ދިވެހި މޮޑެލް ރައުދާ އާތިފް ބަންގްލަދޭޝްގައި މަރުވެއްޖެ

ރައުދާ އާތިފު --- ފޮޓޯ/ ޝިފާޒް ޝަމްއޫން

ދިވެހި މޮޑެލް ރައުދާ އާތިފް ބަންގްލަދޭޝްގައި މަރުވެއްޖެ އެވެ.

އުމުރުން 20 އަހަރުގެ ރައުދާއަކީ ބަންގްލަދޭޝްގެ ރާޖްޝާހީގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގައި މެޑިސިން ކިޔަވަމުން ދިޔަ ދަރިވަރެކެވެ.

ރައުދާގެ އާއިލާގެ މެމްބަރަކު "ސަން"އަށް ބުނި ގޮތުގައި، ރައުދާ މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. ރައުދާގެ އާއިލާގެ މެމްބަރުން މިވަގުތު ބަންގްލަދޭޝްއަށް ދިއުމަށް ދަތުރަށް ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

ބަނގްލާދޭޝްގެ ޗީފް އޮފް ޕޮލިސް ޒިއްލޫރު ރަހުމާން އޭއެފްޕީގެ ރިޕޯޓަރަކަށް މައުލޫމާތުދިން ގޮތުގައި ރައުދާ ދިރިއުޅުނީ ސިންގަލް ކޮޓަރިއެއްގައި އެކަންޏެވެ. އަދި އޭނާ މަރުވެފައި އަމިއްލަ އަށް ދަންޖެހިގެންނެވެ.

މޮޑެލް ރައުދާ އާތިފް --

ބަނގްލާދޭޝްގެ ފުލުހުންނާ ހަވާލާދީ، އޭނާއާ އެކު ކިޔަވާ ދަރިވަރަކު ބުނެފައި ވަނީ ރައުދާ މަރުވީ އަމިއްލަ އަށް ކަމަށެވެ.

"ރައުދާ އަމިއްލައަށް މަރުވާންވީ ސަބަބެއް އަހަރެމެންނަކަށް ނުވިސްނޭ،" އެ ދަރިވަރު ލިޔެފައިވެ އެވެ.

ރައުދާ މަޝްހޫރުވެފައި ވަނީ ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ފޮޓޯއަކުންނެވެ. އެއީ ފޮޓޯގްރަފަރު ޝިފާޒް (ސޮއްޓި) ނަގާފައިވާ "މޯލްޑިވިއަން ގާލް ވިތު އަކުއާ ބްލޫ އައިސް"ގެ ނަމުގައި އާންމުވި ފޮޓޯއެކެވެ.

އެއަށް ފަހު މަޝްހޫރު ފެޝަން މެގަޒިން "ވޯގު އިންޑިއާ"ގެ، 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ އަދަދުގައި ރައުދާ ފީޗަރ ކޮށްފައިވެސްވެ އެވެ.

comment ކޮމެންޓް