"ޕީޕީއެމުން ވަކިކުރި މައްސަލަ ބާތިލު ކުރަން ގާނޫނުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން"

މަޑުއްވަރީ ދާއިރާގެ މެމްބަރު އަމީތު --

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަކިކުރަން ނިންމި ނިންމުން ބާތިލު ކުރުމަށް ގާނޫނުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ މެމްބަރު ކަމުން އަމީތު ވަކިކުރަމަށް ނިންމާފައި ވަނީ އިއްޔެ ކުރިއަށް ގެންދިޔަ އެ ޕާޓީގެ ސުލޫކީ ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފަސް މެމްބަރުންގެ އިއްތިފާގުންނެވެ.

އަމީތު މިއަދު ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ޕީޕީއެމްގެ މެމްބަރު ކަމުން ވަކިކޮށްފައި ވަނީ ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދީ ކަމަށެވެ. އަދި ސުލޫކީ ކޮމިޓީއަކީ ސަސްޕެންޑްކޮށްފައިވާ ކޮމިޓީއެއް ކަމަށް އޭނާގެ ގާނޫނީ ވަކީލު ލަފާދީފައިވާ ކަމަށެވެ. އެހެން ކަމުން އެ ކޮމިޓީއަށް ހާޒިރުވެ އެ ކޮމިޓީ ސަސްޕެންޑްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާކަން ކަށަވަރުކޮށްދިނުމަށް އެދުން ކަމަށް އަމީތުގެ ބަޔާނުގައިވެ އެވެ.

އެހެން ނަމަވެސް ކޮމިޓީ މެދުކަނޑާލާފައިވަނީ އެކަން ކަށަވަރުކޮށް ނުދީ ކަމަށާއި، ޕާޓީން ވަކިކުރުމުގެ ހަބަރު ލިބުނީ މީޑިއާއިން ކަމަށް އަމީތުގެ ވިދާޅުވެފައިވެ އެވެ.

އެ ބަޔާނުގައި ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުގެ މެމްބަރު ކަމުގައި ހޭދަކުރި ދުވަސްތަކުގައި އެ ޕާޓީގެ ނިންމުންތަކާ އެއްގޮތަށް އަމަލުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ޕާޓީގެ ވިޕްލައިނާ ޚިލާފަށް އެތައް މެމްބަރަކު ވޯޓުދީފައިވާކަން ރިކޯޑްތަކުން ފެންނަން އެބަހުރި ކަމަށާއި، ނަމަވެސް ކޮންމެ ފަހަރަކު އެ މެމްބަރުންނާ ދޭތެރޭ ފިޔަވަޅު އަޅާފައި ނުވާ ކަމަށް އަމީތުގެ ބަޔާނުގައިވެ އެވެ.

"އިންސާފަކީ އެކިމީހުންނަށް އެކިގޮތަށް ލިބިދޭންޖެހޭ އެއްޗެއްނޫނެވެ. ވިޕްލައިނާ ޚިލާފަށް އަމަލުކޮށްފައިވާ މެމްބަރުން މިއަދުވެސް ޕާޓީގެ މެމްބަރުންގެ ގޮތުގައި އެބަތިއްބެވެ،" އެ ބަޔާނުގައިވެ އެވެ.

އަމީތުގެ ބަޔާނުގައި، ޕީޖީގެ ވިޕްލައިން އަންނާނީ ގާނޫނީ ގޮތުން އޭނާ ކޮށްފައިވާ ހުވަޔާއި، ގައުމީ މަސްލަހަތު އަދި ދިވެހިންގެ މަސްލަހަތުގެ ފަހަތަށް ކަމަށް ބުނެފައިވެ އެވެެ. އަދި އެ ތަރުތީބުން އަމަލުކުރަން މަޖުބޫރުވީ، ޕީޖީ ގްރޫޕުގެ ނިންމުންތައް ނިންމުމުގައި ފަހަކަށް އައިސް އަމަލުކުރަމުން ދިޔަ ގޮތުން ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

އަމީތުގެ ބަޔާނުގައި އަޑުއަހަންޖެހޭނީ އެންމެ މީހެއްގެ އަޑު ނޫން ކަމަށާއި، އެކި ފިކުރުގެ މީހުންގެ އަޑުވެސް އަހަން ޖެހޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

"އަހަންޖެހޭ އަޑަކީ އެންމެ އަޑެއް ނޫނެވެ. ގައުމުގައި ތިބި ހަރުމީހުންނާއި ސިޔާސީ މީހުންނާއި، އެކި ފިކުރުގެ މީހުންގެ އަޑުވެސް އަހަން ޖެހެ އެވެ. ރައްޔިތުންގެ ތެރެއިން އަޅުގަނޑުމެން އަމަލުކުރާ ގޮތާއި ވޯޓް ދޭ ގޮތާ މެދު ސުވާލުއުފައްދާ މީހުންގެ އަޑުވެސް އަހަންޖެހެ އެވެ،" އަމީތުގެ ބަޔާނުގައިވެ އެވެ.

comment ކޮމެންޓް