ސާބާ ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވޭތޯ މަސައްކަތް ކުރަނީ

ގައުމީ ބާސްކެޓް ޓީމް--ސަންފައިލް ފޮޓޯ

ހަތަރުވަނަ ސާބާ ޗެމްޕިއަންޝިޕް މުބާރާތް ރާއްޖޭގައި ބޭއްވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ސައުތު އޭޝިއަން ބާސްކެޓްބޯޅަ އެސޯސިއޭޝަން (ސާބާ)ގެ ރައީސް އަހްމަދު ހާފިޒް ވިދާޅުވެއްޖެއެވެ.

ސާބާގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށްފަހު އެނބުރި މާލެ ވަޑައިގެން ސަން ސްޕޯޓްސްއަށް މައުލޫމާތު ދެއްވަމުން ހާފިޒް އިއްޔެ ވިދާޅުވީ، ސަރަހައްދީ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ވާދަވެރި އެއް ބާސްކެޓް ބޯޅަ މުބާރާތް ކަމަށްވާ ސާބާ ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު އެންމެ ފަހުން ބޭއްވި ސާބާގެ ބައްދަލުވުމުގައި ލިބިފައިވާކަމަށެވެ.

"ސައުތު އޭޝިއަން ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ބައްދަލުވުމެއްގައި އަޅުގަނޑު އެދިފަ ވާނެ އެ އެ އެސޯސިއޭޝަންގެ ހަތަރުވަނަ ބާސްކެޓް ބޯޅަ ޗެމްޕިއަންޝިޕް މާލޭގައި ބޭއްވޭތޯ. ދެން އެބޭފުޅުންގެ ފަރާތުން މިހާރު އެކަން ގާތް ގަނޑަކަށް ޔަގީންވެފަ މިވަނީ ރާއްޖޭގަ އެ މުބާރަތް ބޭއްވޭނެ ކަމާ މެދު،" ހާފިޒް ވިދާޅުވިއެވެ.

މީގެ ކުރިން ބާސްކެޓް ބޯޅަ އެސޯސިއޭޝަންގެ ރައީސްކަން ވެސް ކުރައްވާފައިވާ ހާފިޒް ވިދާޅުވީ، ރާއްޖޭގެ ބާސްކެޓް ބޯޅަ އެސޯސިއޭޝަނުންވެސް މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށާއި މިފަދަ ފުރުޞަތެއް ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިފަދަ މުބަރާތެއް ރާއްޖެއަށް ލިބުމަކީ އަމިއްލަ ގައުމުގައި ރާއްޖޭގެ ކުޅުންތެރީންގެ ފެންވަރު ދައްކާލަން ލިބޭނެ ފަހި ފުރުޞަތެއް ކަމަށެވެ.

"ބާސްކެޓް އެސޯސިއޭޝަނާ އަޅުގަނޑު ބައްދަލުކޮށްފިން. އެބޭފުޅުންވެސް ތިބީ މިފަދަ ފުރުޞަތެއް ބޭނުންވެފަ. އެބޭފުޅުން މިކަމަށް އެއްބާރުލުން ދޭނެ ކަަމަށްވަނީ ވިދާޅުވެފައި،" ހާފިޒް ވިދާޅުވިއެވެ.

ރާއްޖެއިން ވަނީ ސާބާ ޗެމްޕިއަންޝިޕް މުބާރާތުގައި މީގެ ކުރިން ވާދަކޮށް ރަނގަޅު ކާމިޔާބީއެއް ހޯދައިފައެވެ.

ހަތަރުވަނަ ސާބާ ޗެމްޕިއަންޝިޕް ކާމިޔާބުކުރާ ޓީމަކަށް މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ލުބްނާންގެ ބެއިރޫތްގައި ބާއްވާ ފީބާ އޭޝިއަން ކަޕް 2017 އާއި ޗައިނާގައި ބާއްވާ ފީބާ އޭޝިއަން ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

comment ކޮމެންޓް