ގައުމީ ކެޕްޓަންގެ ފޮނި ހަނދާނެއް، މިހާރު 12 މިލިއަން ވިއުސް!

2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖު ކަޕްގައި އަފްޣާނިސްތާނާ ދެކޮޅަށް ރާއްޖޭން އެންމެ ފަހުން ކުޅުނު މެޗުގައި އަޑުބަރޭ ޕެނަލްޓީ ޖަހަން އުޅެނިކޮށް ވެއްޓިފައި-- ސަން ފޮޓޯ/ އިމޭޖަސް އެމްވީ

މީގެ ތިން އަހަރު ކުރިން ދިވެހި ކުޅުންތެރިންގެ ތެރެއިން ބައިނަލްއަގުވާމީ މީޑީޔާ އަށް މަޝްހޫރީ ރާއްޖޭ އޭރުގެ ކެޕްޓަން އަލީ އަޝްފާގު (ދަނގަޑޭ)އެވެ. ރާއްޖޭގެ ފުޓްބޯޅަ އޭރު އޮތް ހާލަތުން ދިވެހި ކުޅުންތެރިންނަކީ ސަރަހައްދީ ގޮތުން ފިޔަވައި ދުނިޔޭގެ ދެން އެހެން އެއްވެސް ބަޔަކު މާބޮޑަށް ދަންނަ ބައެއް ނޫނެވެ. ނަަމަވެސް ގިނަ ބަޔަކު އަޝްފާގު ދަނެއެވެ. ސަތާރަ އަހަރު ވަންދެން ގައުމީ ޓީމުގެ ގޯލް ބެލެހެއްޓި އިމްރާން ވެސް ދުނިޔޭގައި މަޝްހޫރެވެ. އޭނާ އަމިއްލަ އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ސައްޕު ގޮސް އަނެއްކޮޅު ގޯލަށް ވަން މަންޒަރަކީ މިހާރުވެސް ހިނގަމުން މަޝްހޫރު ވީޑިއޯ އެކެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް މިރޭ ކުޅޭ މެޗުގައި ރާއްޖޭގެ ޓީމުގެ ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) އަކީވެސް ބައިނަލްއަގުވާމީ މީޑިޔާގައި މަޝްހޫރުކަން ހޯދާފައިވާ ކުޅުންތެރިއެކެވެ. ރާއްޖެ އެންމެ ފަހުން ފަލަސްތީނާ ދެކޮޅަށް ކުޅެ އެއްވަރުވި 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް މުބާރާތުގެ ތިންވަނަ ހޮވާ މެޗްގައި އަފްޣާނިސްތާނާ ކޮޅަށް އޭނާ ޖެހި ޕެނަލްޓީ އަކީ މުޅި ދުނިޔޭގެ ސަމާލުކަން ހޯދި ޕެނަލްޓީއެކެވެ.

އޭއެފްސީ ޗެލެންޖް ކަޕްގެ ތިންވަނަ ހޮވި މެޗްގައި އަފްޣާނިސްތާނާ ދެކޮޅަށް އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރުމަށް ޖެހި ހަވަނަ ޕެނަލްޓީ ފޮނުވާލީ އަޑުބަރޭއެވެ. އޭނާ ޕެނަލްޓީ ކުރިއަށް ފޮނުވާލަން ދުއްވައިގަތުމަށް ފަހު އޭނާ ވަކި ހިސާބަކުން ވެއްޓެއެވެ. ކުރި މަތީގައި ހުރި އަފްޣާން ކީޕަރަށްވެސް ވާނުވާ ނޭނގި ހުއްޓުން އަރާފައި ހުއްޓާ، އަޑޭ ވަނީ ތެދުވި ގޮތަށް ބޯޅަ ގޯލަށް ވައްދާލާފައެވެ. އެ ދުވަހު ދަނޑަށް ވަދެފައި ތިބި ހުރިހާ ސަޕޯޓަރުން އޭނާގެ އެ މޮޅު ޕެނަލްޓީއަށް ތައުރީފް ކުރިއެވެ. އެމެޗުން މޮޅުވުމަށް ވުރެ ގިނަ ބައެއްގެ މޫނުމަށްޗަށް ހިނިތުންވުން ގެނެސްދިނީ އަޑޭގެ ޕެނަލްޓީއެވެ.

ހުރިހާ އެންމެންވެސް ހިތަށް އެރީ އެ މެޗު ނިމުނު ހިސާބުން އެވާހަކަ ނިމުނީ ކަމަށެވެ. ނަމަވެސް އެ ޕެނަލްޓީގެ ވާހަކަ ގަދަވެގެންދިޔައީ ޔޫޓީއުބްގައި އެ ޕެނަލްޓީ ބެލި މީހުންގެ އަަދަދު މިލިއަނަށް އަރައިގެން ދިޔަ ވާހަކައެވެ. އެ ޕެނަލްޓީ އެއް ބަޔަކަށް ކަމުދިޔަ އިރު އަނެއްބަޔަކަށް އެ ޕެނަލްޓީ ވީ މޮޅު ޕެނަލްޓީއަކަށެވެ. އަނެއްބަޔަކު އެބަލާފައި ގަދައަށް ހުނުނު އިރު ބަޔަކު އެ ޕެނަލްޓީ ގޯސްވެގެންވެސް ނިކަން އުޅުނެވެ.

އޭއެފްސީ ޗެލެންޖު ކަޕްގައި އަފްޣާނިސްތާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި އަސްހަދު އަލީ ޕެނަލްޓީ ޖެހުމުގެ ކުރިން އަމިއްލައަށް ވެއްޓިގަންނަނީ-- ސަން ފޮޓޯ

ނަމަވެސް މަންޒަރު ބަދަލުވެގެންދިޔައީ އަޑުބަރޭގެ ޕެނަލްޓީއަކީ ރަނގަޅު ޕެނަލްޓީއެއް ކަމަށް ނިންމި ހިސާބުންނެވެ. ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ބުނެފައިވަނީ އަޑުބަރޭ ޕެނަލްޓީ ޖެހުމަށް ދުއްވައިގަނެ، ވަކި ހިސާބަކުން ވެއްޓުނު ނަމަވެސް އޭނާގެ ހަރަކާތްތައް ހުއްޓާނުލާ ކަމަށާއި ޕެނަލްޓީ ޖަހަން ލިބުނު ވަގުތު ކޮޅުގެ ތެރޭގައި އޭނާ އެ ޕެނަލްޓީ ޖަހާފައިވުމުން އެއީ ރަނގަޅު ޕެނަލްޓީއެއް ކަމަށެވެ. މިއާ އެކު އަޑުބަރޭގެ ޕެނަލްޓީ ދުނިޔޭގެ ފެންވަރުގައިވެސް ބަލައިގަންނަ ޕެނަލްޓީއަކަށް ވަނީ ވެފައެވެ.

މި ހިއްސާ ކޮށްލެވުނީ މިހާރު ގައުމީ ކެޕްޓަންގެ ޒިންމާ ބޮލު އަޅައިގެން ދިވެހި ޒުވާން ޓީމް ގޮވައިގެން މިރޭ ދަނޑު މައްޗަށް ނުކުންނާނެ ތަޖްރިބާކާރު ކެޕްޓަން އަޑުބަރޭގެ ފޮނި ހަނދާނެކެވެ. އޭނާ އެދުވަހު ކާމިޔާބުކުރި "އެޕިކް ޕެނަލްޓީ" މިހާރުވަނީ 12.1 މިލިއަން މީހުން ބަލައިފައެވެ. އެހެންކަމުން ހުނަރުގެ ގޮތުންވެސް އަދި މަޝްހޫރުކަމަށް ބެލިޔަސް 2007 ވަނަ އަހަރުން ފެށީގެން ގައުމީ ޓީމަށް ކުޅެމުން އަންނަ ކުޅުންތެރިއާ އަކީ ގާބިލް ކުޅުންތެރިއެކޭ ބުނެވިދާނެއެވެ.

ޑިސެމްބަރު، 24، 2015: އިންޑިއާގެ ޓްރިވެންޑްރަމްގައި ކުރިއަށްދިޔަ ސާފް ސުޒުކީ ކަޕުގައި ބޫޓާނާ ދެކޮޅަށް ދިވެހި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން- (ވ-ކ) އަލީ އަޝްފާގް ކުރީގެ ކެޕްޓަން- އިމްރާން މުހައްމަދު ކުރީގެ ވައިސް ކެޕްޓަން- އަސްހަދު އަލީ މިހާރުގެ ކެޕްޓަން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިރޭ އަޑުބަރޭ ދިވެހި ޓީމް ގޮވައިގެން އެ ނުކުންނަނީ މެދު އިރު މަތީގެ އެންމެ ވަރުގަދަ ބާރަ ދެކޮޅަށެވެ. ދިވެހި ދަނޑުގައި، މުލައްދަނޑީގައި ކެޕްޓަން ބޭންޑު އަޅައިގެން ކުޅޭ އިރު އަޑުބަރޭގެ ކުޅިވަރު ކެރިއަރުން ފެންނަނީ އޭނާއަކީ މުޅި ގައުމު އެމީހެއްގެ މައްޗަށް ބަރޯސާ ވެވިދާނެ މީހެއްކަމެވެ. ތިން ވަނަ ހޯދި މެޗެއްގައި ބޮޑު ރިސްކެއް ނަގައި، މޮޅު ޕެނަލްޓީއެއް ފޮނުވާލުމަކީ ޖަހަމުންދާ އުންޑަތަކުގެ ކުރިމައްޗަށް ނުކުމެ ހަނގުރާމަކުރުން ފަދަ ކަމަކަށެވެ. ދެ ކަމުގައިވެސް އިންތިހާއަށް ޕްރެޝަރު އޮންނާނެއެވެ.

ގައުމީ ކޯޗު ޑަރެން ސްޓެވާޓް އަޑުބަރޭއަށް އިތުބާރު ކުރެއެވެ. މުޅި ދުނިޔެ އަޑުބަރޭ ދަނެއެވެ. ދަނޑުމަތީގައި ވޯކިން ރޭޓް ހައި ކުޅުންތެރިއެކެވެ. ފަލަސްތީން ފަދަ ޖާނުން ވަރުގަދަ ކުޅުންތެރިން ތިބޭ ޓީމަކާ ދެކޮޅަށް އެންމެ ރަނގަޅަށް ފިޒިކަލީ ކުޅެވޭނެ ކުޅުންތެރިއަކީވެސް އަޑުބަރޭއެވެ. ކޮންމެ ގޮތެއް ވިޔަސް އަޑުބަރޭ އަކީވެސް އެންމެ ފަހުން ތިބި ދެ ކެޕްޓަނުން ކަމަށްވާ އަޝްފާގާއި އިމްރާނަށް އެއްވަރަށް މަޝްހޫރު މީހެކެވެ. ހުނަރުގެ ގޮތުންވެސް މޮޅު ކުޅުންތެރިއެކެވެ. މުޅި ގައުމު އޭނާއަށް އިތުބާރު ކުރެއެވެ. ކުޅުންތެރިންވެސް އޭނާއަށް އިތުބާރު ކުރެއެވެ. ވެއްޓިގެން ވިޔަސް ފިރުކެމުންވިޔަސް އޭނާ ދިވެހި ޓީމަށް ނަތީޖާ ނެރެ ދޭނެކަން ޔަގީނެވެ.

comment ކޮމެންޓް