ޅޮހި ޓީމުން ކެނދިކުޅުދޫ ހިފަހައްޓައިފި

މިނިވަން ޗެމްޕިއަންޝިޕްގެ ނ. އަތޮޅު ބުރުގައި ކެނދިކުޅުދުއާއި ޅޮހި ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރުވެގެން --- ފޮޓޯ/ ކެނދިކުޅުދޫ އެފްސީ

މިނިވަން ޗެމްޕިއަންޝިޕްގެ ނ. އަތޮޅު ބުރުގައި ޅޮހި ޓީމުން އަމިއްލަ ރަށުގައި ކުޅެމުންދިޔަ ކެނދިކުޅުދޫ ހިފަހައްޓައިފިއެވެ.

މިއަދު ހަވީރު ކެނދިކުޅުދުއާއި ޅޮހި ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. އެ މެޗަކީ ޅޮހި ކުޅުނު ފުރަތަމަ މެޗަށްވީއިރު، އެއީ ކެނދިކުޅުދޫގެ ދެވަނަ މެޗެވެ. ކެނދިކުޅުދޫ ކުޅުނު ފުރަތަމަ މެޗުގައި މަނަދޫގެ މައްޗަށް ވަނީ ކުރި ހޯދައިފައެވެ.

މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފު ކެނދިކުޅުދޫން ނިންމާލީ 1-0 ލަނޑުގެ ލީޑަކާއެކުއެވެ. ކެނދިކުޅުދުއަށް އެލަނޑު ކާމިޔާބުކޮށްދިނީ އަލީ ސަމާލްއެވެ. ޅޮހި ޓީމުން ކެނދިކުޅުދޫ އަތުން ޕޮއިންޓެއް ކަށަވަރުކުރީ މެޗުގެ 64 ވަނަ މިނެޓުގައި ޖެހި ލަނޑުންނެވެ. ޅޮހި ޓީމަށް އެލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް އަފަސަލްއެވެ.

ނ. އަތޮޅު ބުރުގެ މެޗުތައް ކުރިއަށްދާނީ ކެނދިކުޅުދޫގައެވެ. އެ އަތޮޅު ބުރުގައި ކެނދިކުޅުދުއާއި ޅޮހީގެ އިތުރުން ދެން ވާދަކުރަނީ މަނަދުއާއި، މާޅެންދުއާއި، ކުޑަފަރީ އަދި ޅޮހި ޓީމެވެ. ނ. އަތޮޅު ބުރުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ މަނަދުއާއި މާޅެންދޫއެވެ.

މިފަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ޖުމްލަ 81 ރަށަކުން ވާދަކުރާނެއެވެ. އެ މުބާރާތުގައި ފުރަތަމަ ކުރިއަށްދާނީ އަތޮޅު ބުރެވެ. އެ ބުރުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމު ޒޯން ބުރަށް ދަތުރުކުރާނެއެވެ. އަދި ޒޯން ބުރުގެ ޗެމްޕިއަން ޓީމުތައް ފައިނަލް ބުރަށް ދަތުރުކުރާނެއެވެ.

އެންމެ ފަހުން ބޭއްވި މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރީ ބ. އޭދަފުށްޓެވެ. އެ ޓީމު އެ މުބާރާތް ކާމިޔާބުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ތ. ތިމަރަފުށި 1-0 ލަނޑުން ބަލިކޮށްގެންނެވެ.

comment ކޮމެންޓް