ނޫސްވެރިޔާ ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ

ރާއްޖެ ޓީވީގެ ނޫސްވެރިޔާ ވިސާމް ނޫސްވެރިންގެ މުޒާހަރާގައި -- ފޮޓޯ އެފްބީ

ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ އަށް ތާވަލްކޮށްފި އެވެ.

ވިސާމްގެ މައްޗަށް ދައުލަތުން އުފުލި ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާގައި ބުނެފައި ވަނީ 2015 ވަނަ އަހަރުގެ މާޗު މަހުގެ 25 ވަނަ ދުވަހުގެ ރޭ މާލޭގައި ބަޔަކު މުޒާހަރާ ކުރިއިރު ބޮޑުތަކުރުފާނު މަގާއި މުހައްމަދު އިސްމާއިލް ދީދީ ގޯޅި ގުޅުނު ކަންމަތި ބެރިކޭޑް ޖަހައި ބަންދުކޮށްފައިވަނިކޮށް، އެ ސަރަހައްދުން މީހަކު ހައްޔަރުކުރުމުން އެ މީހާ ހައްޔަރު ކުރި ސަބަބުން ހޯދުމަށް ކަމަށް ބުނެ ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ގަދަކަމުން ވަދެ ފުލުހުންގެ ދައުރު އަދާކުރުމަށް ވިސާމް ދަތިކޮށްފައިވާ ކަމަށެވެ.

އެ ދައުވާ އަށް ވިސާމް އިންކާރުކުރުމުން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ވަނީ ނަގައިފައެވެ. އަދި ދިފާއުގައި ވިސާމް ހުށަހެޅި ހެކީންގެ ހެކިބަސް ވެސް ވަނީ ނަގައިފައެވެ.

އެ މައްސަލައިގެ ހުކުމް އިއްވުން އޮތީ މާދަމާ ހެނދުނު 11:30 ގައެވެ.

ވިސާމްގެ މައްޗަށް އުފުލާފައި ވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާ ކަމުގައިވާއިރު، ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ގޮތުން އޭނާ ކުރީ ކޮން ކަމެއްކަން ހެކީންގެ ހެކިބަހުންނާއި ވީޑިއޯ ފްޓޭޖުން ވެސް ނޭނގޭ ކަމަށް އޭނާގެ ގާނޫނީ ވަކީލު އަބްދުﷲ ހަސީން ވިދާޅުވިއެވެ.

ވިސާމްގެ މައްޗަށް ދައުލަތުން އުފުލި ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާ ސާބިތުވެ 28،800 ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފައެވެ. ހަމަ އެ ދައުވާ ސާބިތުވެ ރާއްޖެ ޓީވީގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރަށް ވެސް ވަނީ އެ ހުކުމް އިއްވާފަ އެވެ.

comment ކޮމެންޓް