އައިޝްވާރްޔާގެ ބައްޕަގެ ޖަނާޒާ އަށް ސަލްމާން ނުދިޔައީ ކީއްވެ؟

ބޮލީވުޑުގެ ބަތަލާ އައިޝްވާރްޔާ ރާއީ ބައްޗަންގެ ބައްޕަ، ކްރިޝްނާރާޖް ރާއީގެ ޖަނާޒާގައި ބޮލީވުޑުގެ ގިނަ ބަޔަކު ބައިވެރިވެފައިވާ އިރު، އައިޝްވާރްޔާގެ ކުރީގެ ލޯބިވެރިޔާ އަދި ކާމިޔާބު އެކްޓަރު ސަލްމާން ޚާން އެޖަނާޒާގައި ބައިވެރި ނުވުމުން އެކަން ގިނަ ބައެއްގެ ސަމާލު ކަމަށް އަތުވެއްޖެ އެވެ.

ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އައިޝްވާރްޔާގެ ބައްޕަ މަރުވެފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.

އައިޝްވާރްޔާ އަށް ފުން ހިތާމައެއް ލިބިފައިވާ މި ދަނޑިވަޅުގައި، ސަލްމާން ޖަނާޒާގައި ބައިވެރި ވެފައި ނުވާތީ ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނަ އިރު، ކްރިޝްނާރާޖްގެ ޖަނާޒާގައި ސަލްމާން ބައިވެރި ނުވީ، ކުރިން އުފެދިފައިވާ ނަފްރަތެއްގެ ސަބަބުން ކަމަށް ރިޕޯޓުތައް މިވަނީ ބުނެފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން، ސަލްމާން އަކީ އެއްވެސް އިރެއްގައި ކްރިޝްނާރާޖް އަށް މާބޮޑަށް ކަމުދާ މީހެއް ނޫނެވެ. އައިޝްވާރްޔާ އާއި ސަލްމާން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އިރުވެސް، އެ ގުޅުމަށް ކްރިޝްނާރާޖް ވަނީ ފާޅުގައި އިންކާރު ކޮށްފަ އެވެ.

ސަލްމާންއާ މެދު ކްރިޝްނާރާޖް ހިތްހަމަނުޖެހުނީ، އޭނާގެ އުޅުން ގޯސްވުމުގެ ސަބަބުންނެވެ. އައިޝްވާރްޔާ ވެސް ވަނީ އެކަމަށް އެއްބަސްވެފަ އެވެ. އައިޝްވާރްޔާ ބުނެފައި ވަނީ ދެމީހުން ވަކިވާން ޖެހުނީ ވެސް ސަލްމާންގެ އެއްވެސް ގޮތެއް ނެތް އުޅުމުގެ ސަބަބުން ކަމަށެވެ.

ސަލްމާން ވަނީ ދެމީހުން ވަކިވާން ޖެހުނީ ކްރިޝްނާރާޖްގެ ސަބަބުން ކަމަށް ބުނެފަ އެވެ. އަދި ސަލްމާން ކަހަލަ "ހުތުރު ޕާސްޓެއް" އޮތް މީހަކާ އަންހެން ދަރިފުޅު ކައިވެނި ކުރަން އެއްވެސް ބައްޕަ އަކު ބޭނުން ނުވާނެ ކަމަށް ވެސް ކުރިން ބުނެފަ އެވެ.

ސަލްމާން ވަނީ ކްރިޝްނާރާޖް އާ ހުތުރު ބަހުން ވާހަކަ ދައްކާ ވަރަށް ގޯސްކޮށް ކަންތައް ކޮށްފަ އެވެ. އޭގެ ފަހުން ދެމީހުން ވާހަކަ ދައްކާ ހަދާފައި ނުވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އަދި ކްރިޝްނާރާޖްގެ ޖަނާޒާގައި ވެސް ސަލްމާން ބައިވެރި ނުވީ އެހެންވެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

comment ކޮމެންޓް