މެސީ ހުތުރުބަހުން ވާހަކަދެއްކުމުން ހަތަރު މެޗަށް ސަސްޕެންޑް ކޮށްފި

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ: ފީފާއިން ވަނީ އޭނާ ހަތަރު މެޗަށް ސަސްޕެންޑް ކޮށްފައި --

މެޗު އޮފިޝަލަކާ ދިމާއަށް ހުތުރު ބަހުން ވާހަކަދެއްކުމުގެ ސަބަބުން، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބައިނަލްއަގްވާމީ ހަތަރު މެޗަށް ސަސްޕެންޑް ކޮށްފިއެވެ.

ފީފާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މެސީއާ ގުޅޭގޮތުން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީއަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އެ ކޮމިޓީން ބެލި ބެލުމުން، ވޯލްޑް ކަޕް ކޮލިފައިންގައި މާޗް 23 ވަނަ ދުވަހު، ޗިލީއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުގައި، އެމެޗުގެ އެސިސްޓެންޓް ރެފްރީއަކާ ދިމާއަށް މެސީ ހުތުރުބަހުން ވާހަކަދައްކާފައި ވާކަން ސާބިތުވެފައިވާ ކަމަށެވެ.

"މެޗުގެ އެސިސްޓެންޓް ރެފްރީއަކާ ދިމާލަށް ފާޅުގައި ހަޑިހުތުރުބަހުން މުހާތަބުކޮށް، މެސީ ވަނީ ފީފާގެ ޑިސިޕްލިނަރީ ކޯޑުގެ 57 ވަނަ މާއްދާއާ ޚިލާފުވެފައި." ފީފާގެ ބަޔާނުގައި ވެއެވެ.

"ނަތީޖާއެއްގެ ގޮތުން، މެސީއަށް އޮފިޝަލް ހަތަރު މެޗުގެ ސަސްޕެންޝަން އަކާއި، 10،000 ޔޫރޯއިން ޖޫރިމަނާކުރުމަށް ވަނީ ނިންމާފައި. މެސީގެ ސަސްޕެންޝަން ފެށޭނީ، މާރޗް 28 ވަނަ ދުވަހު، ފީފާ ވޯލްޑް ކަޕް ރަޝިއާ 2018 ކޮލިފައިންގައި ބޮލީވިއާއާ ދެކޮޅަށް އާޖެންޓީނާ ކުޅޭ މެޗުން."

މެސީގެ ސަސްޕެންޝަން އައިސްފައި މިވަނީ، ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ އާޖެންޓީނާއާ ބޮލީވިއާ ކުޅޭ މެޗު ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ. ޗިލީއާ ދެކޮޅަށް އަމިއްލަ ފަސްގަނޑުގައި އާޖެންޓީނާ ކުޅުނު މެޗުން އެޓީމު ވަނީ 1-0 ލަނޑުން މޮޅުވެފައެވެ. އެހެން ނަމަވެސް މެސީގެ ސަސްޕެންޝަނަކީ އެޓީމަށް ލިބޭނޭ ފޫނުބެއްދޭވަރުގެ ގެއްލުމަކަށް ވާނެއެވެ.

މެސީގެ ސަސްޕެންޝަނާ ގުޅިގެން ކޮލިފައިންގައި ބޮލީވިއާއާ ދެކޮޅަށް އާޖެންޓީނާ ކުޅޭ މެޗުގެ އިތުރުން، އުރުގުއާއި، ޕަރަގުއާއީ އަދި ވެނެޒުއޭލާއާ ދެކޮޅަށް އާޖެންޓީނާ ކުޅޭ މެޗުތަށްވެސް އޭނާއަށް ގެއްލޭނެއެވެ.

ފީފާއިން ބުނީ، މެސީއާ މެދު ފިޔަވަޅު އަޅާފައި ވަނީ، މީގެ ކުރީންވެސް އެފަދަ ޑިސިޕްލިނަރީ މައްސަލަތަކުގައި، ޑިސިޕްލިނަރީ ކޮމިޓީން ކަންކޮށްފައިވާ ގޮތަށް ކަމަށެވެ.

މެސީގެ ސަސްޕެންޝަންގެ މައުލޫމާތު، އޭނާއަށާއި އަދި އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނާވެސް ހިއްސާކޮށްފައި ވާކަމަށް ފީފައިން ބުނެއެވެ.

comment ކޮމެންޓް