މެސީގެ ސަސްޕެންޝަނަށް ފަހު އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުން ވެސް ބަލި

ވޯލްޑް ކަޕް ކޮލިފައިންގެ ދެކުނު އެމެރިކާ ގްރޫޕްގައި ރޭ ބޮލީވިއާ އަތުން 2-0 ލަނޑުން އާޖެންޓީނާ ބަލިވި މެޗުގެ ތެރޭން -- ފޮޓޯ: އޭޕީ

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހަތަރު މެޗަށް ސަސްޕެންޑް ކުރިތާ ގާތްގަނޑަކަށް ފަސް ގަޑިއިރު ފަހުން، ވޯލްޑް ކަޕް ކޮލިފައިންގައި ބޮލީވިއާއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުން އެޓީމު ބަލިވެއްޖެއެވެ.

މެސީއަށް ފީފާއިން އަދަބު ދީފައި ވަނީ، މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު، ޗިލީ އަތުން 1-0 ލަނޑުން އާޖެންޓީނާ މޮޅުވި މެޗުގައި، އެ މެޗުގެ އެސިސްޓެންޓް ރެފްރީއަކާ ދިމާލަށް ހުތުރުބަހުން މުހާތަބުކުރުމާ ގުޅިގެންނެވެ.

ބޮލީވިއާގައި ރޭ ކުޅުނު، ދެކުނު އެމެރިކާ ގްރޫޕްގެ މެޗުން އާޖެންޓީނާ ބަލިވީ 2-0 ލަނޑުންނެވެ.

އެ މެޗުގެ 31 ވަނަ މިނިޓްގައި ބޮލީވިއާ ޓީމަށް މެޗުގެ ކުރި ހޯދައިދިނީ، ހުއާން ކާލޯސް އެވެ. އެ ނަތީޖާގައި ފުރަތަމަ ހާފްގެ ކުޅުން ނިމިގެން ދިޔައިރު، ދެވަނަ ހާފް ފެށިގެން މެޗުގެ 53 ވަނަ މިނިޓްގައި ބޮލީވިއާގެ މާސެލޯ މާޓީންސް ވަނީ އެޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށް ފަރަގު ބޮޑުކޮށްފައެވެ.

ވޯލްޑް ކަޕް ކޮލިފައިން ދެކުނު އެމެރިކާ ގްރޫޕްގައި ރޭ ބޮލީވިއާ އަތުން 2-0 ލަނޑުން އާޖެންޓީނާ ބަލިވި މެޗުގައި އާޖެންޓީނާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ބޮލީވިއާގެ މާސެލޯ މާޓީންސް އުފާފާޅުކުރަނީ-- ފޮޓޯ: އޭޕީ

މި ނަތީޖާއާއެކު އާޖެންޓީނާ ވަނީ ދެކުނު އެމެރިކާ ގްރޫޕް ތާވަލުގެ ފަސް ވަނައަށް ވެއްޓިފައެވެ.

ގްރޫޕްގެ ކޮންމެ ޓީމަކުން ވެސް 14 މެޗު ކުޅެފައި ވާއިރު، އާޖެންޓީނާއަށް ލިބިފައި ވަނީ 22 ޕޮއިންޓެވެ. އިކުއެޑޯ އަތުން 2-0 ލަނޑުން މޮޅުވެ 24 ޕޮއިންޓާއެކު ތާވަލުގެ ދެވަނައަށް ކޮލަމްބިއާ ކުރިއަށް ޖެހިލިއިރު، ތިން ވަނައިގައި އޮތް އުރުގުއާއީ އަދި ހަތަރު ވަނައިގައި އޮތް ޗިލީއަށް ލިބިފައި ވަނީ 23 ޕޮއިންޓެވެ. ޖުމުލަ 33 ޕޮއިންޓާއެކު އެ ގްރޫޕްގެ އެއްވަނައިގައި އޮތީ ޕަރަގުއާއީ އަތުން 3-0 ލަނޑުން ރޭ މޮޅުވި ބްރެޒިލްއެވެ.

ބޮލީވިއާ އަތުން ރޭގެ މެޗުން ބަލިވުމާއެކު އާޖެންޓީނާއަށް މިވަގުތު ވަނީ، ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އޮޓޮމެޓިކް ޖާގަ ގެއްލިފައެވެ. ގްރޫޕް ސްޓޭޖް ނިމޭއިރު ގަދަ ހަތަރު ޓީމް ވޯލްޑް ކަޕަށް ކޮލިފައިވާއިރު، ފަސް ވަނައިގައި އޮންނަ ޓީމު ޖެހޭނީ އިންޓަރކޮންޓިނެންޓަލް ޕްލޭއޮފް ކުޅޭށެވެ.

comment ކޮމެންޓް