ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ދިފާއުކޮށް ވާހަކަ ދައްކަވައިފި

މިޔަންމާ ސިފައިންގެ ވެރިޔާ

ޔަންގޫން (މާޗް 28) : މިޔަންމާގެ ބައިމަދު ޖަމާއަތެއްކަމަށްވާ ރޮހިންޔާ މުސްލިމުންނަކީ އެގައުމުގެ ރައްޔިތުން ނޫން ކަމަށާއި އެއީ ގަވައިދާ ޚިލާފަށް އިން މިޔަންމާއަށް ހިޖްރަކޮށްގެން އުޅޭ މުސްލިމުން ކަމަށް ވިދާޅުވެ މިޔަންމާގެ ސިފައިންގެ ވެރިޔާ ޖެނެރަލް މިން އޮންގް ލަންގް ވާހަކަ ދައްކަވައިފި އެވެ.

ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ ސިފައިން ކުރިޔަށްގެންދާ ހަރުކަށި އަދި ލާއިންސާނީ އަމަލުތައް ދިފާއު ކުރައްވައި ވާހަކަ ދައްކަވަމުން ޖެނެރަލް މިން ވިދާޅުވީ ރޮހިންޔާ މުސްލިމުންގެ ސަބަބުން މިޔަންމާގައި ދީނީ އަދި ނަސްލީ ބައިބައިވުންތަކާއި ހަމަނުޖެހުންތައް އުފެދެމުންދާ ކަމަށާއި އެކަން ހުއްޓުވައި ގައުމު ދިފާއުކުރުމަކީ ސިފައިންގެ ވާޖިބެއްކަމުގަ އެވެ.

ރޮހިންޔާ މުސްލިމުންގެ އަންހެނުން ގޮތް ހުސްވެ ބިކަވެ ނިކަމެތިވެފާ

ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ ސިފައިން ކުރިޔަށްގެންދާ ހަރުކަށި އަދި ލާއިންސާނީ އަމަލުތަކުގެ ތެރޭގައި ބަޑިޖަހައި ކުށެއްނެތް މީހުން މެރުމާއި ބާރުގެ ބޭނުންކޮށްގެން ރޮހިންޔާ މުސްލިމުން އެމީހުންގެ ގެދޮރުން ބޭރުކޮށް އަދި ގައުމުން ވެސް ބޭރު ވުމަށް މަޖްބޫރު ކުރުވުން ހިމެނެ އެވެ. އދ. އާއި ބައިނަލްއަގްވާމީ ޖަމްއިއްޔާ ޖަމާއަތްތަކުންވަނީ މިޔަންމާ ސިފައިންގެ މި ލާއިންސާނީ އަމަލުތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.

ނަމަވެސް ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިޔަންމާ ސަރުކާރުގެ ތާއީދާއެކު އެ ގައުމުގެ ސިފައިންނާއި ހަރުކަށި ބުޑިސްޓުން ހިންގަމުންގެންދާ އަމަލުތައް ހުއްޓުވުމަށް ޓަކައި މިޔަންމާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގައި އދ. އާއި ބައިނަލްއަގްވާމީ މުޖްތަމައުވަނީ ނާކާމިޔާބުވެފަ އެވެ.

އދ. އިން ވަނީ މިޔަންމާގެ ސަލާމަތީ ބާރުތަކުން ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގަމުން ގެންދާކަމަށް ވެސް ތުހުމަތުކޮށްފަ އެވެ. ނަމަވެސް މިޔަންމާގެ ހަރުކަށި ވެރިންނާއި ސަލާމަތީ ބާރުތަކުގެ އިސްވެރިން ބައިނަލްއަގްވާމީ އަދާލަތަށް ޙާޒިރުކޮށް އެމީހުންގެ މައްޗަށް ޝަރީއަތް ހިންގުމުގެ އެއްވެސް ކަމެއް ކުރިޔައަކަށް ނުދެ އެވެ. ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާއިން ހިންގާ ޖަރީމާތައް ބަލައި ތަހްގީގް ކުރުމަށް ޓަކައި އިންސާނީ ހައްގުތަކާބެހޭ އދ. ގެ ކައުންސިލުން މުހައްގިގުންގެ ޓީމެއް މިޔަންމާއަށް ފޮނުވުމަށް އެކައުންސިލުން ދާދިފަހުން ނިންމުމުން މިޔަންމާ ސަރުކާރުން ވަނީ އެކަމަށް އެއްބާރުލުން ދިނުމަށް ދެކޮޅު ހަދައިފަ އެވެ.

ރޮހިންޔާ މުސްލިމުންގެ ގެދޮރު އަންދާލާފާ

މިޔަންމާގެ ޚާރިޖީ ވަޒީރާ އަދި ކުރީގެ އިދިކޮޅު ލީޑަރު އަންގްސަންގް ސޫކީ ވަނީ އދ. އިން އެ މައްސަލަ ތަހްގީގް ކުރަން ނުޖެހޭ ކަމަށާއި ތަހްގީގްކޮށްފި ނަމަ ރޮހިންޔާ މުސްލިމުންގެ ހާލަތު އިތުރަށް ގޯސްވާނެ ކަމުގެ އިންޒާރު އދ. އަށް ދެއްވައިފަ އެވެ. އަންގްސަންގް ސޫކީ އިންސާނީ ހައްގުތައް ދިފާއު ކުރުމަށް މަސައްކަތް ކުރާ ކަމަށް ބުނެ ސުލްހައިގެ ނޮބަލް އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ނަމަވެސް ރޮހިންޔާ މުސްލިމުންގެ އިންސާނީ ހައްގުތައް ހިމާޔަތް ކުރަންޖެހުމުން ސޫކީ ވަނީ އެމީހުން ހިމާޔަތް ކުރަން މަސައްކަތް ކުރެއްވުމުގެ ބަދަލުގައި އެމީހުންގެ އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ ފަރާތްތައް ދިފާއު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.

މިކަމާ ގުޅިގެން ސޫކީގެ އަގު ދުނިޔޭގެ ކުރިމަތީގައި ވެއްޓިފައިވާ އިރު ސޫކީ އަށް ލިބިފައިވާ ސުލްހައިގެ ނޮބަލް އިމާނު އޭނާގެ ކިބައިން ނިގުޅައިގަތުމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ ގޮވާލާފަ އެވެ. ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ ސިފައިން ހިންގަމުން ގެންދާ ހަރުކަށި އަދި ލާއިންސާނީ އަމަލުތަކުގެ ތެރޭގައި ރޮހިންޔާ މުސްލިމުންގެ ގެދޮރުގައި ސިއްރިޔާތުގައި ހުޅުޖެހުމާއި ރޮހިންޔާ މުސްލިމުންގެ ގަޔަށް ބަޑިޖަހައި އެމީހުން މެރުމާއި އެމީހުންނަށް އަނިޔާކުރާ ބުޑިސްޓު ހާމުދުރުންނަށް ހިމާޔަތްދީ އަނިޔާވެރިކަމަށް މަގުފަހިކޮށްދިނުން ހިމެނެ އެވެ. މީގެ އިތުރުން ރޮހިންޔާ މުސްލިމުންގެ އަމިއްލަ ގެދޮރާއި ވަޒަނުން އެމީހުން ބޭރުކުރުމަށް ބިރު ދައްކައިގެންނާއި އެނޫން ގޮތްގޮތުން މިޔަންމާގެ ސިފައިން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ރޮހިންޔާ މުސްލިމް އަންހެނެއް

ރޮހިންޔާ މުސްލިމުންނަކީ މީގެ އަށެއްކަ ސަތޭކަ އަހަރު ކުރިން މިޔަންމާގެ އަރަކާން ސަރަހައްދުގައި ވަޒަންވެރިވެގެން ދިރިއުޅެމުން ގެންދާ ބައެއް ނަމަވެސް މިޔަންމާގެ ސަރުކާރުން އެގައުމުގެ ރައްޔިތުންގެ ގޮތުގައި އެމީހުން ގަބޫލެއްނުކުރެ އެވެ. މިޔަންމާގެ އާންމުންނާއި ސަރުކާރާއި ދައުލަތުން ވެސް ދެކޭ ގޮތުގައި ރޮހިންޔާ މުސްލިމުންނަކީ ބަންގްލަދޭޝުން ގަވާއިދާ ޚިލާފަށް އެގައުމަށް ހިޖްރަކޮށްގެން އުޅޭ ބަންގްލަދޭޝްގެ ބައެކެވެ. އަނެއްކޮޅުން ބަންގްލަދޭޝުން ދެކޭ ގޮތުގައި ރޮހިންޔާ މުސްލިމުންނަކީ އެ ގައުމުގެ ރައްޔިތުންނެއް ވެސް ނޫނެވެ. އެއީ މިޔަންމާގެ ރައްޔިތުންނެވެ.

ރޮހިންޔާ މުސްލިމުން ދިރިއުޅޭ އަރަކާން ސަރަހައްދަކީ އިނގިރޭސީން ބަރުމާ އިސްތިއުމާރު ކޮށްގެންއުޅުނު ދުވަސްވަރު އަތްދަށުލި ބަންގްލަދޭޝްގެ ސަރަހައްދެކެވެ. އެތަން އަތްދަށުލި އިރު ބަންގްލަދޭޝް އޮތީ އިންޑިޔާގެ ބައެއްގެ ގޮތުގަ އެވެ. އަސްލު ރޮހިންޔާ މުސްލިމުން ނިކަމެތިވެގެން ދިޔައީ އިނގިރޭސީންގެ އިސްތިޢުމާރުގެ ދުވަސްވަރު މިޔަންމާއިން އަރަކާން ސަރަހައްދުގެ ބިންތަކަށް ވެރިވެގަތްއިރު އެބިމުގެ އަހްލުވެރިން ކަމަށްވާ ރޮހިންޔާ މުސްލިމުން ބަލައިގަތުމަށް ދެކޮޅު ހެދުމެވެ. ރޮހިންޔާ އިންގެ ބިންތައް އަތުލުމަށް ފަހު އެބިންތަކުން އެމީހުން ބޭރުކުރުމަށް މަސައްކަތް ކުރުމެވެ. މިއީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާމެދު އަމަލުކުރަމުންގެންދާ ގޮތެވެ.

އެދުވަސްވަރުގެ ބަރުމާއިން ބޭނުންވީ އެބިމުގެ ވަޒަންވެރިން ކަމަށްވާ ރޮހިންގާ މުސްލިމުންގެ ބަދަލުގައި އެމީހުންގެ ބިމެވެ. އެހެންކަމުން ބިމަށް ވެރިވެގެންފައި އެބިމުގެ ވަޒަންވެރިން ނިކަމެތި ކޮށްލީއެވެ. ކުރީގެ ބަރުމާ އަދި މިހާރުގެ މިޔަންމާއިން މިގޮތަށް ކަންތައްކުރުމާ އެކު ރައްޔިތެއްގެ ދަރަޖަ ނުލިބި ނިކަމެތި ހާލުގައި އުޅެންޖެހުމުން ރޮހިންޔާ މުސްލިމުންގެ އެތައް ބަޔަކު އަރަކާން ސަރަހައްދު ދޫކޮށް ބަންގްލަދޭޝަށް ހިޖުރަކުރި އެވެ. ނަމަވެސް ރޮހިންޔާ މުސްލިމުން ބަންގުލަދޭޝްގެ ރައްޔިތުންނަށް ނުވާތީ ބަންގްލަދޭޝްގައި ވެސް އެމީހުންނަށް ދިރިއުޅެން ޖެހުނީ މިޔަންމާގައި އުޅޭންޖެހުނު ފަދަ އިންސާނިއްޔަތުކަމެއްނެތް ބިކަ ޙާލެއްގަ އެވެ.

ބަންގްލާދޭޝާއި މިޔަންމާގެ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ރެފިއުޖީ ވަގުތީ ކޭމްޕްތަކުގައި އިންސާނުން ދިރިއުޅެން ހެޔޮވާވަރަށްވުރެ ދަށުދަރަޖައެއްގައި ރޮހިންޔާގެ ތިންލައްކައެއްހާ މުސްލިމުން މިހާރު ވެސް ދިރިއުޅެމުން ގެންދެ އެވެ. ރޮހިންޔާ މުސްލިމުން މިޔަންމާއިން ބޭރުކޮށްލުމަށް ޓަކައި އެގައުމުގެ ސަރުކާރު އަޑީގައި އޮވެގެން ބުދުދީނުގެ ހާމުރުދުންލައްވައި ހިންގަމުންގެންދާ އަނިޔާވެރި އަމަލުތަކުގެ ތެރޭގައި މައިންބަފައިންގެ ކުރިމަތީގައި ދަރިން މެރުމާއި އަނބިންގެ ކުރިމަތީގައި ފިރިން މެރުމާއި ފިރިންގެ ކުރިމަތީގައި އަނބިންގެ އިއްފަތްތެރިކަމަށް އަރައިގަތުމާއި ގެދޮރާއި މުދަލުގައި އަލިފާންޖަހައި އާއިލާތައް އެކުއެކީ މަރާލުން ފަދަ އިންސާނީ ނަސްލު ނައްތާލުމުގެ އަމަލުތައް ހިމެނެ އެވެ.

މިއަނިޔާތައް ރޮހިންޔާ މުސްލިމުން ތަޙައްމަލް ކުރަމުންގެންދާ ހަތްދިހަވަރަކަށް އަހަރުވެފައިވީ ނަމަވެސް އެމީހުންގެ މި ވޭނުގެ އަޑު ބައިނަލްއަގްވާމީ މުޖްތަމައަށް އިވިފައި ވަނީ އެންމެ ހަތަރު ވަރަކަށް ފަހަރު އެވެ. އެއީ 1970 ގެ އަހަރުތަކުގެ ކުރީކޮޅުގައާއި 1980 ގެ އަހަރުތަކުގެ ކުރީކޮޅުގައާ އަދި 2012 ވަނަ އަހަރާއި 2013 ވަނައަހަރުގެ އިތުރުން މިއަހަރުގަ އެވެ. މިއަހަރުގެ މިދުވަސްވަރު ރޮހިންޔާ މުސްލިމުންގެ ނިކަމެތި ހާލުގެ އަޑުއަރާފައިވަނީ އެމީހުންގެ އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ހަތަރު ހާހެއްމީހުން ކުދި ކުދި ބޯޓުތަކުގައި ކަނޑުމަތީގައި ޙާލުގައި ޖެހި އެއްވެސް ގައުމަކުން އެމީހުން ބަލައިގަތުމަށް ދެކޮޅު ހެދުމާ ގުޅިގެންނެވެ.

ރޮހިންޔާ މުސްލިމުންގެ ނަސްލު ނައްތާލުމަށް ހިންގަމުން ގެންދާ ޖަރީމާތައް ހުއްޓުވައި އެމީހުންގެ ނިގުޅައިގަނެފައިވާ ހައްގުތައް އަނބުރައި ހޯދައިދިނުމުގައި އދ. ވެސް އަދި އިންސާނީ ހައްގުތަކުގެ ނަމުގައި ވަކާލާތުކުރާ ގައުމުތަކަށް ވެސް ކުރެވުނުކަމެއް އަދި އެޅުނު ފިޔަވަޅެއްނެތެވެ. އަދި ރޮހިންޔާ އިންގެ ހައްގުގައި މިޔަންމާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި މިޔަންމާ އެކަހެރި ކުރުމަށް އިންސާނީ ހައްގުތަކުގެ ނަމުގައި އަޑުއުފުލާ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންވެސް އެއްވެސް މަސައްކަތެއް ނުކުރެއެވެ. ރޮހިންޔާ އިންގެ ހައްގުގައި މިޔަންމާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި މިޔަންމާ އެކަހެރި ކުރުމުގައި އިސްލާމީ ގައުމުތައްވެސްވަނީ ނާކާމިޔާބު ވެފައެވެ.

އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ އޯއައިސީންވެސް މިމައްސަލާގައި ބަޔާނެއް ނެރެ ބައްދަލުވުންތަކެއް ބޭއްވުން ފިޔަވައި އެހެންކަމެއް ނުކުރެއެވެ. ނަމަވެސް މެލޭޝިޔާ އިސްނަގައިގެން މިހާރު ގެންދަނީ ރޮހިންޔާ އަކީ މިޔަންމާގެ ރައްޔިތުންކަމަށް ގަބޫލުކުރުމަށް މިޔަންމާއަށް މަޖްބޫރު ކުރުވުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ. މިމަސައްކަތްތަކަށް ވެސް އެމެރިކާއާއި ޔޫރަޕުން އަޅައެއް ނުލައެވެ.

ރޮހިންޔާ މުސްލިމުންނަކީ ދުނިޔޭގައި އެންމެ ބޭއިންސާފާއި އަނިޔާވެރިކަމުގައި ދިރިއުޅެންޖެހިފައިވާ މީހުންކަމަށް އދ. ންވަނީ ބުނެފަ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް