ގާނޫނަށް ފައިން އަރާކަށް ވެސް އެމްޑީޕީ މެންބަރުން ލަދެއް ނުގަންނާނެ: މައުރޫފް

މައުރޫފް ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަނީ --- ސަން ފައިލް ފޮޓޯ

ދިވެހި ރާއްޖޭގެ ގާނޫނުއަސާސީއަށް އިހުތިރާމް ކަނޑާލައި އެއަށް ފައިން އަރާކަށް ވެސް އެމްޑީޕީ އަދި އިދިކޮޅު މެންބަރުން ލަދުގަނެ ޖެހިލުން ނުވާނެ ކަމަށް އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފް ވިދާޅުވެއްޖެ އެވެ.

މައުރޫފް އެފަދައިން ވިދާޅުވީ މިރޭ ޓީވީއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މައުރޫފް ވިދާޅުވީ، މަޖިލީހުގެ މެންބަރުންނަކީ މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރައްޔިތުން ތަމްސީލުކުރާ މެންބަރުން ކަމަށްވާއިރު، މެންބަރުންނަކީ އެންމެންގެ ޝަރަފާއި އިހުތިރާމް ލިބިގެންވާ ބަޔަކަށް ވާން ޖެހޭނެ ކަމަށެވެ.

"... މިއީ އެބޭފުޅުންގެ އާދަކާދަ ހުރިގޮތް، އެބޭފުޅުންނަށް ދަސްވެފައި ހުރި ގޮތް. އެބޭފުޅުންނަކީ [އެމްޑީޕީ މެންބަރުން] މޭޒު މައްޗަށް އަރާ ވައްވައް ޖައްސާ ދިވެހިރާއްޖޭގެ ސަގާފަތާއި ރީތި އުސޫލުތައް ގެއްލުވާލާފައިވާ ބައެއް،. އެމްޑީޕީގެ އެއްވެސް މެންބަރަކު ލަދެއް ނުގަންނާނެ މިކަހަލަ ކަންތައްތައް ކުރާކަށް. މިއަދު މަޖިލީހުން ރައްޔިތުންނަށް ފެނިގެންދިޔަ ގާނޫނު އަސާސީއަށް ފައިން އެރިތަން. މިފަދަ ދަރަޖައަށް މެންބަރުން ދިޔާމަ އަޅުގަނޑު މެންބަރެއްގެ ހައިސިއްޔަތުން ލަދުވެތިވަން،" މައުރޫފް ވިދާޅުވި އެވެ.

މައުރޫފް އެފަދައިން ވިދާޅުވި އިރު، މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ބޭއްވި ޖަލްސާ، އިދިކޮޅު މެންބަރުން ވަނީ ހޫނުކޮށް ޖަލްސާ ގެންދަން ހުރަސް އަޅާފަ އެވެ. އަދި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ މައްޗަށް ފައިން އަރައިގެން ހުރި މަންޒަރު ދައްކުވައި ދޭ ފޮޓޯތަކެއް ވެސް ވަނީ އާންމުވެފަ އެވެ.

މަޖިލީހުގައި މެންބަރަކު ގާނޫނު އަސާސީގެ މައްޗަށް ފައިން އަރައިގެން --- ފޮޓޯ/ ސޯޝަލް މީޑިއާ

މައުރޫފް ވިދާޅުވީ މެންބަރުންނަކީ ގާނޫނު އަސާސީއާ އެއްގޮތައް ކަންކަން ކޮށް، ގާނޫނަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. ނަމަވެސް ރައްޔިތުން ތަމްސީލުކުރާ މެންބަރަކު ގާނޫނު އަސާސީގެ މައްޗަށް ފައިން އަރައިގެންހުރެ ޖަލްސާއަށް ހުރަސް އެޅުމަކީ "އެއީ ބޮޑުވަރު" ކަމަށް މައުރޫފް ވިދާޅުވި އެވެ.

މައުރޫފް އިތުރަށް ވިދާޅުވީ، މިއަދުގެ މަޖިލީހުގައި ގަވާއިދާ ހިލާފު އެއްވެސް ކަމެއް ވެސް ހިނގާފައި ނުވާ ކަމަށެވެ. އަދި އިދިކޮޅު އެއްވެސް ފަރާތަކަށް މަޖިލިސް ހުއްޓުވުމުގެ އިހުތިޔާރެއް ލިބިގެން ނުވާކަމަށް މައުރޫފް ވިދާޅުވި އެވެ.

comment ކޮމެންޓް