އީރާނާއި ރަޝިޔާގެ ގުޅުންތައް އައު މަރްހަލާއަކަށް ވަންނަނީ

ރޫހާނީ ތެހެރާނުން މޮސްކޯ އަށް ފުރާވަޑައިގަންނަވަނީ

މޮސްކޯ (މާޗް 28) : ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕޫޓިންގެ ރަސްމީ ދައުވަތަކަށް އީރާނުގެ ރައީސް ޑރ. ޙަސަން ރޫހާނީ މޮސްކޯއަށް ވަޑައިގެންފި އެވެ.

މޮސްކޯ އަށް ވަޑައިގެން ދެއްވި ބަޔާނެއްގައި ރޫހާނީ ވިދާޅުވީ ދާއިތުވި ފަސްވަރަކަށް އަހަރު ތެރޭގައި އީރާނާއި ރަޝިޔާގެ ގުޅުންތައް ބައެއް ދާއިރާތަކުގައި ސްޓްރެޓީޖިކް ލެވެލްއަށް ބަދަހިވެފައިވާ ކަމުގަ އެވެ. އޭނާ މިހާރު ރަޝިޔާއަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ގުޅުންތައް އައު މަރްހަލާއަކަށް ވަދެގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވެސް ރޫހާނީ ވިދާޅުވި އެވެ.

އީރާނާއި ރަޝިޔާގެ ގުޅުންތައް އާދަޔާ ޚިލާފަށް ބަދަހިވާންފެށީ ބައިނަލްއަގްވާމީ މުޖްތަމައުގައި ރަޝިޔާ ގެންގުޅެމުން ގެންދިޔަ އެމެރިކާ އާއި ޔޫރަޕަށް ދޫދިނުމުގެ ސިޔަސަތު މުޅިން ބަދަލުކޮށް އެމެރިކާއާ ޔޫރަޕާ ވާދަވެރި ސިޔާސަތެއް ރަޝިޔާ ގެންގުޅެން ފެށުމާއެކުގަ އެވެ.

މިސިޔާސަތުގެ ދަށުން ރަޝިޔާ ވަނީ އެމެރިކާއާ ފައިހަމަކުރާ ފެންވަރުގައި ބޮޑު ބާރެއްގެ ދައުރު ބައިނަލްއަގްވާމީ ފެންވަރުގައި އަދާކުރަން ފަށައިފަ އެވެ. އެމެރިކާ އަށް ދޫނުދީ މިދައުރު ކުޅެން ރަޝިޔާ ފެށީ އެމެރިކާގެ ހަންފެތުރުމުގެ ސިޔާސަތުތަކުގެ ސަބަބުން ރަޝިޔާގެ ގައުމީ މަސްލަހަތަށް ނުރައްކާވެ، ރަޝިޔާގެ ސަރަހައްދީ ރޮނގާ ކައިރިއަށް ނޭޓޯ ބޮޑުކޮށް ފުޅާކުރުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

ބައިނަލްއަގްވާމީ ދުނިޔޭގައި ހުޅަނގާ ވާދަވެރި ސިޔާސަތެއް ރަޝިޔާ ގެންގުޅެން ފެށުމުން އެމެރިކާއާއި ޔޫރަޕް ގުޅިގެން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ރަޝިޔާއާއި ހުޅަނގުގެ ގުޅުންތައް ގޯސްވެގެން ދިޔުމަކީ އީރާނާއި ރަޝިޔާއާ ދެމެދު ސްޓްރެޓީކް ގުޅުންތަކެއް ގާއިމް ކުރުމަށް މަގުފަހިވެގެން ދިޔަ މައިގަނޑު އެއް ސަބަބެވެ.

އީރާނާއި ރާޝިޔާގެ ގާތްގުޅުންތައް ފެނިގެންދަނީ ސޫރިޔާގައި އެދެގައުމު ގެންގުޅޭ ސިޔާސަތުތަކުންނާއި ހުޅަނގާ މުއާމަލާތް ކުރުމުގައި އެދެގައުމު ގެންގުޅޭ ސިޔާސަތު ތަކުންނެވެ. އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށް އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު ސޮއިކުރި އެއްބަސްވުން ވުޖޫދަށް ގެނައުމުގައި ވެސް ރަޝިޔާ ވަނީ އީރާނަށް އެހިތެރިވުމުގެ ދައުރެއް އަދާކޮށްފަ އެވެ. ނިއުކްލިޔާ މައްސަލާގައި އދ. އިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މި އެއްބަސްވުމުގެ ސަބަބުން ވަނީ އުވާލައިފަ އެވެ.

ހަމަޖެހިފައިވާ ގޮތުން ރަޝިޔާގެ ރައީސް ވްލަޑިމިޔާ ޕޫޓިން، މިއަދު އީރާނުގެ ރައީސް ހަސަން ރޫހާނީ އާ ކްރެމްލިންގައި ބައްދަލުކުރައްވައި ދެގައުމުގެ ރަސްމީ މަޝްވަރާތައް ބާއްވަވާނެ އެވެ. ރޫހާނީގެ މިދަތުރުފުޅުގައި ރަޝިޔާއާއި އީރާނާ ދެމެދު 15 އެއްބަސްވުމެއްގައި ސޮއިކުރާގޮތަށް ހަމަޖެހިފައިވެ އެވެ. އޭގެތެރޭގައި ގިނައީ ވިޔަފާރިއާއި އިގްތިސާދީ ދާއިރާތަކާ އަދި ހަކަތައާ ގުޅޭ އެއްބަސްވުންތަކެވެ. ނަމަވެސް ރަޝިޔާގެ އަސްކަރީ އަދި މަދަނީ ޓެކްނޮލޮޖީ އީރާނަށް ފޯރުކޮށްދިނުމުގެ އެއްބަސްވުންތައް ވެސް މީގެތެރޭގައި ހިމެނެ އެވެ. މިއެއްބަސްވުންތަކާއެކު އެތައް ބިލިޔަން ޑޮލަރެއްގެ ރަޝިޔާގެ އިންވެސްޓްމަންޓްތައް އީރާނަށް އައުމަށް މަގުފަހިވެގެންދާނެ އެވެ.

ރަޝިޔާއާއި އީރާނާދެމެދު ހިނގާ ވިޔަފާރީގެ މުއާމަލާތްތަކުގެ މިންވަރަކީ އަހަރަކަށް ގާތްގަނޑަކަށް ތިން ބިލިޔަން އެމެރިކާ ޑޮލަރެވެ. (މަހްރު ނޫސްއެޖެންސީ)

comment ކޮމެންޓް