ކުޅުންތެރިން ވަރަށް މަސައްކަތްކުރި، ބަދަލުތައް ގެނެވުނުލެއް ލަސް: ސްޓެވާޓް

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި ފަލަސްތީން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ފަލަސްތީން މޮޅުވީ 3-0 ލަނޑުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތްކުރި ކަމަށާއި ބަދަލުތައް ގެނެވުނުލެއް ލަސްކަމަށް ރާއްޖޭގެ ގައުމީ ކޯޗު ޑެރަން ސްޓެވާޓް ބުނެފިއެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު ކޮލިފައިންގެ 'ގްރޫޕް ޑީ'ގެ މެޗުގައި ފަލަސްތީން އަތުން ރާއްޖެ ބަލިވެފައިވަނީ 3-0 ލަނޑުންނެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ފަލަސްތީން މޮޅުވީ ދެވަނަ ހާފުގައި ޖެހި ލަނޑުތަކުންނެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި ފަލަސްތީން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ފަލަސްތީން މޮޅުވީ 3-0 ލަނޑުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސްޓެވާޓް ބުނީ، މެޗުގެ ފުރަތަމަ ހާފުގައި ފަލަސްތީނަށްވުރެ ގިނަ ފުރުސަތު ރާއްޖެއަށް ތަނަވަސްކުރެވުނު ކަމަށާއި ދެވަނަ ހާފުގައި ފަލަސްތީނުން ލަނޑު ޖަހާފައިވަނީ ރާއްޖެއަށް ހެދުނު ގޯސްތަކުގެ ސަބަބުން ކަމަށެވެ. އަދި ހުރިހާ ކަމަކަށް ވެސް ޒިންމާ ނަގާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ކުޅުންތެރިން ދެއްކި ކުޅުމާއި ކުރި މަސައްކަތަށް ވަރަށް ފަހުރުވެރިވޭ. ދެވަނަ ހާފުގައި އަހަރެމެންނަށް ގޯސްތަކެއް ހެދުނީ. ބައެއް ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެނުނު. ފުރަތަމަ ލަނޑު ވެސް އެޓީމުން ޖެހީ އަހަރެމެންނަށް ހެދުނު ގޯހަކުން. އެ ހިސާބުން އަހަރެމެންގެ ކުޅުމަށް ވެސް އޭގެ އަސަރުކުރީ. ކުޅުންތެރިން ވަރަށް ރަނގަޅު ކުޅުމެއް ދެއްކި. އަހަރެން ހުރިހާ ޒިންމާއެއް ނަގަން،" ރޭގެ މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެމުން ގައުމީ ކޯޗު ބުންޏެވެ.

ކޯޗު ސްޓެވާޓް ބުނީ، ބަދަލުތަކެއް ތަންކޮޅެއް ލަހުން ގެނެވުނު ކަމަށް ދެކޭ ކަމަށާއި އެހެންނޫންނަމަ ނަތީޖާއަށް ބަދަލުތަކެއް ގެނެވުނީސް ކަމަށެވެ. އަދި ނަތީޖާ ގޯސްކަމަށްވިޔަސް، ކުޅުންތެރިން ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ވެސް ކަމަށް ކޯޗު ބުންޏެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި ފަލަސްތީން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ފަލަސްތީން މޮޅުވީ 3-0 ލަނޑުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"އަހަރެން ދެކެނީ އަހަރެންނަށް ބަދަލުތައް ގެނެވުނީ ލަހުން ކަމަށް. އެކަމަށް އަހަރެން ޒިންމާ ނަގަން. ބައްޔަށް ޒިންމާ ނަގަންޖެހޭނީ އަހަރެން. އަހަރެންނަށް ބަދަލުތަކެއް ތަންކޮޅެއް އަވަހަށް ގެނެވުނުނަމަ، ނަތީޖާއަށް ބަދަލުތަކެއް ގެނެވުނީސް. މިއީ ފުޓްބޯޅަ. ފަލަސްތީނު ޓީމު ފިކިޒަލީގޮތުން ވަރަށް ރަނގަޅު. އެމީހުން މެޗަށް ތައްޔާރުވުމަށް ގަތަރުގައި ވަރަށް ރަނގަޅަށް ތަމްރީންތައް ކުރިއަށްގެންދިޔަ،" އޭނާ ބުންޏެވެ.

ސްޓެވާޓް ބުނީ، އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ފުރުސަތު އަދި ނުގެއްލޭ ކަމަށާއި ބޫޓާންއާ ދެކޮޅަށް ކުޅޭ ދެ މެޗުން ހަ ޕޮއިންޓް ލިބިއްޖެނަމަ ރާއްޖެ އޮންނާނީ ރަނގަޅު ހިސާބެއްގައި ކަމަށެވެ. އަދި ރާއްޖެ ކުޅޭ ވަރުގަދަ މެޗުތަކުގެ ފައިދާ މިއަހަރު ފަހުކޮޅު ބަނގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭޝިއަން ކަޕް ކޮލިފައިންގެ 'ގްރޫޕް ޑީ'ގައި ރާއްޖެއާއެކު ދެން ހިމެނެނީ ފަލަސްތީނާއި، އޮމާން އަދި ބޫޓާންއެވެ. ރާއްޖެއިން ކޮލިފައިންގެ މެޗަކަށް ދެން ނުކުންނަން ޖެހޭނީ އަންނަ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ. އެ މެޗުގައި ރާއްޖެ ނުކުންނަންޖެހޭނީ ވޯލްޑް ކަޕް ކޮލިފައިން އަދި ސަރަހައްދީ މުބާރާތްތަކުގައި ވެސް އެތައް ފަހަރަކު ވާދަކޮށްފައިވާ ބޫޓާނާ ދެކޮޅަށެވެ. އެ މެޗު ކުޅެންޖެހޭނީ ބޫޓާންގައެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާން އިއްޔެ ރަށުން ބޭރުގައި ކުޅުނު މެޗުގައި އޮމާން އަތުން ވަނީ 14-0 ލަނޑުގެ ތަފާތުބޮޑު ނަތީޖައަކުން ބަލިވެފައެވެ.

comment ކޮމެންޓް