އަމީތު ޖަވާބުދާރީވާންޖެހޭ މައްސަލަ ސާފުކޮށްދިނުމަށް ޕީޕީއެމްގައި އެދިއްޖެ

މިއަދުގެ ޖަލްސާއަށް ފަހު އަމީތު މަޖިލިސް ބޭރުގައި ހަރަކާތްތެރި ވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ޖަވާބުދާރީވާންޖެހޭނީ ކޮން ސުލޫކީ މައްސަލައަކަށްތޯ ސާފުކޮށްދިނުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ޕީޕީއެމްގެ ސުލޫކީ ކޮމެޓީގައި އެދިވަޑައިގެންފިއެވެ.

ޕީޕީއެމްގެ ސުލޫކީ ކޮމެޓީގެ މުގައްރިރު އަލީ ވަހީދު އަބްދުއްރަހުމާނަށް އަމީތު މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އޭނާއަށް އެ ކޮމެޓީން ފޮނުވި ސިޓީގައި އޮޅުންއަރާ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން މާޗް 28 ވަނަ ދުވަހަކީ ހުކުރު ދުވަސް ކަމަށް އެ ސިޓީގައި ބުނާއިރު އެއީ ހުކުރު ދުވަސް ނޫން ކަމަށް އަމީތު ވިދާޅުވިއެވެ.

ހާޒިރުވާންޖެހޭ ގަޑިއަކީ ހުކުރު ދުވަހުގެ 12:30 ގައި ކަމަށް އެ ސިޓީގައި ބުނާއިރު، އެއީ ހުކުރު ވަގުތު ކަމަށް ވެސް އަމީތު ވިދާޅުވިއެވެ.

ޖަވާބުދާރީވާ ދުވަހަކީ ހުކުރު ދުވަސް ކަމުގައިވާނަމަ ހުކުރުވަގުތު ނޫން ވަގުތަކަށް ޖަވާބުދާރީވާންޖެހޭ ގޮތަށް ހަމަޖައްސައިދިނުމަށް އެދޭ ކަމަށް އެ ސިޓީގައި އަމީތު ވަނީ އެދިވަޑައިގެންފައެވެ.

ޖަވާބުދާރީ ވާންޖެހޭ މައްސަލަ ނޭނގި ޖަވާބުދާރީ ވުމަކީ ފަސޭހަ ކަމަކަށްނުވާތީ ޖަވާބުދާރީ ވާންޖެހެނީ ކޮން މައްސަލައަކަށްކަން އޮޅުންފިލުވައިދިނުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ސުލޫކީ މައްސަލައެއް ބަލަން ފަށާފައި ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާ ދެކޮޅަށް ވޯޓު ދެއްވާނެ ކަމަށް ފާޅުގައި އަމީތު އިއުލާންކުރައްވާފައި ވަނިކޮށެވެ.

comment ކޮމެންޓް