ފަސޭހަކަމާއެކު ކުމުންދޫ ބަލިކޮށް، ކުޅުދުއްފުށިން ސެމީގެ ޖާގައެއް ހޯދައިފި

މިނިވަން ޗެމްޕިއަންޝިޕްގައި ކުޅުދުއްފުށްޓާއި ކުމުންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ކުޅުދުއްފުށި މޮޅުވީ 6-0 ލަނޑުން --- ފޮޓޯ/ އެފްއޭއެމް

މިނިވަން ޗެމްޕިއަންޝިޕްގައި ފަސޭހަކަމާއެކު ކުމުންދޫ ބަލިކޮށް، ކުޅުދުއްފުށިން ހދ. އަތޮޅު ބުރުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

އަމިއްލަ ރަށުގައި އިއްޔެ ހަވީރު ކުޅުނު ގްރޫޕް އެކެއްގެ މެޗުގައި ކުމުންދޫގެ މައްޗަށް ކުޅުދުއްފުށިން ކުރި ހޯދާފައިވަނީ 6-0 ލަނޑުގެ ބޮޑު ތަފާތަކުންނެވެ. އެ ގްރޫޕުގައި ކުޅުދުއްފުށި ކުޅުނު ދެ މެޗުން ވެސް މޮޅުވެފައިވާއިރު، ކުމުންދޫ ވަނީ ދެ މެޗުން ބަލިވެ މުބާރާތުން ކަޓައިފައެވެ.

އިއްޔެ ކުޅުނު މެޗުގެ ކޮންމެ ހާފެއްގައި ވެސް ކުޅުދުއްފުށިން ތިން ލަނޑު ކާމިޔާބުކޮށްފައިވެއެވެ. މެޗުގައި ކުޅުދުއްފުށިން ކާމިޔާބުކުރި ފުރަތަމަ ދެ ލަނޑު ކާމިޔާބުކޮށްދިނީ އަންވަރު އާދަމްއެވެ. އޭނާގެ ފުރަތަމަ ލަނޑު މެޗުގެ ތިންވަނަ މިނެޓުގައި ފެނިގެންދިޔައިރު، އޭނާގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 39 ވަނަ މިނެޓުގައެވެ. ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް، ކުޅުދުއްފުށީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ސިޔާމް އަހްމަދެވެ.

މެޗުގެ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް ކުޅުދުއްފުށިން މޮޅު ކުޅުމެއް ދެއްކިއެވެ. މެޗުގެ 68 ވަނަ މިނެޓުގައި ކުޅުދުއްފުށީގެ ހަތަރުވަނަ ލަނޑު މުހައްމަދު ޝާފިއު ހަސަން ކާމިޔާބުކޮށްދިންއިރު، މެޗުގެ 80 ވަނަ މިނެޓުގައި އެޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފަތުހުﷲ އާދަމްއެވެ. އަދި މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް، ކުޅުދުއްފުށީގެ ހަވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ހަސަނެވެ.

އެ މުބާރާތުގެ ހދ. އަތޮޅު ބުރު ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ކުޅުދުއްފުށްޓާއި، ކުރިނބީ އަދި ކުމުންދޫއެވެ. ގްރޫޕް ދޭއްގައި ނޮޅިވަރަމްއާއި، ފިނޭ އަދި ނޮޅިވަރަންފަރު ހިމެނޭއިރު، ގްރޫޕް ތިނެއްގައި ހިމެނެނީ ހަނިމާދުއާއި، ނޭކުރެންދޫ އަދި ހިރިމަރަދޫއެވެ. އަތޮޅު ބުރުގެ ސެމީގައި ވާދަކުރާނީ ތިން ގްރޫޕުގެ އެއްވަނަ ހޯދާ ޓީމުތަކާއި ރަނަރަޕް ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ޓީމެވެ.

ކުޅުދުއްފުށްޓާ ދެކޮޅަށް ސެމީގައި ނުކުންނަން ޖެހޭ ޓީމެއް ކަށަވަރުވާނީ ހދ. އަތޮޅު ބުރުގެ ހުރިހާ މެޗުތަކެއް ކުޅެ ނިމުމުންނެވެ. ސެމީގައި އެޓީމު ނުކުންނަން ޖެހޭނީ ތިން ގްރޫޕްގެ ރަނަރަޕް ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ޓީމަކާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުއެވެ.

comment ކޮމެންޓް