ސަލްމާންގެ އާއިލާ ރާއްޖޭގައި، ސަލްމާން އަންނާނީ މާދަމާ

ސަލްމާން ޚާން އާއިލާގެ ބައެއް މެންބަރުން--- ފޮޓޯ/ ބުންޔާމިން އަހުމަދު

ބޮލީވުޑްގެ ގިނަ ފިލްމުތަކުން ބެލުންތެރިންގެ ހިތްތައް ފަތަހަކޮށްފައިވާ މަޝްހޫރު ފިލްމީ ތަރި ސަލްމާން ޚާންގެ އާއިލާގެ ގިނަ މެންބަރުންތަކެއް މިއަދު ރާާއްޖެ އަތުވެއްޖެ އެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އާއިލާގެ ގިނަ މެންބަރުން ރާއްޖެ އައިސް ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އާއިލާގެ މެމްބަރުންނާއި އެކުވެރިން ހިމެނޭ ގޮތަށް ސާޅީހަށް ވުރެ ގިނަ މީހުން މިއަދު ރާއްޖެ އައިސްފައިވާއިރު އެ އެންމެން ތިބުމަށް ހަމަޖެހިފައި ވަނީ އަމިއްލަ ފުށި ރިސޯޓް ގައެވެ.

ސަލްމާންގެ އާއިލާގެ ގިނަ ބަޔަކު މިއަދު ރާއްޖެ އައިސްފައި ވަނީ އޭނާގެ އަންހެން ކޮއްކޮ އަރްޕިތާގެ ދަރިފުޅު އާހިލްގެ އުފަން ދުވަސް ފާހަގަ ކުރުމަށް ކަމަށް އަރުޕިތާގެ އިންސްޓްގްރާމް އެކައުންޓްގައި ވަނީ ބުނެފަ އެވެ. އެ ހަފްލާ ނިންމާފައި އެނބުރި ގައުމަށް ދާނެ ދުވަހެއް އަދި އެނގިފައެއް ނުވެއެވެ. އާހިލްގެ އުފަންދުވަހަކީ މާދަމާއެވެ.

މިއަދު ރާއްޖެ އައި ސަލްމާން ޚާން އާއިލާގެ ގިނަ މެންބަރުން ތަކެއް ފޮޓޯ އަކަށް ހުއްޓިގެން---

ސަލްމާން އާއި އޭނާގެ ކޮއްކޮ ސުހައިލް ޚާން މާދަމާގެ ވަގުތެއްގައި ރާއްޖެ އަންނާނެ ކަމަށް ވަނީ ހަބަރު ލިބިފައެވެ.

މިއަދު ރާއްޖެ އައި މީހުންގެ ތެރޭގައި ސަލްމާންގެ ދޮން މަންމަ އަދި ކުރީގެ މަޝްހޫރު އެކްޓްރެސް ހެލެން އާއި ސަލްމާންގެ ކޮއްކޮ އަރްބާޒް ޚާން ހިމެނެއެވެ. އަދި މި ދަތުރުގައި އަރްބާޒްގެ ކުރީގެ އަންހެނުން މަލައިކާ އަރޯރާ ޚާން ވެސް ހިމެނޭ އިރު މަލައިކާގެ ކޮއްކޮ އަމްރިތާ ޚާން އަރޯރާ ވެސް ވަނީ ބައިވެރި ވެފައެވެ.

އާހިލްގެ އުފަން ދުވަސް ފާހަގަ ކުރުމަށް މިއަދު އައި މީހުންގެ ތެރޭގައި ސަލްމާންގެ ލޯބިވެރިޔާ ކަމަށް ގިނަ ބަޔަކު ބުނަމުން އަންނަ ލޫލިއާ ވަންތޫރު ވެސް ވަނީ ބައިވެރިވެފައެވެ. ނަމަވެސް ސަލްމާން އާއި ލޫލިއާގެ ގުޅުން މިހާތަނަށް އައި އިރުވެސް ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް