ނޫސްވެރިންނަށް އަދަބު ލިބެނީ ގައިޑްލައިންތަކަށް ކަމޭ ނުހިތާތީ: ބްރޯޑްކޮމް

ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަހީބު --- ސަން ފައިލް ފޮޓޯ

ބްރޯޑްކާސްޓް މީޑިއާގައި ހަރަކާތްތެރިވާ ބައެއް ނޫސްވެރިންނަށް ޝަރުއީ މަރުހަލާއިން އަދަބު ލިބެނީ ނޫސްވެރިކަމާ ގުޅޭ ގޮތުން ހަދާފައިވާ ގައިޑްލައިންތަކަށް ކަމޭ ނުހިތާތީ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ބައެއް ނޫސްވެރިންގެ އަމަލުތަކުގެ ސަބަބުން ދިމާވާ މައްސަލަތަކުގައި ތަފާތު ޖިނާއީ ކުށްތަކަށް އަރައިގަނެވޭ ކަމަށާއި، އެކަމުގެ ސަބަބުން ނޫސްވެރިންނަށް އަދަބު ލިބުމަކީ އެ ކޮމިޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެ ބަޔާނުގައި އެ ފަދަ މައްސަލަތައް މެދުވެރި ނުވާނެ ގޮތަކަށް ނޫސްވެރިންގެ އަމަލުތައް ބެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުމަށް ބްރޯޑްކާސްޓިން ސްޓޭޝަންތައް ހިންގާ އިސްވެރިންނަށް ވަނީ ގޮވައިލާފަ އެވެ.

ބްރޯޑްކޮމްގެ ބަޔާނުގައި އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ނޫސްވެރިން ވެސް ހެޔޮ ނޫސްވެރިކަން ދެމެހެއްޓުމަށް ހެދިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކުމަށް ވަނީ ގޮވާލާ ނަސޭހަތްތެރި ވެފަ އެވެ.

"އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ނޫސްވެރިން ވެސް ޤާނޫނުތަކާއި ޤަވާއިދުތަކުގެ އިމުގެ ތެރެއިން ހަރަކާތްތެރިވުމަށާއި ހެޔޮ ނޫސްވެރިކަން ދެމެހެއްޓުމަށް ހެދިފައިވާ އެކި އެކި ގައިޑްލައިންތަކާ އެއްގޮތްވާގޮތުގެ މަތީން އަމަލުތައް ބެހެއްޓުމަކީ އެ ފަރާތްތަކުގެ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކި، ޒިންމާދާރު ކަމާއެކު މަސައްކަތްކުރުމަށް ވެސް ނަސޭހަތްތެރިވަމެވެ." އެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތަށް ހުރިހާ ބްރޯޑްކާސްޓަރުން އަމަލު ކުރުމަށް ގޮވާލާފައިވާއިރު، ދައުލަތުގެ އިދާރާތަކުންވެސް ހެޔޮ ނޫސްވެރިކަމަށް ތަރުހީބުދީ ނޫސްވެރިންނަށް އެއްބާރުލުން ދިނުމަށް ގޮވާލި އެވެ.

comment ކޮމެންޓް