ސެމީގެ ކުރިން ކުޅުނު މެޗުގައި ނޭޕާލް އަތުން ކިރްގިސްތާނަށް މޮޅެއް

މިއަދު ނޭޕާލްއާ ދެކޮޅަށް ކުޅެ، މޮޅުވި ކިރްގިސްތާން ޓީމު: މާދަމާ ކުޅޭ ސެމީގެ މެޗުގައި ވެސް ބައްދަލުކުރާނީ ނޭޕާލާއި ކިރްގިސްތާން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުގެ ކުރިން ކުޅުނު މެޗުގައި ނޭޕާލް އަތުން ކިރްގިސްތާން މޮޅުވެއްޖެއެވެ.

ރާއްޖޭގައި ކުރިއަށްދާ އެ މުބާރާތުގައި މިއަދު ހަވީރު ނޭޕާލްގެ މައްޗަށް ކިރްގިސްތާނުން ކުރި ހޯދާފައިވަނީ ފަހަތުންއަރައި 3-1 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު މޮޅު ކުޅުމަކާއެކު ކާމިޔާބުކޮށްފައިވަނީ ނޭޕާލުންނެވެ. އެ ސެޓުގައި ނޭޕާލްގެ ކުޅުންތެރިންގެ ފަރާތުން ރީތި ހަމަލާތަކެއް ވެސް ފެނިގެންދިޔައެވެ. މެޗުގެ ފުރަތަމަ ސެޓު ނޭޕާލުން ގެންދިޔައީ 20-25އިންނެވެ.

މެޗުގެ ފުރަތަމަ ސެޓާ ހިލާފަށް ފަހު ތިން ސެޓުގައި ކިރްގިސްތާނުގެ ވަރުގަދަ ކުޅުން އެޓީމުން ދައްކާލިއެވެ. އެގޮތުން އެ ތިން ސެޓު ކިރްގިސްތާނުން ގެންގޮސްފައިވަނީ ވަރަށް ފަސޭހަކަމާއެކުއެވެ. މެޗުގެ ދެވަނަ ސެޓު 25-13އިން ކިރްގިސްތާނުން ގެންދިޔައިރު، ތިންވަނަ ސެޓު ގެންދިޔައީ 25-15އިންނެވެ. ކިރްގިސްތާނުން މެޗު ކާމިޔާބުކުރީ 25-11އިން ފަހު ސެޓު ގެންގޮސްގެންނެވެ.

މާދަމާ ހަވީރު ކުޅޭ އެ މުބާރާތުގެ ސެމީގެ މެޗުގައި ބައްދަލުކުރާނީ ވެސް ނޭޕާލާއި ކިރްގިސްތާނެވެ. އެ މެޗުން މޮޅުވާ ޓީމަކަށް އަންނަ ބުދަ ދުވަހު ކުޅޭ ފައިނަލުން ޖާގައެއް ލިބޭނެއެވެ. ފައިނަލުގައި އަނެއްކޮޅުން ވާދަކުރާނީ ތުރުކުމަނިސްތާނެވެ. އެޓީމު ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވާއިރު، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ރާއްޖޭގެ ޓީމު ކުޅުނު ހުރިހާ މެޗަކުން ބަލިވެ، މުބާރާތުން ވަނީ ކަޓައިފައެވެ.

comment ކޮމެންޓް