އުމްރާއިން އަންނަ މީހުން ރޯގާއަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުޅައުމަށް، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ދާ ހައްޖުވެރީންގެ ފުރަތަމަ ގްރޫޕް ފުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުމްރާގެ އަޅުކަން އަދާކުރުމަށް ފަހު ރާއްޖެ އަށް އެނބުރި އަންނަ މީހުން، ރޯގާ އަދި ވައިރަލް ހުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މި ދުވަސްވަރަކީ އުމްރާގެ އަޅުކަން ނިންމުމަށް ފަހު މީހުން ރާއްޖެ އެނބުރި އަންނަ ދުވަސްވަރެވެ. އަދި މި ދުވަސްވަރު ރާއްޖޭގައި ދަނީ ހަލުވިކަމާ އެކު ވައިރަލް ހުމާއި ރޯފާ ފެތުރެމުންނެވެ. ރޯގާގެ ސަބަބުން މީހުން ވަނީ މަރުވެސް ވެފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ، ތިރީގައިވާ ކަންކަމަށް އުމްރާގެ އަޅުކަން ނިންމުމަށް ފަހު އަންނަ މީހުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ.

  • އަރިދަފުސް ރޯގާ ޖެހިފައިވާ ނަމަ ކެއްސާ ކިނބިހި އަޅާއިރު އަނގަމަތީގައާއި ނޭފަތުގައި ކުޑަ ރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް ބޭނުންކުރުން އަދި ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ހާމައަށް އެއްލާނުލުން.
  • އާންމު ސާފުތާހިރުކަމަށް، ހާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުމާއި ގިނަގިނައިން އަތް ސާފުކުރުމަށް ސަމާލުކަން ދިނުން.
  • ރޯގާޖެހި ކެއްސާ ނަމަ، މީހުން އެއްވެއުޅޭ ތަންތަނަށް ނުދިއުން އަދި އެހެންމީހުންނާ ވީހާ ވެސް ދުރުވެއުޅުން (ހާއްސަކޮށް މާބަނޑު މީހުން، އުމުރުން ދުވަސްވީ މީހުން، ހިތުގެ ނުވަތަ ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ލިބެމުންދާ މީހުން، ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށި މީހުން)
  • ކުޑަކުދިން ދުންފަތުގެ ދުމުން ރައްކާތެރިކުރުމާއި ދުންފަތުގެ އިސްތިއުމާލު ނުކުރުން

ހުން އަދި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ސަމާލުކަން ދޭންވީ ކަންކަން

  • ގިނައިން ދިޔާތަކެތި ބޭނުންކުރުން
  • އަރާމުކުރުން
  • ލުނބޯ، އިނގުރު އަދި މާމުއި އަޅައިގެން ބުއިންތައް ބޭނުންކުރުން
  • ހުންގަދަ ނަމަ ފެން ފޮތިކޮޅެއް ފެލާލައި ގައިގައި ހޭކުން
  • ޕެރަސިޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރުން (ޑޮކްޓަރުގެ އިރުޝާދެއް ނެތް ނަމަ)
  • ހުންއައިސް ރޯގާޖެހި ތިން ދުވަހަށް ވުރެ އިތުރުވާ ނަމަ ޑޮކްޓަރެއްގެ ލަފައާއި އިރުޝާދު ހޯދުން
  • އުމުރުން ދުވަސްވީ މީހުންނާއި ހިތުގެ ނުވަތަ ފުއްޕާމޭގެ ބައްޔަކަށްފަރުވާ ލިބެމުންދާ މީހުނާއި ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށީވެފައިވާ މީހުން ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން

އެޗްޕީއޭ އިން ބުނީ އުމްރާއިން އަންނަ ފަރާތްތައް ވެސް އަދި އެހެނިހެން ފަރާތްތަކުން ވެސް ބަލިން ރައްކާތެރިވުމަށް ކުރެވެން ހުރި ކަންކަން ކުރުމަށް އެދޭ ކަމަށެވެ.

comment ކޮމެންޓް