''ޖާބިރު ތިކުރަން އުޅޭކަމެއް ކުރޭ...'' ހަދީޖާ ބޭނުންވީ ވީހާ ވެސް އަވަހަކަށް ޖާބިރު އޭނަގެ މަސައްކަތް ފެށުމަށެވެ. ކޮންމެ ފަދަ ހާލަތަކަށް ދާން ޖެހުނުކަމުގައި ވިޔަސް އޭނަ އެދެނީ ޝާޢާގެ ރައްކާތެރިކަމަށެވެ. އޭރުން އޭނަގެ ހިތަށް ހަމަޖެހުން ލިބޭނެ އެވެ.

ހަދީޖާއަށް ބަލަން ހުރި ޖާބިރު ބޯޖަހާލީ ހަދީޖާގެ ބަހަށް ތާއީދުކޮށްފީމޭ ބުނުމުގެ ގޮތުންނެވެ. ފުންނޭވާއެއް ދޫކޮށްލި ހަދީޖާ ހުރީ ހަލަބޮލިކަން ވެރިވެފައިވި އޭނަގެ ސިކުނޑިއަށް ލުޔެއް ހޯދައިދޭން ބޭނުންވެފައެވެ. އޭނަ އަޅުކަމާއިގެން ކުރިއަށްދާން ތައްޔާރުވެލި ހިނދު ކުއްލިއަކަށް ކަމެއް މަތިން ހަނދާން ވިއެވެ.

''ޝާޢާ ކޮބާތަ؟، ގެއަކަށް ނާދޭތަ އަދި ވެސް؟...'' ކަންބޮޑުވުން އެކުލެވިފައިވި ރާގަކަށް ހަދީޖާއަށް ސުވާލުކޮށްލެވުނެވެ. ޝާޢާ ގޭގައި އުޅޭނަމަ މިހާ އިރު ވީއިރު އޭނަގެ ހާލުބަލައިލަން ނައިހެއް ނުހުންނާނެއެވެ. ޖާބިރު ދިން ނުބައި ޚަބަރެއްގެ ސަބަބުން އޭނަ ހުރީ ހިތު ބިރު ގަނެފައެވެ. ކޮންމެ ހިނދެއްގައި ވެސް ކަންތައް ގޯސްވެދާނެކަމުގެ ބިރާ ހުރެއެވެ.

''ރައްޓެއްސަކު ބަލިވެގެން ހޮސްޕިޓަލުގަޔޯ ބުނީ، އިރުކޮޅަކުން އެމަންޖެ އަންނާނެ... އަހަރެން ބުނިހެން ހުރިހާ ކަމަކާ މެދު ހާސްނުވެބަލަ... ހާދީޖާ ތިހެން އުޅެންޏާމު ޝާޢާއަށް ޝައްކުވާން ފަށާފާނެ، އޭނަގެ ހުރިހާ ސުވާލުތަކަށް އަހަރުމެންނަށް ޖަވާބެއް ނުދެވޭނެ... ޝާޢާގެ ރައްކާތެރިކަމަށް އަހަރެން އަބަދުވެސް އަހައްމިޔަތުކަން ދޭނަން...'' ޖާބިރުގެ ޖަވާބުން ހިތްހަމަޖައްސާލުން ނޫން އިތުރު ގޮތެއް ހަދީޖާއަކަށް ނެތެވެ. މިވަގުތު ޖާބިރަށް އިތުބާރުކުރުން ނޫން އިތުރު ގޮތެއް ވެސް މެއެވެ.

*****

''ދެންމެ ކާފަ ވެސް ގުޅައިފި، އިތުރަކަށް މަޑެއްނުކުރެވޭނެ، އަދި މަޢުރިބު ނަމާދު ވެސް ނުކޮށް މިހުރީ، އިރުކޮޅަކުން އިޝާއަށް ގޮވާފާނެ...'' އެހީތެރިން އިށީނުމަށް ބަހައްޓާފައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިން އައިޝާއާއި ޝާޢާ ވާހަކަދެއްކީ އޭނަގެ އަތުކުރީ އޮތް ގަޑިއަށް ނަޒަރެއް ދެމުންނެވެ. އެއަށްފަހު އޭނަ ބަލާލީ އެނދުގެ މަގަތު ކަނުގައި އިން ޔޫނުސް އަށެވެ. އޭނަ ދާންވެއްޖެކަން އަންގާލި ކަހަލައެވެ.

''އިރުކޮޅެއް ފަހުން ދިޔަޔަސް ކީއްތަވާނީ؟... ތީ މިހާރު ކުޑަކުއްޖެއް ނޫނެއްނު ވަކި ގަޑިތަކެއްގަ ބޭރަށް ނިކުމެ އުޅެން... އަދި ޔޫނުސްއާ ދެމީހުން ވާހަކައެއް ވެސް ނުދެކެވެއެއްނު...'' އައިޝާ އިނީ ކަމަކަށް ފައިވިއްދާލާފައެވެ. ޝާޢާ އާއި ޔޫނުސް އެކަހެރިކޮށް ބައްދަލުކުރެވޭނެ ފުރުސަތެއް ފަހިކޮށްދޭން އޭނަ ވަނީ އަޒުމެއްގެ މަތީގަ އެވެ.

''ތި ދެމީހުން ދާން ވީނު ބޭރަށް ނިކުމެލާފަ އަންނަން، ރިހާން ވެސް އެއޮތީ ނިދާފައެއްނު، އަހަރެން މިތާ ރިހާން ގާތު އިނދެފާނަމޭ...'' ވަކިވަކިން ޔޫނުސް އާއި ޝާޢާއަށް ބަލާލަމުން އައިޝާ ވާހަކަދެއްކީ އެނދުގައި ނިދިފައި އޮތް ރިހާނަށް އިޝާރާތްކޮށްލަމުންނެވެ. ޝާޢާ އާއި ވާހަކަދައްކާލަން ބޭނުންވެފައި ހުރި ޔޫނުސްއަށް އެޚިޔާލު ކަމު ދިޔަ އެވެ. އެއާއެކު އޭނަ ހިނިތުންވުމަކާއެކު ބަލާލީ ޝާޢާ އަށެވެ. އަދި އޭނަގެ ނިތް އަރުވާލީ ޝާޢާގެ ޚިޔާލަކީ ކޮބައިތޯ އަހާލާ އުސޫލުންނެވެ.

''ފައިން، އެކަމަކު އޭގެ ކުރިން އަހަރެން އެބަ އަންނަން ޕްރޭޔާރ ރޫމަށް ގޮސްފަ...'' ޝާޢާ ބުނެލިއެވެ. އަދި އޭނަގެ އަތްދަބަސް ނަގައި ކޮނޑުގައި އަޅުވާލަމުން ގޮނޑިން ތެދުވެލިއެވެ.

''ފަސް މިނެޓް...'' ދާން ހިނގައިގަންނަމުން ޔޫނުސްއަށް ޝާޢާ ބުނެލިއެވެ. އެއަށްފަހު އޭނައަށް ހިނިތުންވެލުމަށްފަހު ބޯޖަހާލި ޔޫނުސްއަށް ފުރަގަސް ދެމުން އަވަސް ފިޔަވަޅުތަކެއްގައި ވޯދުން ނިކުންނަން ހިނގައިގަތީ ގަޑި ބަލާލަމުންނެވެ.

*****

ހޮސްޕިޓަލުގެ ގޯތި ތެރެއަށް ނިކުތް ޔޫނުސް އާއި ޝާޢާ އެއްއަހަމައެއްގައި ފައިތިލަ ސާބިތުކުރަމުން ހިނގަމުން ދިޔަ އިރު އެދެމެދުގައި ވާހަކައެއް ނުދެކެވެ އެވެ. ދެމީހުން ކުރެން އެކަކު އިސްނަގާނެ ވަގުތަކަށް އިންތިޒާރު ކުރެވޭ ކަހަލައެވެ. ވަގުތު ދިގުލާދާން ފެށުމާއެކު އެންމެފަހުން ފުންނޭވާއެއް ދޫކޮށްލި ޔޫނުސް ވާހަކަދައްކަން ފެށިއެވެ.

''އޯކޭތަ އަހަރެން ޝާގެ އަތުގައި ހިފިޔަސް؟...'' ޔޫނުސް ހުއްދައަށް އެދުނެވެ. އޭނަގެ އަޑުގައި ހިސާބެއްގެ ޖެހިލުންވުން ހިމެނުނީ ޝާޢާގެ ޖަވާބު އައިސްދާނެ ގޮތެއް ނޭގުނީތީ އެވެ.

ޝާޢާގެ ހިނިތުންވުން ޖަވާބަކަށް ފުދުމާއެކު ޝާޢާގެ މަޑު އަތްތިލައިގައި ޔޫނުސް ހިފާލިއެވެ. ޔޫނުސްގެ އެހަރަކާތުން ޝާޢާގެ ހިއްސުތަކަށް އިހުސާސް ކުރެވުނު ހޫނުކަމާއެކު އެހިށިގަނޑުގައި ކަރަންޓުގެ އޮއެވަރެއް ހިނގާލިއެވެ. އޭރު ޝާޢާގެ ސިއްރު ނަޒަރުތައް ގޮސް ޔޫނުސްގެ މޫނަށް ހުއްޓިފައި ވިއެވެ. ކިތަންމެ ފަހަރަކު އެސޫރަ ފެނުނުކަމުގައި ވިޔަސް އޭނަގެ ހިތް ނުފުރޭ ކަހަލައެވެ. އިތުރަށް ބެލެމުގެ ޝައުޤުވެރިކަން އުފެދެނީ ވެސް އެސަބަބާ ހުރެއެވެ. އޭނައަށް ސިހުރެއް ޖެހިފައިވާ ފަދައެވެ. ލަސްލަހުން އެސިހުރުގައި އޭނަ އެދަނީ ކަސްތޮޅު ލެވެމުންނެވެ.

ހޮސްޕިޓަލް ހުންނަނީ ފުއްޓަރާއި ކައިރި ހިސާބެއްގައި ކަމުން މަގަށް ނިކުތުމާއެކު ރާޅުގެ އަޑުފަށްގަނޑު އިވެއެވެ. ޖެހެމުން އައި ފިނި ރޯޅިތަކާއެކު ރާޅުފަށުގައިވި ގަސްކަރަތަކުގެ އޮފިތައް ހެލޭއަޑު ވެސް އިވެއެވެ. އަނދިރިކަން ވެރިވެފައި އޮތް އެހިސާބަށް ނަޒަރެއް ދިން ޝާޢާގެ ހިތުގައި ބިރުވެރިކަމުގެ އޮއެވަރެއް އުފަން ވިއެވެ. އެއާއެކު އޭނައަށް ޔޫނުސްގެ އަތްތިލައަށް ބާރުކޮށްލެވުނެވެ.

''މިފަރާތަށް ދަމާ...'' ހޮސްޕިޓަލާ ކުރިމައްޗަށް ވާހެން ހުރި ބޭސްފިހާރަތަކާއި އިންވެގެން ހުރި ކުޑަ ޕާކުގައި ހުރި ހިލަ އަށިތަކަށް އިޝާރާތްކޮށްލަމުން ޝާޢާ ބުނެލިއެވެ. މުޅި އެހިސާބުން ވެސް އެންމެ ބޮޑު އަލިކަމެއް އޮތް ސަރަހައްދަކީ ވެސް އެއެވެ.

''އައިޝާ ބުނި ޝާއަށް ހުވަފެނެއް ފެނިގެން އުޅޭ ވާހަކަ، އެކަމާ އަދި ވެސް ބިރުންތަ ތިއުޅެނީ؟...'' ޝާޢާއަށް އައި ބަދަލުތައް ފާހަގަ ކުރެވުމާއެކު ޔޫނުސްއަށް އަހާލެވުނެވެ.

''އެވާހަކަ ވެސް ބުނީތަ؟... އަނެއްކާ އިތުރު އެއްޗެކޭ ނުބުނޭތަ؟...'' ޔޫނުސްގެ ސުވާލުން ޝާޢާގެ މެޔަށް ފިނިވެގެން ދިޔައީ އައިޝާ ޔޫނުސްއަށް ހުރިހާ ވާހަކައެއް ކިޔައިދީފައިވެދާނެކަމުގެ ނުތަނަވަސްކަމާ ހުރެއެވެ. ސިއްރު ހިފެހެއްޓުމަކީ އައިޝާއަށް ކުރަން އެންމެ އުނދަގޫ ކަންތަކެވެ. އެއާއެކު އޭނަގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. ފަރުވާތެރިކަމާއެކު ޔޫސުންއަށް ބަލާލެވުނީ އެމޫނުން އޭނަގެ ސުވާލުތަކުގެ ޖަވާބު ހޯދަން ވެގެންނެވެ.

''ކިހިނެއްވީ؟، އަނެއްކާ ދެމީހުންގެ މެދުގައި ސިއްރެއް އޮތީތަ؟...'' ޔޫނުސް ބުމަ އަރުވާލަމުން އެއްމިޔަކަނިން ހިނިތުންވެލިއެވެ. އެއާއެކު ޝާޢާ ދެފަރާތަށް ބޯހޫރުވާލީ ނޫނެކޭ ބުނަމުންނެވެ.

ދެޒުވާނުން އެކުގައި ގޮސް ހިލަ އަށްޓެއްގައި އިށީނެވެ. ޖެހިލާ ރޯޅިތަކުން ޖިސްމަށް ފިނިކަމެއް ގެނެސްދީފައި ވިއެވެ.

''މިއަދު ޔޫނުސް ނެތީމަ ވަރަށް ފޫހިކޮށް ދިޔައީ...'' މިނިވަކަންކަމާއެކު ދޫކޮށްލެވިފައިވި އިސްތަށިގަނޑަށް ރޯޅިތަކުގެ ގޯނާތައް އަމާޒުވާން ފެށުމާއެކު ހުޅިއެއް ޖަހާލަމުން ޝާޢާ ބުންޏެވެ. އޭނަ ބަހުންބަހަށް ހާމަނުކުރި ކަމުގައި ވިޔަސް އޭނަގެ ހިތުގެ އަޑު ޔޫނުސްއަށް އިއްވާލަދިނެވެ.

''ތިބުނީ އަހަރެން މަތިން ހަނދާންވިއޭދޯ؟...'' ޔޫނުސްގެ ތޫނު ބެލުންތައް އަމާޒުވުމުން ޝާޢާގެ ހިތް އަވަސް ވިއެވެ. އެތޫނުފިލި ދެލޯ އޭނައަށް ހުއްޓޭ ކޮންމެ ފަހަރަކު މެޔަށް ސިހުރެއް ޖެހޭ ކަހަލައެވެ. ހިތާއި ޖިސްމަށް އެއަންނަ ކޮންމެ ބަދަލެއްގެ ފަހަތުގައިވަނީ ޔޫނޫސްއަށް ޓަކައި އުފެދިފައިވާ ޖަޒުބާތުތަކެވެ. އެކަން ޢިއުލާންކުރަންވީ ބާވައޭ ވެސް ޝާޢާގެ ހިތަށް އެވަގުތު އެރިއެވެ. ޔޫނުސް އޭނައަށް ދީފައި އޮތް މުހުލަތު ވެސް އޮތީ ހަމަވެފައެވެ.

ދެޒުވާނުންގެ ދެމެދަށް ދެން ވެރިވެފައި އޮތީ ހަމަހިމޭންކަމެވެ. ވަގުތުތައް ފާއިތުވަމުން ދިޔަ އިރު އެދެމެދުގައި ބެލުންތައް ބަދަލުކުރެވުނެވެ. ބަސްމޮށުންތެރިކަމެއް ނެތްކަމުގައި ވިޔަސް ދެހިތުގެ ހާލު އެކަކު އަނެއްކަކަށް އަންގައިދޭން އުޅޭ ކަހަލައެވެ. އެހިސާބުގަނޑުގައި ބަޔަކު ވެސް ނެތުމުން މުޅި މާހައުލު ދެޒުވާނުންނަށް އޮތީ ހިތަކަށް ލިބިފައެވެ. ނަމަވެސް އެދެމެދުގައި ކަނޑައެޅިފައި އޮތް އިން ފަހަނައަޅައިދާން އެކަކު ވެސް ބޭނުމެއް ނުވެއެވެ. އޭގެ ސަބަބުން އެދެމެދުގައިވި ޖަޒުބާތުތަކަށް ކިލަނބުކަމެއް އައިސްދާނެތީ އެވެ.

''އަދި ވެސް ޝާގެެ ޖަވާބު އަހަންނަށް ނުދެމެއްނު، ޝާއަށް އަހަރެން ކަމުދޭތަ؟...'' ޝާޢާ އިން ފަޅިއަށް ކުޑަކޮށް އެނބުރިލަމުން އެންމެފަހުން ޔޫނުސް އޭނަގެ މައުޟޫޢުއަށް ދިޔަ އެވެ. އޭރު އޭނަގެ ހިތުގެ ވިންދުތައް ވަނީ އަވަސްވެފައެވެ. ޝާޢާގެ ބެލުންތަކުގައި ތަފާތުކަމެއްވިކަމުގައި ވިޔަސް އެދުލުން އޭނަދެކެ ލޯބިވާކަމަށް އިޤުރާރުވާއަޑު އަހަން އޭނަގެ ހިތްވީ ބޭޤަރާރުވެފައެވެ. ޝާޢާގެ ޖަވާބަކަށް އޭނަގެ ކެތްތެރިކަން ކުޑަވެފައިވާ މިންވަރު ހެކިދެނީ އެދެލޮލުންނެވެ.

އިސްއުފުލާ ޔޫނުސްއަށް ޝާޢާ ބަލާލީ ހިތްވަރާއެކުގަ އެވެ. އޭރު އެމޫނުން ޔޫނުސްގެ ހިތް އެދެމުން ދިޔަ ސުވާލަށް ޖަވާބު ދެއެވެ. އިތުރަށް ޔޫނުސްއަށް ޔަޤީންކަން ދިނުމުގެ ގޮތުން ޝާޢާއަށް ބޯޖަހާލެވުނެވެ. ޔޫނުސްއަށް ހިނިތުންވެވުނު އިރު އޭނަގެ ތުންފަތް ފޫއަޅުވާލާފައި ލުއި ހުނުމުގެ އަޑު ވެސް ބޭރު ވިއެވެ. އޭނައަށް އެވަގުތު ލިބިފައިވި އުފާވެރިކަން އޭނަގެ ހަރަކާތްތަކުން ހާމަކޮށްދެއެވެ. ލިބުނު ހިތްހަމަޖެހުން ބަޔާންކުރަން އެއަތުގެ ތެރެއަށް ޝާޢާ ގެންނަން ބޭނުންވިކަމުގައި ވިޔަސް ޝާޢާ ހިތްހަމަނުޖެހިދާނެތީ ޔޫނުސްއަށް ޖެހުނީ އޭނަގެ އިހުސާސްތައް ކޮންޓްރޯލް ކުރާށެވެ. ނަމަވެސް އޭނަގެ އަތުގެތެރޭގައި އޮތް ޝާޢާގެ އަތްތިލައަށް ޔޫނުސް ބޮސްދިނެވެ. އެހޫނުނޭވާތަކާއި އެކުވެ އެތުންފަތުގެ ބީހުން އިހުސާސްކުރެވުނު ހިނދު ޝާޢާގެ ހަށިގަނޑަށް ފިނިކަމެއް ސަވާރުވިއެވެ. ހަށިގަނޑުގެ ލޯލިތައް ވެސް އެފިނިކަމުގެ އަސަރުގައި ކޮޅަށް ޖެހުނެވެ.

*****

ރާޅުފަށުން މޫދަށް ނިކުމެވޭނެހެން އޮތް ހަނިމަގުގެ އަރިމައްޗަށް ވާހެން ހުރި އުސް ރުކުގެ ފަނެއްގެ މަތީގައި އިން ކާޅުގެ ނަޒަރު ގޮސް ހުއްޓިފައިވަނީ ޝާޢާ އަށެވެ. އިރުއިރުކޮޅާ އަނދިރިކަން ވެރިވެފައި އޮތް މާހައުލަށް ވެސް އެސޮރު ބަލައެވެ. ކަމަކަށް ވަރަށް ބޮޑަށް ހުޝިޔާރުވެގެން އިންކަން އޭގެ ހަރަކާތްތަކުން ހެކިދެއެވެ. އެގޮތުގެ މަތީގައި ވަގުތު ފާއިތުވެ އިޝާ ނަމާދުގެ ބަންގީގެ އަޑު ފަޒާގެ ތެރެއަށް ފެތުރުމާއެކު އެސޮރު ފަންގަނޑު ދޫކޮށް އުދުއްސައިގަތީ އަމާންކަން ލިބިއްޖެކަމުގެ ޔަޤީންކަމާއެކުގައެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ދުރުގައި ހުރި މަގޫގަސްތަކުގެ ތެރޭން ފާޅުވެގެން އައި ކަޅު ދުންގަނޑެއް ބޯވެ ސިފަޖެހިގެން އައެވެ. ހަތަރެސްފައި ޖަހައިގެން ބިންމަތީގައި އޮތް ބުޅާގަނޑެއް ފަދަ އެމަހުލޫޤުގެ އަނގުރު ދެލޮލުގެ ތެރޭން ފެންނަނީ ޝާޢާ އެކަންޏެވެ. އިރުކޮޅެއް ވަންދެން ބަލަހައްޓައިގެން އޮވެފައި އެސޮރު ދުންގަނޑެއްހެން ފޭދުނީ ރުޅިވެރިކަން އެމޫނުގައިވާ ހާލުގައެވެ. މިރޭ އަނެއްކާ ވެސް އޭނައާއި ހަވާލުކުރެވުނު މަސައްކަތް ކާމިޔާބެއް ނުކުރެވުނެވެ.

*****

ހަތަރެސްފައި ޖަހައިގެން ހަލުވިކަމާއުގެ ޖަންގަލީގެ ބިޔަ ގަސްތަކުގެ ތެރޭން ދަތުރުކުރަމުން ދިޔަ މަހުލޫޤު ގޮސް ހުއްޓުނީ ނިކަ ގަސްތަކުން ވަށާލެވިފައި އޮތް ސަރަހައްދަކަށެވެ. އޭރު އޭތީގެ އިންތިޒާރުގައި ޢައިބުވެފައި ހުރި އިސްކޮޅުން ދިގު އިހަންޏެއް ކުއްލިޔަކަށް އަނދިރީގެ ތެރޭން ފާޅުވިއެވެ. އެއާއެކު މަހުލޫޤު އެހިޔަންޏަށް ކުރުނީސް ކުރިއެވެ. އޭތީގެ މޫނުގައި ޖެހިލުންވުމާއި ބިރުވެރިކަން އޭރު ވިއެވެ.

''ޚަބަރަކީ ކޮބާ؟...'' އަޑު އިވުނެވެ.

''އޭނަގެ ހަށިފާރަވެރިޔެއް އެބަހުރޭ...'' މަހުލޫޤު ޖަވާބުދާރީ ވިއެވެ. ''އަހަންނަށް އިތުރު މުހުލަތެއް ދީ...''

''އެންމެ ފަހުން ވެސް ކަލޭ ގާތު މަ ބުނީމެއްނު ތިޖަވާބު ހިފައިގެން ނާންނާށޭ!!!... ކަލެއަށް އިތުބާރުކުރެވުން އެއީ އަހަންނަށް ހެދުނު ގޯހެއް!!!، ކަލޭގެ ތިފަރުވާކުޑަކަމުން އަހަރެންގެ ބޮޑުންނަށް ޖަވާބުދާރީ ވަނީ ކިހިނެއް!!!...'' ބާރު ހަޅޭކެއްގެ އަޑާއެކު ކުއްލިޔަކަށް ފެނިގެން ދިޔައީ ވިދުވަރުގެ ހަލުމިނުގައި ދަތުރުކުރި ހިޔަނި ގޮސް މަހުލޫޤުގެ ކަރަށް ތުނު ވަކިތައް ހަރާލަމުން މައްޗަށް އުފުއްލާލި ތަނެވެ. އެއާއެކު ފުރާނައަށްޓަކައި އޭތި ތެޅިފޮޅިގެން ފެށިއެވެ. ވަލުޖަނަވާރެއް ހޭރޭ އިރު އިވޭ ފަދަ އަޑެއް އޭރު ފަޒާގައި ހަރުލާފައި އޮތެވެ. ހަށިގަނޑުގައި ހުރި ބާރަކާއެކު ކަރަށް ބާރުވަމުން އައި ތޫނު ވަކިތަކުން މިންޖުވޭތޯ ބެލިއެވެ.

''ކަލޭތީ ބޭކާރު އެއްޗެއް!، ބާރެއް ނެތް އެއްޗެއް... މިހާ ދުވަހު ދުނިޔޭގައި ބެހެއްޓީ މަންފާއެއް ވެދާނެކަމަށްޓަކައި... އެކަމަކު ކަލޭގެ ސަބަބުން އަހަރެންގެ އިއްޒަތް ވެއްޓިއްޖެ، ބޮޑުންގެ ރުޅިވެރިކަން އަހަންނަށް އަމާޒުވެއްޖެ... އަހަރެން ތިކަމާ ހަވާލުވިނަމަ މިހާރު އެއިންސި ގެނައިތާ ކިތަންމެ ދުވަހެއް!!!...'' ހިޔަނީގައި ސިފަޖެހި ފާޅުވެގެން އައީ އިސްކޮޅުން ބިޔަ ހަށިގަނޑުގައި ގިނަ އަދަދެއްގެ ކެހެރި ފަޅާފައި ހުރި މާރިދެކެވެ. އޭގެ ސިފަ އެންމެ ވައްތަރީ ކުއްތާއަކާ އެވެ. ދެފައިގެ ބާރުގައި ކޮޅަށް ހުރިއިރު ހަތަރެސްފައިގެ ބައްޓަން ވެސް ކުއްތާއަކާ ތަފާތެއް ނެތެވެ. މާރިދުގެ މުށުތެރޭގައި ފިސްފިސްވަމުން ދިޔަ މަހުލޫޤު އުނދަގުލުން ވާހަކަދައްކަން މަސައްކަތްކުރިއެވެ. އޭރު އޭތީގެ އަނގައިންނާއި ނޭފަތުން ލެޔާއެކުވެ ދަވައެއް ވެސް ބޭރުވާން ފަށައިފިއެވެ.

''އޭނަ... އޭނަ... ހަދާފަ ހުރި... ސިހުރުގެ ބާރު ދަނީ... ކެނޑެމުން... ގިނަ ދުވަހެއް... ނުވާނެ... އަހަރުމެންގެ... ބާރު ގަދަވާނެ...'' އެޖުމްލައާއެކު ބަންލާފައި ބިންމައްޗަށް އެއްޗެއް ވެއްޓުނު އަޑު އިވުނެވެ. އޭރު ނޭވާއަށް ކުކުރަމުން ދިޔަ މަހުލޫޤު ކުރުގެޅިގެން އޮތީ އިތުރު ހަމަލާއަކުން ވެސް އޭތީގެ ފުރާނެ ގޮސްދާނެކަމުގެ ބިރާއެކުގަ އެވެ. ނަމަވެސް އެފަދަ ކަމެއް ތަކުރާރެއް ނުވެ މާރިދު ގެއްލުނީ އެވެ.

*****

މެންދަމުން އަލިވެ އެކެއްޖެހި ވަގުތެވެ. ރަށް އޮތީ ފުން ހިމޭންކަމެއްގެ ތެރޭގައި ނިދާފައެވެ. ދިރޭ ފުރާނައެއްގެ ހިލަމެއް ވެސް ނުވެއެވެ. އޭގެ ސަބަބުން ބިރުވެރިކަން މާހައުލަށް ވެރިވެފައި އޮތެވެ. ގޭގެ ދޮރު ހުޅުވާލާފައި ފެންޑާއަށް ނިކުތް ޖާބިރު ގޯތި ތެރެއަށް ނަޒަރެއް ދިނެވެ. ހަނދުވަރު ދީފައި އޮތް ރެޔެއްކަމުން ގަސްތަކުގެ ފަތްތަކުގެ ތެރޭން ފުރޭނިގެން އައިސް ކޮކާހަނދުވަރު ދީފައި އޮތެވެ. ބޭރަށް ފިޔަވަޅުތައް އަޅާލަމުން ޖާބިރު ގޭގެ ދޮރު ލައްޕާލިއެވެ. އަދި އޭނަގެ އަތުގައި އޮތް ތަޅުދަނޑިން ދޮރު ތަޅުލީ އިތުރު މީހަކަށް ބޭރަށް ނިކުތުމުގެ ފުރުސަތު ނުދޭންވެގެންނެވެ.

މައިދޮރާށި ކައިރިއަށް ހުއްޓިލަމުން ޖާބިރު އޭނަގެ އަތުގައި އޮތް ފުޅިއެއްގައި ހުރި ދިޔާ އެއްޗެހި ބޯގަންވިލާ ގަހަށް އަޅަން ފެށީ މުޅިން އެހެން ބަހުރުވައަކުން ލަސްލަހުން އެއްޗެހި ތަކުރާރުކުރަމުންނެވެ. އެއީ އޭނަ މީގެ ކުޑައިރުކޮޅެއް ކުރިން އުނިމަލާއި ފެންއެއްކޮށް ކިޔަވައިގެން ތައްޔާރުކުރި އެއްޗެކެވެ. ޖާބިރު އެފަދައިން ކަންތައްކުރަން ފެށުމުން ގަހަށް ކޮންމެވެސް ވަރެއްގެ ދިރުމެއް އައެވެ. ނަމަވެސް އޭނައަށް ސިހުން ގެނައީ އޭނަގެ ފުރަގަހުން ކުއްލިޔަކަށް އިވުނު އަޑެއްގެ ސަބަބުންނެވެ.

''ވާޤިދު...'' ފަސްއެނބުރި ބަލާލުމާއެކު ފެނުނީ ހުދުހެދުމެއްގައި ހުރި އިސްކޮޅު ދިގު މީހެކެވެ. އޭނަގެ ސިފަ ރީތިވެފައި ޢައިބުކަމެއް ނުވެއެވެ.

''ކީކޭ؟...'' ލިބުނު ހައިރާންކަމާއެކު ޖާބިރަށް ބުނެވުނެވެ. އޭރު އޭނަގެ ދެލޯ ވެސް ބޮޑުވެފައި ވިއެވެ.

''އެމީހުނަށް ޚަބަރުވެއްޖެ... އެމީހުން އެބައާދޭ...'' އުޑަށް ބަލާލަމުން ވާޤިދު ބުންޏެވެ. ޥާޤިދަކީ ޖާބިރަށް މަދަދުވެރިވާ މުއުމިން ޖިންނިއެކެވެ. ރޫޚާނީ ދުނިޔޭގެ ޚަބަރުތައް ޖާބިރާ ހަމައަށް ގެނެސްދެނީ ވެސް ވާޤިދެވެ.

ވާޤީދުގެ ޖުމްލައިން ޖާބިރަށް ނުތަނަވަސްކަން ލިބުނެވެ. އޭނަ އިހުނަށްވުރެ އަތްމަތި އަވަސްކޮށްލަމުން ފުޅީގައި ބާކީހުރި ފެންތައް ގަސްދޮށަށް އަޅާލިއެވެ. އެއަށްފަހު އޭނަ ނުހަނު ހަލުވިކަމާއެކު ބިންމަތީގައި ނިޝާންތަކެއް ކުރަހާލިއެވެ. އަދި ވާޤިދަށް ބަލާލިއެވެ. އޭނަގެ މޫނުމަތިން ވާޤިދާ މެދު ހިތްހަމަނުޖެހިފައި ހުރިކަން ވެސް ފެނެއެވެ. ވާޤިދާއި އޭނަ ހަވާލުކުރި މަސައްކަތް އެދެވޭގޮތުގައި ފުރިހަމަ ނުކުރެވުނީތީ އެވެ.

''ގޯއްޗަކަށް ނުވަދެވޭނެ، އެންމެން ވަނީ ރައްކާތެރިކަމުގައި...'' ވާޤިދު ބުނެލިއެވެ. އޭނަގެ މޫނުމަތިން ހާސްކަން ފެނެއެވެ. އެއީ ޖާބިރުގެ ހިތްހަމަނުޖެހުމުގެ ސަބަބުން ލިބިދާނެ ސަޒާއަކާ މެދު ކަމެއް ނުވަތަ ކުރިމަތިލާންޖެހިފައިވާ ނުރައްކަލުގެ ސަބަބުންކަމެއް ނޭގެއެވެ.

ކުއްލިޔަކަށް ފެނިގެން ދިޔައީ ޖައްވުން އަލިގުޅަތަކެއް ހުރަސްކަނޑާލިތަނެވެ. އޭގެ އިރުކޮޅެއް ފަހުން ބިންގަނޑަށް ވަރުގަދަ ލޮޅުމެއް ވެސް އައެވެ. އޭރު ޖާބިރު ހުރީ ސާބިތުކަމާއެކު ފައިތިލަ ސާބިތުކޮށްގެންނެވެ. ހިތަށް ބިރުވެރިކަން ފޭދުނަސް އެކަން އޭނަގެ މޫނުމައްޗަކުން ނުދައްކަ އެވެ. އޭނަގެ ދުޝްމިނުންނާއި ހަނގުރާމަކުރަން ޖެހުނަސް އެކަން ކުރެވޭނީ ހިތްވަރާއެކު ކުރިމަތިލައިގެންނެވެ.

''ކަލޭ ހީކުރީތަ ކަލެއަށް ހުރިހާ ދުވަހަކު އަހަރުމެންގެ ފުށުން ސަލާމަތްވެވިގެން އުޅެވޭނެ ކަމަށް، ކަލެއަށް ލިބިފަ ތިހުރި ހުނަރަކާ މެދު އެއްޒަމާނެއްގައި ކަލޭ ވަރަށް ފަހުރުވެރިވީމެއްނު، ކަލޭގެ ބާރު ދައްކަން ވެސް އުޅުނީމެއްނު، އެކަމަކު އެދުވަސްތައް މާޒީވެ ހިނގައްޖެ... ކަލޭގެ ބާރު ތިދަނީ ކެނޑެމުން... ގިނަ ދުވަހެއްނުވެ ކަލޭ ކުރި ކަންތަކުގެ އަޖުމަ ލިބޭނެ... އަހަރުމެންގެ އުސޫލަކީ ބަދަލަށް ބަދަލު...'' ހަރުކަށި އަޑެއް އިވުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު