ޗައިނާގެ އައުޓްބައުންޑް ޓޫރިޒަމް ފެއާގައި ދިވެހި 18 ކުންފުންޏަކުން ބައިވެރިވަނީ

ޗައިނާގައި މިހާރު ކުރިއަށްދާ ޗައިނާ އައުޓް ބައުންޑް މާކެޓުގައި ބަހައްޓާފައިހުރި ދިވެހި ސްޓޯލު -- ފޮޓޯ: އެމްއެމްޕީއާރުސީ

ޗައިނާގައި ބާއްވާ "ނަމްބަރ ވަން" ބީޓޫބީ ފެއާ ކަމުގައިވާ، ޗައިނާ އައުޓްބައުންޑް ޓްރެވަލް އެންޑް ޓޫރިޒަމް މާކެޓު ގައި ރާއްޖޭގެ 18 ކުންފުންޏަކުން ބައިވެރިވެއްޖެ އެވެ.

ޗައިނާގެ ވެރިރަށް ބެއިޖީންގައި މިއަދު ފެށި އެ ފެއާ ކުރިއަށްދާނީ މިމަހުގެ ހުކުރު ދުވަހުގެ ނިޔަލަށެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް އެ ފެއާގައި ދިވެހި 18 ކުންފުންޏަކުން ބައިވެރިވަމުންދާއިރު، އެކުންފުނިތަކުގެ 37 މަންދޫބުން ދަނީ އެ ފެއާގައި ހަރަކާތްތެރިވަމުންނެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި އެ ފެއާގައި ހުރި ރާއްޖޭގެ ސްޓޯލަކީ 102 އަކަ މީޓަރުގެ ބޮޑު ސަރަހައްދެކެވެ. އެ ތަނުގައި ދިވެހިރާއްޖޭގެ ޓޫރިޒަމާ ގުޅުން ހުރި ޕްރޮޑަކްޓައް ޝޯކޭސް ކުރަމުންދާއިރު، ދިވެހި ސްޓޯލުގައި 19 ކައުންޓަރު ބަހައްޓާފައި އެބަ ހުއްޓެވެ. އެ ކައުންޓަރުތަކުގެ ތެރެއިން އަށް ކައުންޓަރަކީ ޕްރައިވެޓް މީޓިން ޓޭބަލްތަކެވެ.

އެ ފެއާގެ ތެރެއިން ރާއްޖޭގެ ސްޓޯލަށް ޒިޔާރަތް ކުރާ ފަރާތްތަކަށް، ރާއްޖޭގެ ރީތި މަންޒަރު ދައްކާލުމުގެ ގޮތުން ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ދައްކާލުމަށް ވާޗުއަލް ރިއަލިޓީ މެދުވެރިކޮށް މަންޒަރު ދައްކުވައިދޭ ޑިވައިސްއަކުން އެ ބޭފުޅުންނަށް މަންޒަރު ދައްކާލާނެ އެވެ. އަދި ޒިޔާރަތް ކުރާ ފަރާތްތަކުގެ ނަންތައް ކެލިގްރަފީ ބޭނުންކޮށްގެން ދިވެހިން ލިޔުމާއި، ފްރޭމު ނަގައިގެން ހުރެ ފޮޓޯ ނަގައި ފޭސްބުކް ނުވަތަ އެހެން ސޯޝަލް މީޑިއާއަކަށް ލައިގެން ހޮވާލެވޭ ފަރާތްތަކަށް އިނާމް ދިނުމަށްވެސް ވަނީ ހަމަޖައްސާފައެވެ.

ތިން ދުވަހުގެ މުއްދަތަކަށް ޗައިނާގައި ކުރިއަށް ދާ އެ ފެއާގައި ބައިވެރިވާ ދިވެހި ޑެލިގޭޝަނުން، ޗައިނާގެ ޓްރެވަލް އިންޑަސްޓްރީގެ ޕްރޮފެޝަނަލުންނާ ބައްދަލުކޮށް އެގައުމުގައި ރާއްޖެ އިސްތިހާރު ކުރުމާ މެދު މަޝްވަރާކުރަން ވެސް ވަނީ ހަމަޖެހިފައެވެ.

އަހަރުން އަހަރަށް ބަލާއިރު ޗައިނާއިން ބޭރަށް ޗުއްޓީ ހޭދަ ކުރަން ދާ އެގައުމުގެ ރައްޔިތުންގެ އަދަދު އަންނަނީ އަހަރެއްގެ މައްޗަށް 100 މިލިއަން މީހުންގެ ނިސްބަތުން އިތުރުވަމުންނެވެ. މިދިޔަ އަހަރު ނިމުނު އިރު އެގައުމުން ބޭރަށް ޗުއްޓީ ހޭދަކުރުމަށް ދިޔަ މީހުންގެ އަތުން ޖުމްލަ 128 ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ.

އޭގެ އިތުރުން މިދިޔަ އަހަރު އެގައުމުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ މުޅި އަހަރު ދުވަހު ރާއްޖެ ޒިޔާރަތް ކުރި ޖުމްލަ ފަތުރުވެރިންގެ 25.2 ޕަސެންޓެވެ. މިދިޔަ އަހަރު ޗައިނާއިން ރާއްޖެއަށް 324،326 ފަތުރުވެރިން އައިސްފައިވެއެވެ.

comment ކޮމެންޓް