނާގެ ލަ ނޭޝިއަންއަށް ދިން ސްޓޭޓްމަންޓެއްގައި މެސީ ބުންޏެވެ.

މެސީގެ ސަސްޕެންޝަނަށް ފަހު، އޭނާއާ ނުލައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުގައި ބޮލީވިއާ އަތުން 2-0 ލަނޑުން ބަލިވެ އާޖެންޓީނާ ވަނީ، ދެކުނު އެމެރިކާ ކޮލިފައިން ގްރޫޕްގެ ފަސްވަނައަށް ވެއްޓިފައެވެ.

ރަޝިއާގައި 2018 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް އާޖެންޓީނާ ކުރިއަށްގެންދާ ކެޕްމޭނުގައި ބާކީ ހަތަރު މެޗު އޮތް އިރު، އޭގެ ތެރޭން އުރުގުއޭ، ވެނެޒުއޭލާ އަދި ޕެރޫއާ ދެކޮޅަށް ކުޅޭ މެޗުތަކުގައި މެސީއަށް ބައިވެރިއެއް ނުވެވޭނެއެވެ.

"ފީފާއިން މެސީއާ ދޭތެރޭގައި މިފަދަ ހަރުކަށި ފިޔަވަޅެއް އެޅުމުން އަހަރެމެންނަށް ލިބުނީ ކުއްލި ހައިރާންކަމެއް،" މެސީގެ ސަސްޕެންޝަން އިސްތިއުނާފުކުރާނޭކަން ހާމަކުރަމުން އާޖެންޓީނާގެ ގައުމީ ޓީމުގެ ސެކްރެޓަރީ ޖޯޖް މިއަދޯސްކީ ބުންޏެވެ.

"އަހަރެމެން މިތިބީ ވަރަށް ބޮޑަށް ރުޅިއައިސްފައި. ސަބަބަކީ މެސީ ސަސްޕެންޑްކުރީ މެޗުކުޅެން ގަޑިއިރުކޮޅެއް ކުރީން،"

"އަހަރެމެން މި މައްސަލަ ފީފާގައި އިސްތިއުނާފްކުރާނަން. ކުރީން ކަންކަން ވެފައި ހުރިގޮތަށް ބަލާނަމަ، މި އަދަބު ލުއިކުރުމުގެ ފުރުސަތު އެބައޮތް. އަހަރެމެންނެކޭ އެއްގޮތަށް މެސީވެސް ހުރީ ވަރަށް ބޮޑަށް ދެރަވެފައި. މިކަން ކޮށްފައިވާ ގޮތާމެދު އަހަރެމެން އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހޭ."

މެސީއާ ގުޅޭގޮތުން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީއަށް ހުށަހެޅުނު މައްސަލަ ބެލުމަށް ފަހު ފީފާއިން ނެރުނު ބަޔާނުގައި ބުނީ، ޗިލީއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުގައި، އެމެޗުގެ އެސިސްޓެންޓް ރެފްރީއަކާ ދިމާއަށް މެސީ ހުތުރުބަހުން ވާހަކަދައްކާފައި ވާކަން ސާބިތުވެފައިވާ ކަމަށެވެ.

"މެޗުގެ އެސިސްޓެންޓް ރެފްރީއަކާ ދިމާލަށް ފާޅުގައި ހަޑިހުތުރުބަހުން މުހާތަބުކޮށް، މެސީ ވަނީ ފީފާގެ ޑިސިޕްލިނަރީ ކޯޑުގެ 57 ވަނަ މާއްދާއާ ޚިލާފުވެފައި." ފީފާގެ ބަޔާނުގައި ވެއެވެ.

ދެކުނު އެމެރިކާ ކޮލިފައިން ގްރޫޕްގެ ކޮންމެ ޓީމަކުން ވެސް 14 މެޗު ކުޅެފައި ވާއިރު، އާޖެންޓީނާއަށް ލިބިފައި ވަނީ 22 ޕޮއިންޓެވެ. 24 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި ކޮލަމްބިއާ އޮތްއިރު، ތިން ވަނައިގައި އޮތް އުރުގުއާއީ އަދި ހަތަރު ވަނައިގައި އޮތް ޗިލީއަށް ލިބިފައި ވަނީ 23 ޕޮއިންޓެވެ. ޖުމުލަ 33 ޕޮއިންޓާއެކު އެ ގްރޫޕްގެ އެއްވަނައިގައި އޮތީ ބްރެޒިލްއެވެ.

ބޮލީވިއާ އަތުން ބަލިވުމުން އާޖެންޓީނާއަށް މިވަގުތު ވަނީ، ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އޮޓޮމެޓިކް ޖާގަ ގެއްލިފައެވެ. ގްރޫޕް ސްޓޭޖް ނިމޭއިރު ގަދަ ހަތަރު ޓީމް ވޯލްޑް ކަޕަށް ކޮލިފައިވާއިރު، ފަސް ވަނައިގައި އޮންނަ ޓީމު ޖެހޭނީ އިންޓަރކޮންޓިނެންޓަލް ޕްލޭއޮފް ކުޅޭށެވެ.

comment ކޮމެންޓް