އިމްރާނުގެ ދެ ދަރިވަރުންގެ ތެރެއިން މިރޭގެ މެޗުގައި ރާއްޖޭގެ ގޯލް ބަލަހައްޓާނީ ކާކު؟

މުހައްމަދު އިމްރާން (ވ) މުހައްމަދު ފައިސަލް (ކ) އިމްރާން މުހައްމަދު (މ)--ފޮޓޯ/ އިމްރާން

މި އަހަރުގެ ފުޓްބޯޅަ ސީޒަން ފެށިގެން އައިރު ފާހަގަކުރެވުނު އެންމެ ބޮޑު މައްސަލައަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޓީމު ތަކުގައި ކީޕަރުން ނެތުމުގެ މައްސަލައެވެ. އަދި އެމައްސަލަ ބޮޑުވީ، މި އަހަރަކީ ގައުމީ ޓީމަށް މުހިއްމު އަހަރަކަށްވެ ގައުމީ ޓީމުގެ ދިފާއީ އައްޑަނަ، ކީޕަރު އިމްރާން މުހައްމަދު ގައުމީ ޓީމުން ރިޓަޔާ ކުރަން ނުންމުމުންނެވެ. އިމްރާން ރިޓަޔާރ ކުރިއިރު އޭނާ ފަދަ އެހެން ކީޕަރެއް އުފެދިފައި ނެތުމަކީ އަދި ފުރަތަމަ ޑިވިޝަނުގެ ކްލަބުތަކުގެ ގޯލްތައް ބިދޭސީ ކީޕަރުން ހިސޯރު ކުރުމަކީ މި ދެންނެވި ކަން ބޮޑު ވުން އިތުރުވިކަމަކެވެ.

އިމްރާން ނެއްތަން ފޫބައްދަން ޖެހޭ ކަން މާކުރިންވެސް އެންމެންނަށްވެސް އެނގެއެވެ. ޑަންލޮޕް ލައިގެން ނަަމަވެސް އިދިކޮޅުން ފޮނުވާލާ ހަމަލާތައް ދިފައުކޮށް ރާއްޖޭގެ ހުނަރު ވެރި ކުޅުންތެރީންނަށް ހަމަޖެހިފައިގެން، ކުޅުމުގެ ފުރުސަތު ލިބިދޭނޭ ފަދަ ކީޕަރަކު ބޭނުންވެއެވެ. ކުޅުންތެރިންނަށް ލަނޑު ޖަހަން ހިތްވަރެއްވެސް ލިބޭނީ ބައިކޮޅަށް ވަންނަ ގޯލް މަދުވެގެންނެވެ. އެ ޒިންމާ އުފުލާނެ ކީޕަރަކު ކޮންމެ ގޮތެއްވިޔަސް މުހިއްމެވެ. އިމްރާން ވަރުގެ ތަޖުރިބާހުރި ކީޕަރެއް ނެތަސް އެ ޒިންމާ ނެގޭ ވަރުގެ ކީޕަރުން މިވަގުތު ގައުމީ ސްކޮޑުގައި ތިބިކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ޚޮދު އިމްރާންވެސް އެކަން ގަބޫލުކުރެއެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް މިރޭ ދިވެހިރާއްޖެ ކުޅޭމެޗަށް ނެގި ސްކޮޑުގައި ހިމެނެނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދައި އިމްރާނާ އެކު ބަދަލު ކީޕަރުންގެ ގޮތުގައި ގައުމީ ޓީމަށް ކުޅެފައިވާ ދެ ކުޅުންތެރިންނެވެ. އެއީ މުހައްމަދު ފައިސަލް އާ މުހައްމަދު އިމްރާނެވެ. ދެން ސްކޮޑްގައި ހިމެނެނީ މުޅިން އަލަށް ގައުމީ ޓީމަށް ހޮވުނު އީގަލްސްގެ މުހައްމަދު ޝަފީއު (ޗެކް) އެވެ.

އިމްރާން ފައިސަލްއަށް އަންގިއެއް ދެނީ --ފޮޓޯ/ އިމްރާން

މި މުބާރާތަށް ޓީމުގެ ސްކޮޑް އެކުލަވާލެވުނު ފަހުން އިމްރާން ވަނީ ގައުމީ ޓީމަށް ހޮވުނު އޭނާގެ ދެ ދަރިވަރުން އަދި އެއްކޮށް ތަޖުރިބާ ތަކެއް ކޮށްފައިވާ ދެ ކީޕަރުން ކަމުގައިވާ ކުޑަ އިމްރާނައި ފައިސަލްއާއެކު ނަގާފައިވާ ދެ ފޮޓޯ އެނާގެ ފޭސްބުކް ޕޭޖްގައި ހިއްސާކޮށްފައެވެ. ދެ ކީަޕރުންނާއެކު ހޭދަ ކުރި ވަގުތުގެ ފޮޓޯތައް ހިއްސާ ކޮށްފައިވާއިރު ދެ ފޮޓޯ އާއެކުވެސް ލިޔެފައިވަނީ ނަސޭހަތުގެ ބަސްތަކެވެ. ގޯލުގައި ކޮންމެ ކީޕަރެއް ހުއްޓަސް އެމީހެެއްގެ ފަަހަތުގައި އޭނާ އަބަދުވެސް ހުންނާނެ ކަމުގެ ޔަގީންކަމެވެ.

" ބޮޑުކަމެއް ހާސިލްކުރެވޭނީ ހަމައެކަނި އެކަމާ އުޅެގެންނެއް ނޫން، ހުވަފެންވެސް ދެކެންވާނެ، އެކަމެއް ކުރަން ހަަމައެކަނި ޕްލޭން ކުރިއަކަސް ނުވާނެ، ތިމާއަށް އެކަން ކުރެވޭނެ ކަން ގަބޫލުކުރަންވެސް ވާނެ،" ކުޑަ އިމްރާނާއި ފައިސަލްއާއެކު ނަގަފައިވާ ސެލްފީއެއް ފެސްބުކްގައި ހިއްސާ ކުރަމުން އޭނާ ވަނީ ބުނެފައެވެ.

މުހައްމަދު އިމްރާން (ކ) މުހައްމަދު ފައިސަލް (މ) އިމްރާން މުހައްމަދު (ވ)--ފޮޓޯ/ އިމްރާން

ގައުމީ ޓީމުގެ ކެޕްޓަނެއް ނުހުންނަ ކޮންމެ ދަނޑިވަޅެއްގައި އެތަން ފޫބައްދަން ހުންނަ، އަދި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކެޕްޓަން އިމްރާން ޕޯސްޓް ކުރި ދެވަނަ ފޮޓޯއިންފެންނަނީ ކުޑަ އިމްރާނާއި ފައިސަލްއާ ދެމީހުންނަށް ދެ އަންގި ދޭ މަންޒަރެވެ. އަދި އަނެއް ފޮޓޯ ގައި ޒުވާން ދެ ކީޕަރުން ދެ ފަރާތަށް ލައިގެން ފަހުރުވެރި މުދައްރިސެން ފަދައިން އިމްރާން މެދުގައި އިންނަތަންފެނެއެވެ. މި ފޮޓޯއާއެކު އިމްރާން ބުނެފައިވަނީ އޭނާ މިވަގުތު ގައުމީ ޓީމް ސްކޮޑުގައި ތިބި ކީޕަރުންނަށް 100 އިންސައްތަ އިތުބާރު ކުރާ ކަމަށާއި އޭނާ އަބަދުވެސް އެ ކީޕަރުންނާ އެކު ހުންނާނެކަމަށެވެ. އަދި އޭނާއަށް ލިބިފައިވާ ތަޖުރިބާ އެ ކީޕަރުންނާ އަބަދުވެސް ހިއްސާ ކުރާނެ ކަމަށެވެ.

ކީޕަރު ފައިސަލާއި ކީޕަރު މުހައްމަދު އިމްރާނަކީ ގައުމީީޓީމަށް މީގެ ކުރިން ކުޅެފައިވާ ދެ ކީޕަރުންނެވެ. އިމްރާންގެ ފަަހަތުން އެންމެ ފުރަތަމަ ބެންޗުން ފެނިގެންދިޔައީ ފައިސަލްއެވެ. އަދި ފަހުން ފައިސަލް އަށް ދިމާވި އިންޖަރީއެއްގެ ސަބަބުން ގައުމީ ޓީމުގެ ބަދަލު ކީޕަރެއްގެ ގޮތުގައި ފެނިފައިވަނީ ކުޑަ އިމްރާނެވެ. އަދި އެ ހޭދަ ކުރި ދުވަސްކޮޅުގައި އޭނާ ވަނީ އިމްރާނަށް އަނިޔާވުމުން ގައުމީ ޓީމުގެ ގޯލް ބަލަހައްޓައި ރަނގަޅު ކުޅުމެއް ދައްކައިފައެވެ.

ކޮންމެ ގޮތެއްވިޔަސް މިރޭގެ މެޗުގައި ގައުމީ ޓީމުގެ ގޯލް ބަލަހައްޓާނެ ކީޕަރަކީ ކުރިއަށް އޮތްތަނުގައި އިމްރާންގެ މަގާމް އަދާ ކުރާނެ ކުޅުންތެރިއާއެވެ. މިވަގުތު ަގައުމީ ޓީމުގެ ގޯލް ކީޕަރު ޓްރޭނަރަކަށް ހުރީ އެމަގާމަށް އެންމެ އެކަށޭނަ ކޯޗު ކަމުގައިވާ ކުރީގެ ކީޕަރު އަސްލަމް އަބްދުއްރަހީމެވެ. އޭނާއަށް ދިވެހި ކީޕަރުން ވަރަށް ރަނގަޅަށް އެނގޭނެއެވެ. ގައުމީ އަންގި އަޅުވަން ޖެހޭނީ ކޮން ކީޕަރެއްގެ އަތުގައި ކަން އެންމެ ރަނަގަޅަށް އެނގޭނެ އެކަކީ އޭނާއެވެ. ތަޖުރިބާގެ ގޮތުން ބަލައިފިނަމަ ކީޕަރުންގެ ކަންތައްތައް އަސްލަމް އަށް ވުރެ ވަކި ރަނަގަޅށް ދަންނަ މީހަކު ރާއްޖޭގައި މަދުވާނެއެވެ.

ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރ އަސްލަމް އަބްދުއްރަހީމް، ކީޕަރުންނަށް ތަމްރީނުދެނީ-- ސަން ފޮޓޯ: ފަޔާޒް މޫސާ

ކުރަންޖެހެނީ އިންތިޒާރެވެ. އަދި މިރޭ ގައުމީ ޓީމުގެ އެއް ނަންބަރު ކީޕަރުކަން ކުރާނީ ކޮން ކީޕަރެއްކަން ނޭނގެއެވެ. އެ މަގާމަށް ވާދަކުރާން ތިބީ އަހަރަމެން އެންމެން އިތުބާރުކުރާ ގައުމީ ލެޖެންޑް އިމްރާންގެ ދެ ދަރިވަރުންނެވެ. ކޮންމެ ގޮތެއްވިޔަސް އިމްރާން އެ ދެކީޕަރުންނަށް އިތުބާރު ކުރާ ކަމަށްވާނަމަ ހުރިހާ ދިވެހީން ވެސް އެ ދެ ކީޕަރުންނަށް އިތުބާރު ކުރަންވާނެއެވެ. ރަން ތައްޓެއް އަތުކުރިއަށް ނަގާފައިވާ އަންގި އިމްރާން ބޭލި އިރު އެމަގާމަށް އަންނާން ތިބީ އޭނާގެ ދެ ދަރިވަރުންނަށް ވީ ކަމީ، މިރޭ ގައުމީ ޓީމުގެ ދިފާއީ އައްޑަނަ ވަރުގަދަ ވާނެ ކަމުގެ ފުރިހަމަ ހެއްކެކެވެ.

comment ކޮމެންޓް