ވިލާ ޝިޕިންގެ އެކައުންޓުތައް ފްރީޒްކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި

ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމް ---- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ ބޭންކު އެކައުންޓުތައް ފްރީޒްކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

ވިލާ ޝިޕިންގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ މީގެ ދެ ދުވަސްކުރިން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އެ ކުންފުނިން ދައުލަތަށް ދައްކަންނުޖެހޭ ފައިސާތަކެއް ދެއްކުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަންގާފައިވާތީ އާއި ސަރުކާރުން އެކުންފުންޏަށް ދެމުން ގެންދިޔަ ޚިދުމަތްތައް ހުއްޓާލާފައިވާތީ ކަމަށެވެ.

ވިލާ ޝިޕިންގެ އެކައުންޓުތައް ފްރީޒްކޮށް، 18 މިލިއަން ޑޮލަރު ދައުލަތަށް ދެއްކުމަށް މީރާ އިން އަންގާފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ.

ކަންހިނގާފައިވާގޮތް

ތ. އެލާ އަކީ 2006 ވަނަ އަހަރު އައްބާސް މުހައްމަދު ނަމަކަށްކިޔާ މީހެއްގެ އަތުން ވިލާ ޝިޕިން އިން ގަނެފައިވާ ރަށެކެވެ.

ވިލާ ގްރޫޕްގެ އޮފިޝަލަކު ވިދާޅުވިގޮތުގައި އެއިރުވެސް އެކުންފުނިން އައީ ގަވާއިދުން ކުލި ދައްކަމުންނެވެ.

ކުލި ދައްކަމުން ދަނިކޮށް 2012 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވިލާ އިން ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރަމުން އަންނަ ހުރިހާ ރަށަކަށް އެއް އަހަރުފަހުން ކުލިދައްކަންޖެހޭގޮތަށް ހަމަޖެއްސިއެވެ.

އެގޮތަށް ހަމަޖެއްސުމުން ކުލިދެއްކުން މަޑުޖައްސާލާފައި ވަނިކޮށް 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ކުރީގެ އެގްރީމެންޓް ބާތިލްކޮށް ޓޫރިޒަމް މިނިސްޓްރީން ވަނީ އާ އެގްރީމެންޓެއްގައި އެކުންފުންޏާއެކު ސޮއިކޮށްފައެވެ.

އެ އެގްރީމެންޓުގެ ދަށުން ތ. އެލާ ކުއްޔަށްދިނީ 50 އަހަރަށެވެ. އެ އެގްރީމެންޓުގައިވާގޮތުން ކުލިދައްކަން ފަށާ ތާރީޚަކީ ރިސޯޓު ހުޅުވާ ތާރީޚެވެ. ރިސޯޓު ހެދުމަށް ދީފައި ވަނީ ފަސް އަހަރުގެ މުއްދަތެކެވެ. އެހެން އެކަން އޮއްވައި 2015 ވަނަ އަހަރު އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަބްދުލްޣަފޫރު ސޮއިކުރައްވައި ފޮނުވި ސިޓީއަކުން ވަނީ އެ އެގްރީމެންޓް ބާތިލްކޮށްފައެވެ. އެގްރީމެންޓް ބާތިލްކުރި ސަބަބެއް ކަމަށް ބުނެފައި ވަނީ "ގުޑްވިލް ނެތިގެން" ކަމަށެވެ.

އޭގެ ތިން ދުވަސް ފަހުން މީރާއިން އެކުންފުންޏަށް އަންގާފައި ވަނީ ކުލި މެދުކެނޑިފައި އޮތް ތާރީޚުން ފެށިގެން އެގްރީމެންޓް ބާތިލްކުރި ދުވަހާ ހަމައަށް ކުއްޔާއި ޖޫރިމަނާގެ ފައިސާ ދެއްކުމަށެވެ.

އެގްރީމެންޓް ބާތިލްކުރި މައްސަލަ އެއިރު ވިލާ އިން ސިވިލް ކޯޓަށް ހުށަހެޅުމުން މައްސަލަ ބެލުމަށްފަހު މިދިޔަ އަހަރު އެ ކޯޓުން ހުކުމް ކުރީ އެއީ ރަނގަޅު ބާތިލްކުރުމެއް ނޫން ކަމަށާއި އެ އެގްރީމެންޓް ދެމި އޮންނާނެ ކަމަށެވެ. ދައުލަތުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށްފައެވެ.

ވިލާ ގްރޫޕްގެ އޮފިޝަލް ވިދާޅުވިގޮތުގައި މީރާއިން ފޮނުވި ސިޓީގައި އެލާގެ ކުލީގެ ހިސާބު ހަދާފައި ވަނީ އައްބާސް މުހައްމަދަށް ސަރުކާރުން އެރަށް ދޫކުރި ދުވަހުން ފެށިގެން 2013 ވަނަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހާ ހަމައަށް ޖުމްލަ 3.7 މިލިއަން ޑޮލަރުގެ ގޮތުގައެވެ. އަދި މީރާގެ ސިޓީގައިވާގޮތުން އައްބާސް މުހައްމަދަށް ސަރުކާރުން އެރަށް ކުއްޔަށްދިން ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ޖޫރިމަނާގެގޮތުގައި ޖުމްލަ 14.6 މިލިއަން ޑޮލަރ ވިލާ ޝިޕިންގ އިން ދައްކަންޖެހޭނެއެވެ.

comment ކޮމެންޓް