އަންނަ އަހަރު ފެށެންވާ އިރަށް ޕާކިސްތާނާ ދެމެދު އޮންނަ ބޯޑަރު އެއްކޮށް ބަންދު ކުރާނަން: އިންޑިއާ

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އޮންނަ ބޯޑަރު ބެލެއްހެއްޓުމުގައި ބީއެސްއެފް އާއި އަސްކަރިއްޔާއިން ހަރަކާތްތެރިވޭ -- ފޮޓޯ: އޭޕީ

ނިއު ދިއްލީ (މާޗް 28): އަންނަ އަހަރު އަންނަންވާ އިރަށް އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އޮންނަ ބޯޑަރާއި އެގައުމާއި ބަންގުލަދޭޝްއާ ދެމެދު އޮންނަ ބޯޑަރު އެއްކޮށް ބަންދު ކުރާނެ ކަމަށް އިންޑިއާގެ ޔޫނިއަން ހޯމް މިނިސްޓަރު ރާޖުނަތު ސިންހު ވިދާޅުވެއްޖެ އެވެ.

ިއިންޑިއާގެ ބޯޑާ ސެކިއުރިޓީ ފޯސް އެކަޑަމީގެ ދަސްވެނިވުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސިންހު ވިދާޅުވި ގޮތުގައި ޕާކިސްތާނާއި ބަންގުލަދޭޝްގެ ބޯޑަރު ހުރަސްކޮށް އިންޑިއާއަށް ވަންނަ ރެފިއުޖީން ހުއްޓުވުމުގެ ޒިންމާ ހަވާލުކޮށްފައި ވަނީ އެގައުމުގެ ބޯޑާ މެނޭޖްމެންޓް ޑިވިޝަނާ އެވެ.

އިންޑިއާ ސަރުކާރުން ބުނާ ގޮތުގައި ޕާކިސްތާނާއި އިންޑިއާއާ ދެމެދު އޮންނަ ބޯޑަރުގެ 90 ޕަސެންޓު މިހާރު އެއްކޮށް ބަންދުކޮށްފައިވީ ނަމަވެސް އެބޯޑަރު ހުރަސްކޮށް އަދިވެސް އިންޑިއާއަށް ޓެރަރިސްޓުން ވަދެ އެވެ.

އަދި އިންޑިއާ އާއި ބަންގުލަދޭޝްއާ ދެމެދު އޮންނަ ބޯޑަރު ހުރަސްކޮށް، ބަންގުލަދޭޝްގެ ރައްޔިތުން ގާނޫނާ ހިލާފަށް އިންޑިއާއަށް ހިޖުރަ ކުރަމުން ދިޔުމުގެ ސަބަބުން އިންޑިއާގެ ގައުމީ ސަލާމަތަށް އޭގެ ނޭދެވޭ އަސަރު ކުރާ ކަމަށް އެގައުމުން ބުނެ އެވެ. ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ގާނޫނާ ހިލާފަށް ބަންގުލަދޭޝް އިން އިންޑިއާއަށް ހިޖުރަކޮށްފައިވާ 15 މިލިއަން މީހުން އިންޑިއާގައި ދިރިއުޅެ އެވެ.

އިންޑިއާގެ އަސްކަރިއްޔާއާ ގުޅިގެން އެގައުމުގެ ބޯޑަރުތަކުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާ ބީއެސްއެފުން ބުނި ގޮތުގައި ކަޝްމީރާއި އިންޑިއާއާ ދެމެދު އޮންނަ ބޯޑަރު ބަލައްހައްޓަން 250،000 ފައުޖު ހާއްސަކޮށްފައިވެ އެވެ. އެއީ ގައުމީ ބޯޑަރެއް ބަލަހައްޓާ ދުނިޔޭގެ އެންމެ ބޮޑު ފައުޖެވެ. (ސީއެންއެން)

comment ކޮމެންޓް