މި ގުރޫޕުން ކޮލިފައިވާން ބޭނުންވަނީ ރާއްޖެވެސް ގޮވައިގެން: ފަލަސްތީން ކޯޗު

ފަލަސްތީންގެ ކޯޗު އަބްދުލް ނާސިރު ބަރަކާތު -- ސަން ފޮޓޯ/ ފަޔާޒް މޫސާ

އޭއެފްސީ އޭޝިއަން ކަޕަށް ކޮލިފައިވާން ބޭނުންވަނީ ދިވެހި ޓީމު ގޮވައިގެން ކަމަށާއި ދިވެހިންނަކީ ފަލަސްތީން ޓީމާ ގާތް ގުޅުމެއް އޮންނަ ޓީމެއް ކަމަށް ފަލަސްތީންގެ ކޯޗު އަބްދުލް ނާސިރު ބަރަކާތު ބުނެފިއެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާ ރޭ ދިވެހިރާއްޖެއާ ދެކޮޅަށް ކުޅޭ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ފަލަސްތީން ޓީމުގެ ކޯޗު ބުނީ، އެ ޓީމަކީ ގުރޫޕްގެ ފޭވަރިޓުންގެ ގޮތުގައި ނުދެކޭ ކަމަށާއި ގުރޫޕް ސްޓޭޖް ފަހަނައަޅާ ދާން ބޭނުންވަނީ ރާއްޖެ ގޮވައިގެން ކަމަށެވެ.

"އަހަރަމެންނާ ރާއްޖެއާ އޮވޭ ވަރަށް ގާތް ގުޅުމެއް. ގުރޫޕް ސްޓޭޖުން ދެ ޓީމު ކޮލިފައިވާއިރު ބޭނުންވަނީ އަހަރަމެންނާއެކު ރާއްޖެ ވެސް ކޮލިފައިވުން،" ކޯޗު ބުންޏެވެ.

ކޯޗު ބުނީ، ރާއްޖެއަކީ ބަލި ޓީމެއްގެ ގޮތުގައި ނުދެކޭ ކަމަށާއި ރާއްޖެއަކީ މޮޅު ޓީމެއް ކަމަށެވެ. އަދި ކުޅުންތެރިންނަށް އިތުބާރުކުރާ ކަމަށާއި ދިވެހި ރާއްޖޭގައި ކުރިން ކުޅެފައި ތިބި ކުޅުންތެރިން ތިއްބަސް މުޅި ޓީމަކީ ޒުވާން ޓީމެއް ކަމަށެވެ.

"އަހަރަމެންގެ މިއޮތީ ވަރަށް ޒުވާން ޓީމެއް. ނަމަވެސް މީގެ ކުރިން ރައްޖޭގައި، މި ދަނޑުގައި ކުޅުނު މެޗުގައި ކުޅުނު ކުޅުންތެރިން އެބަތިބި،" ކޯޗު އަބްދުލް ނާސިރު ބުންޏެވެ.

ފަލަސްތީން މި މެޗު ކުޅެން ރާއްޖެ އައުމުގެ ކުރިންވަނީ ގަތަރުގައި ކޭމްޕްކޮށް އެގައުމުގައި ޔަމަން އަތުން މޮޅުވެފައެވެ. އެ މެޗުގައި ފަލަސްތީނުން ޔަމަން ބަލިކުރީ 1-0ގެ ނަތީޖާއަކުންނެވެ.

މާދަމާ ރޭ ރާއްޖެއާ ދެކޮޅަށް ފަލަސްތީން ނުކުންނައިރު، ރާއްޖެއާއި ފަލަސްތީން ވަނީ ދެ ފަހަރަކު ބައްދަލުކޮށްފައެވެ. އޭއެފްސީ ޗެލެންޖް ކަޕް 2012ގައި ރާއްޖެ އަތުން 2-0 ލަނޑުގެ ނަތީޖާއަކުން ފަލަސްތީން މޮޅުވިއިރު، ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕް 2014ގައި ކުޅުނު މެޗު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

comment ކޮމެންޓް