ޖާސޫސުކުރުމަށް އުތުރުކޮރެޔާއިން ހާހެއްހާ ޑްރޯން މަތިންދާބޯޓުގެ ފްލީޓެއް ބޭނުން ކުރޭ

އުތުރުކޮރެޔާއިން އެގައުމުގެ ޑްރޯން ތަކެއް ދައްކާލަނީ

ސޯލް (މާޗް 29) : ޖާސޫސު ކުރުމަށްޓަކައި އުތުރުކޮރެޔާއިން ގާތްގަނޑަކަށް ހާހެއްހާ ޑްރޯން މަތިންދާ ބޯޓުގެ ފްލީޓެއް ބޭނުން ކުރަމުން ގެންދާކަމަށް އަވަށްޓެރި ދެކުނު ކޮރެޔާއިން ބުނެފިއެވެ.

ދެކޮރެޔާ އަލުން އެއްކޮށް އެއްބައިވަންތަ އެއްކޮރެޔާ އުފެއްދުމަށްޓަކައި ދެކުނު ކޮރެޔާގައި އުފައްދާފައިވާ ކޮރެޔާގެ ގައުމީ ވަހްދަތާއި އެއްބައިވަންތަކަމާބެހޭ އިންސްޓިޓިއުޓުން ބުނީ ދެކުނު ކޮރެޔާއަށް ޖާސޫސުކުރުމަށްޓަކައި އުތުރު ކޮރެޔާއިން ގާތްގަނޑަކަށް ހާހެއްހާ ޑްރޯން ބޭނުން ކުރަމުން ގެންދާކަމުގައެވެ. މި ހާގިނައަދަދެއްގެ ޑްރޯން ބޭނުންކުރަނީ ސެޓަލައިޓް ބޭނުންކޮށްގެން ޖާސޫސުކުރުމުގެ ގާބިލްކަން އުތުރުކޮރެޔާގައި ކުޑަވުމާއެކު އެކަން ފޫބެއްދުމަށެވެ.

އުތުރުކޮރެޔާއަކީ ނިއުކްލިޔާ ބާރަކަށްވިނަމަވެސް އެގައުމުގެ ވައިގެ ސިފައިންގެ ވަސީލަތްތަކާއި އިލެކްޓްރޯނިކްސް ހަނގުރާމައިގެ ވަސީލަތްތައް ދެކުނު ކޮރެޔާގައިވާ މިބާވަތުގެ ޒަމާނީ ވަސީލަތްތަކަށްވުރެ މާ ބަލިކަށިކަމަށް މިއިންސްޓިޓިއުޓުން ބުނެއެވެ.

އެމެރިކާގެ މަދަދާއެކު ޖާސޫސުކުރުމަށް ދެކުނު ކޮރެޔާއިން އެތަށް ސެޓަލައިޓެއް ބޭނުން ކުރަމުންގެންދާއިރު އުތުރު ކޮރެޔާ ބޭނުންކުރަނީ އެގައުމުން އަމިއްލައަށް އަރުވާފައިވާ އާދައިގެ ދެތިން ސެޓަލައިޓެކެވެ. މިކަން ފޫބެއްދުމަށްޓަކައި އުތުރުކޮރެޔާ ޖާސޫސީ ވަސީލަތްތައް ފުޅާކުރުމަށް ހާހެއްހާ ޑްރޯން ކަމަށް ކޮރެޔާގެ ގައުމީ އެއްބައިވަންތަކަމާބެހޭ އިންސްޓިޓިއުޓުން ނެރުނު ރިޕޯޓް ބުނެއެވެ.

އުތުރުކޮރެޔާއަކީ އަސްކަރީ ޓެކްނޮލޮޖީ ގައި ހަމައެކަނި އަމިއްލަ ނަފްސަށް ބަރޯސާވާ ގައުމެކެވެ. މިގޮތުން ނިއުކްލިޔަރ ހަތިޔާރާއި ޑްރޯންއާއި މިސައިލްއާއި ސެޓަލައިޓް ފަދަ ވަސީލަތްތައް އުތުރުކޮރެޔާއިން އަމިއްލަ ޓެކްނޮލޮޖީގައި ތަރައްގީކޮށް އެތަކެތި ތަޖްރިބާ ކުރަމުންގެންދެއެވެ.

ދެކުނު ކޮރެޔާއަކީ ދިފާއީ ކަންކަމުގައި އެމެރިކާއަށް ބަރޯސާވާ ގައުމެއްނަމަވެސް އެއީވެސް އަސްކަރީ ޓެކްނޮލޮޖީ ވަރަށް ބޮޑަށް ތަރައްގީކޮށްފައިވާ ގައުމެކެވެ. ނިއުކްލިޔަރ ދާއިރާއަށް ބަލާއިރު ނިއުކްލިޔަރ ހަތިޔާރު ތަރައްގީ ނުކުރިނަމަވެސް މަދަނީ ނިއުކްލިޔަރ ޓެކްނޮލޮޖީގައި ދެކުނުކޮރެޔާއަކީ ވަރަށް ބޮޑަށް ކުރިއަރާފައިވާ ގައުމެކެވެ. މިސައިލާއި ކޮންވެންޝަނަލް ހަތިޔާރުގައިވެސް ދެކުނު ކޮރެޔާއަކީ ވަރަށް ބޮޑަށް ކުރިއަރާފައިވާ ގައުމެކެވެ.

ދެކުނު ކޮރެޔާގެ ދިފާއީ ވުޒާރާއިންވަނީ ޑްރޯން ބޭނުންކޮށްގެން ދެކުނު ކޮރެޔާއަށް އިސްވެ ހަމަލާދިނުމުގެ ވިސްނުމެއް އުތުރުން ގެންގުޅޭކަމަށް ތުހުމަތުކޮށް އެކަމާމެދު ކަންބޮޑުވާކަން ހާމަކޮށްފައެވެ. (ޖަރުމަނު ނޫސްއެޖެންސީ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު