ވޯޓުލުމަށް ރީ ރަޖިސްޓްރީކުރަން ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި، އެ ކޮމިޝަނުގެ މެމްބަރު އަހްމަދު އަކްރަމް --- ފޮޓޯ/ އިލެކްޝަންސް ކޮމިޝަން

އަންނަ މެއި މަހުގެ ހަ ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދުން ފެށިގެން އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައި ވަނީ މީގެކުރިން ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާތަން ބަދަލުކުރަން ބޭނުންވާ މީހުންނަށާއި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ މީހުންނަށް ކަމަށެވެ.

ރަށްވެހިވެފައިވާ ރަށްނޫން ރާއްޖޭގެ އެހެން ރަށަކަށް ވޯޓުލުމަށް ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކަށް "ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" ދޫކުރުމާއި ފޯމުތަށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުންނާއި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި މާލޭ ސިޓީގައި ނަމަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީން) އިން ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ރާއްޖޭން ބޭރުގައިނަމަ ފޯމު ދޫކުރުމާއި ފޯމުތަށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކޮލޮމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީން ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ. އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން ވެސް ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.

ފޯމު ހުށަހަޅަން އަންނަ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ އަސްލު އަދި ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށަހަޅަންޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެފޯމު ހިފައިގެން އަންނަ މީހާ އެފޯމަށް ޒިންމާވާ ގޮތަށް ކަމަށާއި އީމެއިލް ނުވަތަ ފެކުހުން ސީދާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ފޯމު ބަލައިނުގަނެވޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ރާއްޖޭގައިނަމަ ރަޖިސްޓަރީކުރުން އޮންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ހަވީރު 3:00 އަށް އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 03:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ހަވީރު 5:00 އަށެވެ. ކޮލޮމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީ އިން ރަޖިސްޓަރީ ކުރުން އޮންނާނީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:30 އިން ހަވީރު 4:00 އަށް އަދި ބަންދު ދުވަސް ދުވަހު މެންދުރު 12:00 އިން ހަވީރު 5:00 އަށެވެ.

comment ކޮމެންޓް