ޕީޕީއެމުން ވަކިކުރުމުގެ ކުރިން ޖަވާބުދާރީވާން އަމީތަށް އަންގައިފި

މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ---

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު، ޕީޕީއެމްގެ މެމްބަރުކަމުން ވަކިކުރުމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ހުށަހަޅާފައިވާ މައްސަލާގައި ސުލޫކީ ކޮމެޓިއަށް ޖަވާބުދާރީވެވަޑައިގަތުމަށް އޭނާއަށް ފުރުސަތު ދީފި އެވެ.

ސުލޫކީ ކޮމެޓީން މިރޭ އަމީތަށް ފޮނުވި ސިޓީގައި މާދަމާ 12:30 އަށް ޕީޕީއެމް އޮފީހަށް ހާޒިރުވާން ވަނީ އަންގައިފައެވެ.

ސުލޫކީ ކޮމެޓީގެ މުގައްރިރު އަލީ ވަހީދު އަބްދުއްރަހުމާން ސޮއިކުރައްވައި ފޮނުވި އެ ސިޓީގައި ބުނެފައި ވަނީ މާދަމާ ޕީޕީއެމްގެ އޮފީހަށް ހާޒިރުނުވެއްޖެނަމަ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންގޮސް ގޮތެއް ނިންމާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި މަސީހުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވާނެ ކަމަށް އަމީތު ވަނީ ވިދާޅުވެފަ އެވެ.

އަނގަބަހުން "ފެންނަ" ނުފެންނަ" ކަމަށް ވިދާޅުވެ، ވޯޓު ދޭ ގޮތަށް ނުވަތަ 'ރޯލް ކޯލު" ނަގަން ހަމަޖެއްސުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް އިދިކޮޅު މެމްބަރުން މަޖިލީހުން ނުކުމެވަޑައިގަތްއިރު އަމީތު ވެސް ވަނީ މަޖިލީހުގެ ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގެންފައެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު މިއަދު ވިދާޅުވެފައި އެ ޕާޓީގެ ޕީޖީ ގްރޫޕުން އަމީތު ވަކިކުރައްވާފައިވާ ކަމަށެވެ. އަދި ރޭގެ ވަގުތެއްގައި އަމީތު ވަނީ ޕީޕީއެމް ޕީޖީ ވައިބާ ގްރޫޕުން ވެސް ބޭރުކޮށްފަ އެވެ.

އޭގެ ކުރިން އޭނާ ވަނީ ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހާ ގުޅޭ ގޮތުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ދައްކަފާއިވާ ވާހަކަތަކުގެ އޯޑިއޯއަށް ފާޑު ވިދާޅުވެފަ އެވެ.

comment ކޮމެންޓް