އެމެރިކާއަށް ސަރުކާރުގެ ރައްދު: މަސީހުގެ ވޯޓު ނެގީ ވަރަށް އިންސާފުވެރިކޮށް

މާޗް 27ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިތުބާރުނެތް ކަމުގެ މައްސަލަ ކުރިއަށް ދިޔައިރު، އިދިކޮޅު އިއްތިހާދުން މަޖިލިސް ތެރޭގައި އިހުތިޖާޖްކުރުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓަކީ އުސޫލީ އިޖުރާއަތްތަކާ ޚިލާފު ވޯޓެއް ކަމަށް ބުނެ ލަންކާގައި ހުންނަ އެމެރިކާ އެމްބަސީން ނެރުނު ބަޔާނަށް ދިވެހި ސަރުކާރުން ރައްދު ދީފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލައިގެ ވޯޓު އިއްޔެ ނަގާފައިވަނީ "މިނިވަން، އިންސާފުވެރި އަދި ދެފުށް ފެންނަ" ގޮތަށް ކަމަށެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނީ ރާއްޖޭގައި ގާނޫނުގެ ވެރިކަމާއި ޑިމޮކްރަސީގެ ހަމަތައް ދެމެހެއްޓުމަށް ދިވެހި ސަރުކާރު އަބަދުވެސް މަސައްކަތް ކުރާ ކަމަށާއި، ދައުލަތުގެ މުއައްސަސާތަކުން ނަގާ ޑިމޮކްރެޓިކް ނިންމުންތަކަށް ސަރުކާރުން އިހްތިރާމު ކުރާނެ ކަމަށެވެ.

މާޗް 27ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިތުބާރުނެތް ކަމުގެ މައްސަލަ ކުރިއަށް ދިޔައިރު، އިދިކޮޅު އިއްތިހާދުން މަޖިލިސް ތެރޭގައި އިހުތިޖާޖްކުރުން

"1932 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުންގެ މަޖިލީސް އުފެދުނިއްސުރެ މިއަދާ ހަމައަށް އަދި ކުރިޔަށް އޮތް ތަނުގައިވެސް އޮންނާނީ ގައުމުގެ ޑިމޮކްރަސީގެ އަސާސުތައް ރައްކާތެރިކުރާ އެންމެ ބާރުގަދަ ފަރާތުގެ ގޮތުގައި،" ސަރުކާރުން ބުނެފައިވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ އިއްޔެގެ ވޯޓު ނަގާފައިވަނީ އެންމެ ބޮޑަށް ދެފުށް ފެންނާނެ ގޮތަށް ކަމަށާއި، އެއީ ރާއްޖޭގެ ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ވެސް އެއްގޮތަށް ކުރި ކަމެއް ކަމަށެވެ.

އިއްޔެ މަޖިލީހުގައި ކުރިޔަށް ދިޔަ ޖަލްސާގައި މަސީހުގެ އިތުބާރު ނެތްކަމުގެ ބަހުސް ކުރަމުން ދިޔަ އިރު، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވަނީ، މަޖިލީހުގެ ވޯޓިންގް ނިޒާމުގައި މައްސަލަ އުޅޭ ކަމަށް ވިދާޅުވެ، ރޯލް-ކޯލް ވޯޓެއް ނެގުމަށް ހުށަހަޅުއްވައިފައެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތުގައި ރޯލް-ކޯލް ނުވަތަ ވަކިވަކިން މެމްބަރުންނާ ސުވާލުކޮށްގެން ވޯޓު ނެގޭނީ މަޖިލީހުގެ އީވޯޓިންގް ސިސްޓަމުގައި މައްސަލައެއް އުޅޭކަން ކަނޑައެޅި ފާޅުގައި އެނގެން އޮންނަ ނަމައެވެ.

އީވޯޓިންގް ނިޒާމުގެ ބޭނުންކޮށްގެން ރޯލް-ކޯލް ވޯޓެއް ނެގުމަށް ފާސްކުރި އިރު، އިދިކޮޅު އެމްޑީޕީ އާއި، ޖުމްހޫރީ ޕާޓީ އަދި ކުރީގެ ރައީސް މައުމޫނަށް ވަފާތެރި މެމްބަރުން ވަނީ މަޖިލީހުގައި އަދުގަދަކޮށް، މަޖިލީސް ވޯޓު ހުއްޓުވުމަށް މަސައްކަތް ކޮށްފައެވެ. އަދި ރޯލް-ކޯލް ވޯޓު ނެގީ ގަވައިދާ ޚިލާފަށް ކަމަށް އެ މެމްބަރުން ބުނަމުން ދިޔައެވެ.

އެންމެ ފަހުން މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގީ އިދިކޮޅު 13 މެމްބަރެއްގެ ނަން އިއްވައި، އެ މެމްބަރުން މަޖިލީހުގެ ތަޅުމުން ބޭރުކުރުމަށް ފަހުއެވެ.

comment ކޮމެންޓް