މަސައްކަތްކުރާނީ އިދިކޮޅު ޓީމުގެ ފެންވަރަށް ނުބަލާ މޮޅުވާން: ފަލަސްތީނު ކޯޗު

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި ފަލަސްތީން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ފަލަސްތީން މޮޅުވީ 3-0 ލަނޑުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފަލަސްތީނުން މަސައްކަތްކުރާނީ އިދިކޮޅު ޓީމުގެ ފެންވަރަށް ނުބަލައި މޮޅުވާން ކަމަށް ފަލަސްތީން ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަބްދުލް ނާސިރު ބަރަކާތު ބުނެފިއެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ 'ގްރޫޕް ޑީ'ގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފަލަސްތީން ވަނީ 3-0 ލަނޑުގެ ނަތީޖާއަކުން ރާއްޖޭގެ މައްޗަށް ކުރި ހޯދައިފައެވެ. ފީފާ ރޭންކިންއަށް ބަލާއިރު، ގްރޫޕްގައި ހިމެނޭ ޓީމުތަކުގެ ތެރެއިން އެންމެ ކުރީގައި އުޅެނީ އޮމާންއެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި ފަލަސްތީން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ފަލަސްތީން މޮޅުވީ 3-0 ލަނޑުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"އިދިކޮޅު ޓީމުގެ ފެންވަރަށް ނުބަލައި އަހަރެމެން ބަލާނީ ކޮންމެ މެޗެއް ވެސް ކާމިޔާބުކުރަން. ރޭންކިންއަށް ބަލަންޏާ އެންމެ މޮޅު ޓީމަކީ އޮމާން. ދަނޑުމަތީގައި ޖެހޭނީ އެންމެ ރަނގަޅު ކުޅުން ދައްކަން. އަހަރެމެން ކުރިން ވެސް ރޭންކިންގެ ކުރީގައި އޮތް ޓީމުތަކާ ދެކޮޅަށް ކުޅެ، ވާނީ ރަނގަޅު ނަތީޖާތައް ނެރެފައި. އަހަރެމެންގެ އެންމެ ރަނގަޅު ކުޅުން ދައްކައި، ފަލަސްތީން ރައްޔިތުން އުފާކޮށްދިނުމަށް މަސައްކަތްކުރާނަން،" ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ފަލަސްތީނުގެ ކޯޗު ބުންޏެވެ.

ފަލަސްތީނުގެ ކޯޗު ބުނީ، ރާއްޖެއާ ދެކޮޅަށް ނުކުތީ މޮޅުވާން ކަމަށާއި އެކަން އެޓީމަށް ކާމިޔާބުކުރެވިއްޖެ ކަމަށެވެ. އަދި ފުރަތަމަ ހާފުގައި ރާއްޖެއިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ދެވަނަ ހާފުގައި ރާއްޖޭގެ ޓީމަށް މެޗު ފިޓްނަސްގެ މައްސަލަތަކެއް ކުރިމަތިވިކަން ފާހަގަކުރެވުނު ކަމަށެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި ފަލަސްތީން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ފަލަސްތީން މޮޅުވީ 3-0 ލަނޑުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"ފުރަތަމަ ހާފުގައި ރާއްޖެއިން ރަނގަޅު ކުޅުމެއް ދެއްކި. އެކަމަކު ދެވަނަ ހާފުގައި ރާއްޖޭގެ މައްސަލައަކީ ފަހަރުގައި މެޗު ފިޓްނަސްގެ މައްސަލަ ކަމަށް ވެދާނެ. ރާއްޖޭގެ ވަރަށް ގިނަ މޮޅެތި ކުޅުންތެރިންތަކެއް ރާއްޖޭގެ ޓީމުގައި ނެތްކަން އަހަރެންނަށް އެނގޭ. އޭގެ ތެރޭގައި އަލީ އަޝްފާގު ހިމެނޭ. އަހަރެންނަށް ހީވަނީ ރާއްޖޭގެ މައްސަލައަކީ މޮޅެތި ކުޅުންތެރިންތަކެއް ޓީމުގައި މިވަގުތު ނެތުންހެން،" އޭނާ ބުންޏެވެ.

ކޮލިފައިންގެ 'ގްރޫޕް ޑީ'ގައި ރާއްޖެއާއި ފަލަސްތީނުގެ އިތުރުން ދެން ހިމެނެނީ އޮމާން އަދި ބޫޓާންއެވެ. އެ ގްރޫޕްގައި އިއްޔެ އަމިއްލަ ގައުމުގައި ބޫޓާންއާ ދެކޮޅަށް ކުޅުނު މެޗު 14-0 ލަނޑުގެ ބޮޑު ތަފާތަކުން އޮމާން ވަނީ މޮޅުވެފައެވެ.

comment ކޮމެންޓް