އަދާލަތު ޕާޓީ ޖޫރިމަނާކުރި މައްސަލާގައި ކުރި ދައުވާ ބާތިލްކޮށްފި

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ --- ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހު

އަދާލަތު ޕާޓީ ޖޫރިމަނާކުރި މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެ ޕާޓީން ދައުވާކުރި މައްސަލަ ސިވިލް ކޯޓުން ބާތިލްކޮށްފިއެވެ.

ސިވިލް ކޯޓުން ހޯމަ ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ އެ މައްސަލައިގެ ޝަރީއަތް ހިންގުމަށް ހޯމަ ދުވަހުގެ ހެނދުނު 9:45 އަށް ކޯޓަށް ހާޒިރުވުމަށް އެ ޕާޓީއަށް ޗިޓް ފޮނުވުމުން ވެސް މަގުބޫލު އުޒުރެއް ނެތި އެ ޕާޓީން ކޯޓަށް ހާޒިރުވެފައިނުވާ ކަމަށެވެ. އެހެންކަމުން ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދުގެ ދަށުން އެ މައްސަލައިގެ ދައުވާ ފޯމް ވަނީ ބާތިލްކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ ޖޫރިމަނާކޮށްފައި ވަނީ ދެހާސް ފަނަރަ ވަނަ އަހަރުގެ ފެބުރުއަރީ 27 ގައި އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާ އާއި 2015 ވަނަ އަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހު އަދާލަތު ޕާޓީ އިސްވެ އޮވެ ކުރި މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ. އޭގެ އިތުރުން މިދިޔަ އަހަރު ޑިސެމްބަރު މަހު "މިންޖުވާން" ނަމުގައި ކުރި މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެންވެސް އެޕާޓީ ވަނީ ޖޫރިމަނާ ކޮށްފައެވެ.

މޭޑޭގައި ކުރި މުޒާހަރާއާ ގުޅިގެން އަދާލަތު ޕާޓީ ވަނީ 69،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. މިންޖުވާން މުޒާހަރާއާ ގުޅިގެން 75،000 ރުފިޔާއިން އަދާލަތު ޕާޓީ ވަނީ ޖޫރިމަނާކޮށްފައެވެ.

comment ކޮމެންޓް