އަރަބި ގައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓް ޑެޑްސީގައި މިއަދު ފެށޭނެ

އަންމާން (މާޗް 29): އަރަބި ގައުމުތަކުގެ އެންމެ އިސްވެރިންގެ 28 ވަނަ ސަމިޓް ބައްދަލުވުން އުރުދުންގައި މިއަދު ފެށޭނެ އެވެ.

މިސަމިޓް ބާއްވަނީ އުރުދުންއާއި ފަލަސްތީނާ ދެމެދުގައިވާ ޑެޑްސީގެ އައްސޭރިފަށުގައި ވާ ރިސޯޓް ސަރަހައްދެއްގައެވެ. މިއީ ޑެޑްސީގެ އައްސޭރިފަށުގައި ބާއްވާ އަރަބި ފުރަތަމަ ސަމިޓެވެ. މިސަމިޓްގައި ބައިވެރިވާ އަރަބި ލީޑަރުން އިއްޔެއާއި ރޭގައި ވަނީ އުރުދުންއަށް ވަޑައިގެންފައެވެ. ރޭގެ ނިޔަލަށް ހާޒިރުނުވަނީ މަޣްރިބް އާއި ބަހްރައިންގެ ވަފްދެވެ.

މަޣްރިބްގެ ވަފްދުގެ ވެރިއަކަށް ހުންނަވާނީ އެގައުމުގެ ރަސްގެފާނު މުހައްމަދު ހަވަނައެވެ. ބަހްރައިންގެ ވަފްދުގެ ވެރިއަކަށްވެސް ހުންނަވާނީ އެގައުމުގެ ރަސްގެފާނު ހަމަދް ބިން އީސާ ކަމަށް ޚަބަރު ލިބެއެވެ. އަރަބި އެހެން ވަފްދުތަކަށްބަލާއިރު މިސްރުގެ ވަފްދުގެ ވެރިއަކީ ރައީސް އަބްދުލްފައްތާޙް އައްސީސީ އެވެ. ސައޫދީ ވަފްދުގެ ވެރިއަކީ ސަލްމާން ރަސްގެފާނެވެ. ޔޫއޭއީ ގެ ވަފްދުގެ ވެރިއަކީ ނައިބު ރައީސް އަދި ދުބާއީ ގެ ވެރިޔާ ޝައިޚް މުހައްމަދު ބިން ރާޝިދު އާލް މަކްތޫމް އެވެ.

ކުވައިތާއި ގަތަރުގެ ވަފްދުތަކުގެ ވެރިންނަށްވެސް ތިއްބެވީ އެގައުމުތަކުގެ އަމީރުންނެވެ. އުމާން ގެ ވަފްދުގެ ވެރިއަކީ އެގައުމުގެ ރަސްގެފާނުގެ ޚާއްސަ މަންދޫބެއް ކަމަށްވާ ބޮޑުވަޒީރުގެ ނައިބު އަސްއަދު ބިން ތާރިގް އެވެ. ލުބްނާނާއި ސޫދާނާއި ޔަމަނާއި ސޮމާލިޔާއާއި ޖިބޫތީ އާއި ފަލަސްތީނާއި ތޫނިސް އާއި މޮރިޓޭނިޔާގެ ވަފްދުތަކުގެ ވެރިންނަށްވެސް ތިއްބެވީ އެގައުމުތަކުގެ ރައީސުންނެވެ. ލީބިޔާގައި ވާދަވެރި ތިން ސަރުކާރު އޮތްއިރު ސަމިޓަށް ހާޒިރުވީ އދ. ން ލީބިޔާގައި އެކުލަވާލާފައިވާ ސަރުކާރުގެ ވެރިޔާ ފާޔިޒް ސައްރާޖް އެވެ. އިރާގުގެ ވަފްދުގެ ވެރިއަކީ ބޮޑުވަޒީރު ހައިދަރުލްއަބާދީއެވެ.

ސޫރިޔާގައި ދާޚިލީ ހަނގުރާމަ ފެށުމާއެކު 2011 ވަނަ އަހަރު އަރަބި ބައެއްގައުމުތަކުގެ ނުފޫޒުގައި ސޫރިޔާވަނީ އަރަބި ލީގުގެ މެންބަރުކަމުން ވަގުތީގޮތުން ވަކިކޮށްފައެވެ. މިއާއެކު ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދަށް ދައުވަތު އަރުވާފައިނުވާތީ ސަމިޓްގައި ސޫރިޔާގެ ގޮނޑި ހުންނާނީ ހުހަށެވެ.

ޑެޑްސީގެ ސަމިޓް ގައި އަރަބި ލީޑަރުން މަޝްވަރާ ކުރެއްވުމަށް އެޖެންޑާކޮށްފައިވާ މައިގަނޑު މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ފަލަސްތީނުގެ މައްސަލައާއި އަރަބި ބައެއްގައުމުތަކުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަތަކުގެ މައްސަލަތަކެވެ. އިރާގާއި ސޫރިޔާއާއި ލީބިޔާއާއި ޔަމަންގައި ލޭއޮހޮރުވުން ބޮޑު ދާޚިލީ ހަނގުރާމަތައް ހިނގަމުންދާއިރު މިހަނގުރާމަތަކުގެ ފަހަތުގައި ވަނީވެސް ހަމަ އަރަބި ގައުމުތަކެވެ.

ސޫރިޔާއަށް ބަލާއިރު ސޫރިޔާގެ ވެރިކަން ގަދަބާރުން ވައްޓާލުމަށް އެގައުމުގެ އިދިކޮޅު ފަރާތްތަކުން ކުރަމުންގެންދާ ހަނގުރާމަތަކުގެ ފަހަތުގައިވަނީ ސައޫދީ އަރަބިޔާއާއި ގަތަރެވެ. މިދެގައުމުގެ އިތުރުން ތުރުކީއަކީވެސް އިދިކޮޅު ފަރާތްތަކަށް އެހީތެރިވާ ފަރާތެކެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު