ޔާމީނު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަންކާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ/ އޭޕީ

ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފިއެވެ.

މާދަމާ 1:30 އަށް ކްރިމިނަލް ކޯޓުގައި ވަނީ އެ މައްސަލަ ތާވަލްކޮށްފައެވެ.

އެ ދައުވާ އުފުލާފައިވާއިރު، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރީ ރައީސް ނަޝީދު އަމުރު ކުރައްވައިގެންކަން ސާބިތުވ، އެމަނިކުފާނު 13 އަހަރަށް ޖަލަށްލުމަށް ވަނީ 2015 ވަނަ އަހަރު ހުކުމް ކޮށްފައެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ގާނޫނާ ޚިލާފަށް ސިފައިން ޔާމީން ހައްޔަރުކުރި މައްސަލާގައި އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައިފައެވެ.

ދެހާސް ދިހަ ވަނަ އަހަރުގެ ޖުލައި 14 ވަނަ ދުވަހުގެ ރޭ 1:45 ހާއިރު އޭރުގެ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު ޔާމީނަށް ހިމާޔަތްދޭނެ ކަމަށް ބުނެ، އެމަނިކުފާނުގެ ނުރުހުމުގައި އެމަނިކުފާނުގެ މިނިވަންކަން ގެއްލޭ ގޮތަށް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ޕީޖީ އޮފީހުން އަމީން ފައިސަލްގެ މައްޗަށް ކުރި ދައުވާގައިވެއެވެ.

އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ފަހު ޖުލައި 23 ވަނަ ދުވަހާ ހަމައަށް ޔާމީނު އާރަށުގައި ހައްޔަރުކޮށްފައި ބަހައްޓާފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.

comment ކޮމެންޓް