ޖޯން ފުރުވާނުލައި މަޑުކުރަނީ ކޯޓުގައި މައްސަލަތަކެއް އޮތުމުން: އިމިގްރޭޝަން

ރާއްޖޭގައި ގާނޫނާ ޚިލާފަށް އުޅޭތީ ހައްޔަރުކޮށް، އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި މިހާރު ހުރި އެމެރިކާގެ ރައްޔިތު ޖޯން ސޭފާޓް ރާއްޖެ އިން ބޭރަށް ފޮނުވާނުލައި ހުރީ، އޭނާއާ ގުޅޭ މައްސަލަތަކެއް ކޯޓުގައި އޮތުމުން، ކޯޓަށް ދިއުމުގެ ފުރުސަތު އޭނާއަށް ދިނުމަށް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ތަރުޖަމާނު ހަސަން ޚަލީލް މިއަދު ސަން އަށް ވިދާޅުވި ގޮތުގައި، ޖެނުއަރީ 16ގެ ރެއިން ފެށިގެން އިމިގްރޭޝަންގެ ބަންދުގައި ހުރި ޖޯން ޑީޕޯޓު ކޮށްލަން ނިންމާފައިވާ ނިންމުން ބަދަލު ނުކުރާ ކަމަށާއި، އޭނާ ހުރީ ހުޅުމާލޭގައި ހުންނަ އިމިގްރޭޝަންގެ ޑިޓެންޝަން ފެސިލިޓީގައި ކަމަށެވެ.

އެހެން ނަމަވެސް އޭނާ ޑީޕޯޓު ނުކޮށްލައި ގާތްގަނޑަކަށް ދެ މަހާއި ބައި ވެފައިވާ އިރުވެސް އޭނާ ނުފޮނުވާލައި ވަނީ، އޭނާއާ ގުޅޭ ބައެއް މައްސަލަތައް ކޯޓުގައި އޮތުމުން ކަމަށެވެ.

"ކޯޓުގައި އެބަހުރި ޖޯން ހުށަހަޅާފައި ހުރި ބައެއް މައްސަލަތަކާއި، ޖޯންއާ ދެކޮޅަށް ބަޔަކު މީހުން ހުށަހަޅާފައިވާ މައްސަލަތަކެއް ވެސް. ކޯޓުގައި ހުރި މައްސަލަތައް ކުރިޔަށް ގެންދިއުމަށާއި، ހާޒިރުވުމުގެ ފުރުސަތު ދިނުމުގެ ގޮތުން އޭނާ ފޮނުވާނުލައި އެކަން މަޑުޖައްސާލާފައި އޮތީ،" ޚަލީލް ވިދާޅުވި އެވެ.

ޚަލީލް ވިދާޅުވީ ޖޯން ފޮނުވާލާނީ އޭނާގެ ގެއްލިފައިވާ ހައްގެއް އޮތް ނަމަ، ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކަށް ލިބިދޭން ޖެހޭ ހައްގެއްވާ ނަމަ އެ ހައްގެއް ލިބިގަތުމުގެ ފުރުސަތު ދިނުމަށްފަހުގައި ކަމަށެވެ.

"އެނާގެ ޝަކުވާއެއް ނެތް. އެމެރިކާ އެމްބަސީއާ ވެސް ކޯޑިނޭޓުކޮށްގެން މިކަން ކުރިޔަށް މި ގެންދަނީ،" ޚަލީލް ވިދާޅުވި އެވެ.

ޖޯންގެ ޕާސްޕޯޓު ވަގަށް ނަގާފައި އޮތުމުން ކޮލޮމްބޯގައި ހުންނަ އެމެރިކާ އެމްބަސީ އިން ވަނީ ދެފަހަރެއްގެ މަތިން ރާއްޖެ އައިސް، ޖޯންއަށް ފުރޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރުމަށް ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްފަ އެވެ.

ޖޯން ސޭފޯޓަކީ ސޯޝަލް މީޑިއާގައި ވެސް ހަރަކާތްތެރި، އަދި ދިވެހީންނާ ގާތް ގުޅުން ބާއްވަމުން އައި މީހެކެވެ. ފޭސްބުކް އާއި ޓްވިޓާގައި އޭނާ މައިގަނޑުގޮތެއްގައި ދައްކާ ވާހަކައަކީ، ހުޅުމާލޭގައި ގެސްޓްހައުސެއް ހުޅުވުމަށް އޭނާގެ އަތުން ފައިސާ ހޯދައި، އޭނާއަށް މަކަރުހަދައި ލަނޑު ދިން ވާހަކަ އެވެ.

އޭނާގެ ގާނޫނީ ގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ބޭފުޅަކު ސަން އަށް ވިދާޅުވީ ޖޯން ރާއްޖެއަށް ދެ ލައްކަ ފަންސާސްހާސް ޑޮލަރު އިންވެސްޓްކޮށްފައި ވަނީ ދެ ދިވެހިންނާ ގުޅިގެން ކަމަށެވެ. ނަމަވެސް ފަހުން ދިވެހިންތައް ޖޯން އެ ވިޔަފާރިން ބޭރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިޔަފާރީގެ މައްސަލަ ޖޯންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ޖޯންއާ އެއްކޮޅަށް ވަނީ ނިންމާފައެވެ. އެގޮތުން ޖޯންގެ ޕާޓްނަރު ވ. ފުލިދޫ، ޑޭޒީމާގޭ އަބްދުލްހަސީބް މުހައްމަދު 42،000 އެއްހާ ޑޮލަރު ޖޯންއަށް ދިނުމަށް ހުކުމް ކޮށްފައިވެ އެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލަ އޮތީ އިސްތިއުނާފުގެ މަރުހަލާގައެވެ.

comment ކޮމެންޓް