ރީކޯ މޫސަގެ އިތުބާރު ނެތްކަމުގެ މައްސަލަ އޭޕްރީލް މަހުގެ 11 ވަނަ ދުވަހަށް އެޖެންޑާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު

އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އޭޕްރީލް މަހުގެ 11 ވަނަ ދުވަށް އެޖެންޑާކޮށްފިއެވެ.

އިދިކޮޅު 15 މެމްބަރުންގެ ސޮޔާއެކު މިމަހުގެ 22 ވަނަ ދުވަހު ހުށަހެޅި އެ މައްސަލަ އަންނަ އޭޕްރީލް މަހުގެ 11 ވަނަ ދުވަހަށް އެޖެންޑާ ކުރިކަން މަޖިލިސް މެމްބަރުންނަށް މިއަދު ވަނީ ލިޔުމުން އަންގައިފައެވެ.

އެ މައްސަލަ ހުށަހެޅުމުގައި އިސްކޮށް އުޅުއްވާ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވީ މޫސަގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި 15 މެމްބަރަކު ސޮއި ކުރެއްވީ އަވަހަށް އެ މަސައްކަތް ފެށުމަށް ކަމަށާއި އެއަށްވުރެ ގިނަ މެމްބަރުންގެ ވޯޓު ލިބޭނެ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މޫސަ ވިދާޅުވިގޮތުގައި އޭނާއަކީ މަޖިލީހުގެ ރައީސް އަންގަވާ ގޮތަކަށް އަމަލު ކުރައްވަން ހުންނަވާ ބޭފުޅެކެވެ. އޭނާ އަށް އަމަލު ކުރެއްވޭނީ ހަވާލު ކުރައްވާ މަސައްކަތް އެކަނި ކަމަށް މޫސަ ވިދާޅުވި އެވެ.

ވަކި ބަޔަކު ބޭނުން ގޮތަކަށް ގާނޫނުތަކާ ހިލާފަށް މަޖިލިސް ހިންގަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތާ ގުޅިގެން މޫސަ ވިދާޅުވީ މަޖިލީހުގެ ނިންމުންތަކަކީ މަޖިލީހުގެ މެޖޯރިޓީއާ އެއްގޮތަށް ނިންމާ ކަންތައްތައް ކަމަށެވެ.

comment ކޮމެންޓް